Roadha Mihaaru
ތަހުގީގު ގާނޫނާ ޚިލާފު، ފާރިސް ވާހަކައެއް ނުދެއްކެވި

ފާރިސްއާ މެދު އަމަލުކުރަނީ ގާނޫނީ ޚިލާފަށް، ތަހުގީގުގައި ވާހަކައެއް ނުދެއްކެވި: މައުމޫން

23 ޖުލައި 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާތީވެ، ތަހުގީގުގައި އޭނާ މިއަދު ވާހަކަ ނުދެއްކެވި ކަމަށް ވަކީލް، މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާތީވެ، ތަހުގީގުގައި އޭނާ މިއަދު ވާހަކަ ނުދެއްކެވި ކަމަށް ވަކީލް، މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ފާރިސް ހައްޔަރުކޮށް މާފުށީ ޖަލަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓަށް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ފާރިސް ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ފާރިސް އިއްޔެ ވަނީ ކުއްލި ގޮތަކަށް ދޫނިދު އަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑު އެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން މިއަދު ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައި ވަނީ ގާނޫނުތަކާއި ކޯޓުގެ އަމުރާ ވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެހެންވެ، މިއަދު ހެނދުނު ދޫނިދޫގައި އޮތް ތަހުގީގުގައި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި، ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންގޮސް ދެއްވަން ފާރިސް އެދިވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކުރާ ރިޝްވަތުގެ ތަހުގީގު ކުރިއަށް ގެންދަނީ، މައުމޫން ވިދާޅުވި ގޮތުގައި، ބާތިލް އިޖުރާއަތުތަކާއި ބާތިލް ކަންތައްތަކެއްގެ މައްޗަށް ކަމަށް ތަހުގީގުގައި ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު އޭނާ އަނބުރައި ދޫނިދު އަށް ގެންދަނީ.----މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު އޭނާ އަނބުރައި ދޫނިދު އަށް ގެންދަނީ.----މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ފާރިސް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް. މިއަދު ހިންގި ތަހުގީގު އިންޓަވިއު އަކީ ގާނޫނީ އިމުން ބޭރުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ފާރިސް ދެކެވަޑައިގަންނަވާ. ސަބަބަކީ ފުލުހުން އަމިއްލަފުޅަށް ވިދާޅުވެފައި އެބަވޭ، ފާރިސް ދޫނިދޫ ކަސްޓޯޑިއަލް އިން ކަރެކްޝަނަލް ސާވިސް އަށް އަށް ހަވާލުކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް. ކޯޓު އަމުރުގައި އޮތީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ފާރިސް ބެހެއްޓުމަށް،" ފުލުހުންގެ ޑިޓެންޝަން ސެންޓަރު ދޫނިދޫގައި ފާރިސް ހައްޔަރުކޮށްފައި ބެހެއްޓުމަކީ ކޯޓުގެ އަމުރާ ޚިލާފު ކަމެއްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުގެ އަމުރު އެ ގޮތުގައި ދެމިއޮތްހާ ހިނދަކު ފާރިސް ދޫނިދޫގައި ނުބެހެއްޓޭނެ ކަމަށެވެ. މާފުއްޓަށް ފާރިސް ގެންދަން ކޯޓު އަމުރަށް ތަބާވެ، އެތަނުން ދޫނިދު އަށް އަނބުރާ ގެންދަންވީމަ ކޯޓު އަމުރަށް ނުބެލުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކޯޓު އަމުރުގައި ނެތް ފުލުހުންނަށް ފެނިވަޑައިގަންނަވާ ކޮންމެ ތަނެއްގައި ފާރިސް ބެހެއްޓުމަށް. ރިމާންޑް ޖަލެއްގައި ފާރިސް ބަހައްޓަން އަމުރުކޮށްފައިވާއިރު ދޫނިދޫ އަކީ ރިމާންޑް ޖަލެއް ނޫން. އެހެންވީމަ ފާރިސް އެތަނުގައި ނުގެންގުޅެވޭނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ވަކީލުންނާ ނުލައި ފުލުހުން ރޭ ވަނީ ފާރިސްއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، މިއަދުގެ ކޯޓު އަޑު އެހުމަށް ފަހު، ތަހުގީގު ކުރިއށް ގެންދާނެ ކަމަށް ފާރިސްގެ ގާތު ބުނުމަށް ފަހު، ވަކީލުންނަށް އެންގީ ހެނދުނު ދޫނިދު އަށް ވަޑައިގަތުމަށް ކަމަށެވެ.

"މިއިން އެނގޭ ކަމަކީ، ފުލުހުން އަމިއްލަ އަށް ނިންމެވި ނިންމެވުން ކޮންމެވެސް ސަބަބަކާ ހުރެ ބަދަލުކުރައްވަން ޖެހިވަޑައިގެންނެވި ކަން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އެގޮތަށް އަމަލުކުރީ ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ހެނދުނު ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމަށް ހުރަސްއަޅަން ކަމަށް ގަބޫލު ކުރެއްވެ އެވެ. އެކަން ކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަން މައުމޫން ފާހަގަކުރެއްވި އެވެ.