Roadha Mihaaru
ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ

ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓް

12 އޯގަސްޓް 2021

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގައި ރައްޔިތުން މަޖިލީހުން އަމަލުކުރި ގޮތުން ދައުވާ ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގައި ރައްޔިތުން މަޖިލީހުން އަމަލުކުރި ގޮތުން ދައުވާ ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނަވަނިކޮށް ޖަމީލް އެ މަގާމުން ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ މައްސަލަ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ 2019 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ނައިބު ރައީސަކު މަގާމުން ދުރުކުރި މައްސަލައެއް ކޯޓަކުން ބެލި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިސްލާމްދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފްވާ ހާލަތްތަކުގައި ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އެބައޮތް ކަމަށާއި އެކަމާބެހޭ އިޖްރައާތުތައް ކަނޑައެޅުމުގެ ބާރު ވެސް އޮތީ މަޖިލީހަށް ކަމަށެވެ. ނަމަވެސް މަޖިލީހުން ވެސް އަމަލުކުރަން ޖެހެނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވާއިރު، ޖަމީލް ވަކިކުރުމުގައި މަޖިލީހުން އަމަލުކުރި ގޮތުން ކޯޓު މެދުވެރިކޮށް ހައްލު ހޯދަން އޭނާއަށް ދައުވާ ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ މައްސަލާގައި ދައުވާކުރުމުގެ ހައްގު ޖަމީލަށް އޮޮތަސް، އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ ގާނޫނު އަސާސީ އޮތްގޮތުން ސުޕްރީމް ކޯޓަށް ބެލޭނީ ރައީސް މަގާމުން ދުރުކުރާ މައްސަލަތައް އެކަނި ކަމަށް ވެފައި، ނައިބު ރައީސް މަގާމުން ދުރުކުރާ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނު އަސާސީގައި ނެތުން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ފުރަތަމަ މަރުހަލާގައި ބަލަންޖެހޭނީ ސިވިލް ކޯޓުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަމަކު ހުކުމުގައިވަނީ ޖަމީލް ވަކިކުރަން ނިންމުމުގައި އޭރުގެ ރައީސް ޔާމީންގެ ބަހެއް ނެތުމަކީ އެކަމާ މެދު ކޯޓަށް ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިތުބާރު ނެތްކަމަށް ފާސް ކުރުމުގައި ރައީސްގެ ބަހެއް ނެތުމަކީ އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ބުރަވި މިންގަނޑަކީ ވެސް އެކަމާ މެދު ކޯޓުތަކުން ބަސް ނުބުނެވޭނެ ކަންކަން ކަމަށް އެ ހުކުމުގައިވެ އެވެ.

މަޖިލީހުން ގާނޫނާ ޚިލާފަށް އަމަލުކޮށްފި ނަމަ، ކޯޓަށް މައްސަލަ ބެލޭނެ

ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައިވަނީ ގާނޫނެއްގެ ސައްހަކަން ބެލުން ފިޔަވައި، މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއްގެ މައްސަލަ ކޯޓަކަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް ހުކުމުގައިވަނީ، އެއީ އެއްވެސް އިސްތިސްނާއެއް ނެތް އުސޫލެއް ނޫން ކަމަށާއި މަޖިލީހުން ވިޔަސް، ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް އަމަލުކޮށްފައިވާ ހާލަތްތަކުގައި އެފަދަ މައްސަލަަތައް ކޯޓުތަކަށް ބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެފަދަ މައްސަލަތައް ކޯޓުތަކުން ބަލާނީ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒެއް ހަނި ކުރުމަށް ވުރެ ބޮޑަށް ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ކަމަށް އެ ހުކުމުގައިވެ އެވެ.

"ދައުލަތުގެ އެއްބާރުން ކުރާ ކަމެއް ގާނޫނު އަސާސީއާ ޚިލާފްވާ ނަމަ، އެ މައްސަލައެއް އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެ ކަމަށް މާނަ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް އަދި ގާނޫނު އަސާސީއެއް އޮތުމުގެ މަގްސަދާ ޚިލާފް، ދެކޮޅު ނުޖެހޭ ކަމެއް." ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ޑރ. ޖަމީލްގެ މައްސަލައިގައި މިއަދު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުކުމް އިއްވަނީ --

ޑރ. ޖަމީލްގެ މައްސަލައިގައި މިއަދު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުކުމް އިއްވަނީ --

ހުކުމުގައިވަނީ އެހެން ގައުމުތަކުގައި ވެސް މަޖިލީހުން ނިންމާ ނިންމުންތަކުގެ މައްސަަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ކުރިން ބަލަމުން އައި ނަމަވެސް އެ ވިސްނުމާ ދުރަށް ދާން ގިނަ ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކަމަށެވެ. އަދި މަޖިލީހުގެ ނިންމުންތައް ކޯޓުތަކުން ބެލުމުގެ ފުރުސަތު އެއްކޮށް ބަންދުވެގެން ނުވާނެ ކަމަށް ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ބަލަމުންދާ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެއީ ގާނޫނު ހަދާ ބާރުގެ މައްޗަށް ގޮތް ކިޔުމަށް ކުރެވޭ ކަމަކަށް ވުރެ، އަސާސީ ހައްގެއް ނުވަތަ ދުސްތޫރީ ނިޒާމުގެ ހިމާޔަތް ކުރުމުގެ މަގްސަދުގައި ކުރެވޭ ކަމެއް ކަމަށްވާތީ،" އެ ހުކުމުގައިވެ އެވެ.

އޭގެ މިސާލެއްގެ ގޮތުން އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ހުކުމުގައި ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމާ ދުރަށް ދާންޖެހޭ

ރައީސާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމުން ދުރުކުރަން މަޖިލީހުން ފާސް ކުރިޔަސް، އެ ނިންމުމަށް އަމަލުކުރެވޭނީ ސުޕްރީމް ކޯޓުން އެކަމާ މެދު ފަހު ބަސް ބުނުމަށް ފަހު ކަމަށް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު މައްސަލަ ނިންމާފައި އޮވެ އެވެ.

އެކަމާ ގުޅިގެން ހުކުމުގައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ އެ ހުކުމަކީ އެއްވެސް ހާދިސާއަކާ ގުޅުމެއް ނެތި ދައުލަތުން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭރު ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ނެތް ކަމެއް ސުޕްރީމް ކޯޓުން އަމިއްލަ އިސް ނެގުމުގައި ކަނޑައެޅުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ނިންމުމަކީ މަޖިލީހަށް ގާނޫނު އަސާސީން ލިބިދޭ އިމްތިޔާޒްތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"މަޖިލީހުން ނިންމާ ހުރިހާ ނިންމުންތައް ކޯޓަށް ހުށަހަޅަންޖެހޭ ކަމުގައި ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނުވާއިރު އަދި މި މޭރުމުން ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ އެއްވެސް ގާނޫނެއްގައި ބަޔާން ކޮށްފައި ނުވާއިރު، ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް، ރައްޔިތުންގެ މަޖިލީހުން މަގާމުން ދުރުކުރާ އެންމެންގެ މައްސަލަތައް ބަލައި، ގޮތް ކަނޑައެޅުން ލާޒިމެއް ނުކުރެވޭނެ." އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަކީ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވިސްނުމެއް ނަމަ، އެކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނާނެ އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

ނައިބު ރައީސްކަމުން ޖަމީލް ވަކި ކުރުމުން އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭނާ މަސައްކަތް ކުރެއްވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. އެކަމަކު މިހާރު އޭނާ ވަނީ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެން، ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.