27 ފެބުރުއަރީ 2018
މިހާރު ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމަކުން އެ މަނިކުފާނާ ސުވާލު ކުރަން ޖަލަށް ދިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރައްވައިފި އެވެ.
މިހާރު ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމަކުން އެ މަނިކުފާނާ ސުވާލު ކުރަން ޖަލަށް ދިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރައްވައިފި އެވެ.
މައުމޫން ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ އޭސީސީން ތަހުގީގު ކުރާ މައްސަލަ ބިނާވެފައިވަނީ 2007 ވަނަ އަހަރުގެ ރިޕޯޓަކާ ގުޅޭ ގޮތުން ކަމަށެވެ. އެކަމަކު، އެ މައްސަލަ އަށް މިހާރު 10 އަހަރުވެފައިވާތީ އެއީ ތަހުގީގުކޮށް، ދައުވާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މައުމޫން އެ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫން ހަމީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
މައުމޫން ހަމީދު މިސާލެއްގެ ގޮތުގައި ނެންގެވީ، ގާނޫނުލްއުގޫބާތުގައި ބުނާ އަށް އަހަރު ފާއިތުވެފައިވާ މައްސަލައެއްގައި ދައުވާ ނުއުފުލޭނެ ކަމަށް ބުނާ މާއްދާ އެވެ. އެހެންވެ، ތަހުގީގަށް އިންޓަވިއު ކުރާ ކޮޓަރި އަށް ވެސް ވަޑައިނުގަންނަވާނެ ކަމަށް މައުމޫން އޭސީސީގެ ބޭފުޅުންނަށް އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އޭސީސީގެ ބޭފުޅުންނަށް އެކަން އޮޅުންނުފިލައި އޮތް ހެން.... އެފަދަ ދައުވާއެއް އުފުލޭ ވަރަށް އެއްޗެއް ހުރި ނަމަވެސް، ނުއުފުލޭނެ. އެއީ މި ދެންނެވި ސަބަބަށްޓަކައި ގާނޫނު ހުރަސް އަޅާތީ،" ވަކީލު ވިދާޅުވި އެވެ.
މައުމޫން ހަމީދު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މައުމޫން ވަނީ އޭސީސީން ބަލަމުން އަންނަ މައްސަލައިގައި ފުރިހަމަ ބަޔާނެއް ދެއްވައިފަ އެވެ. އެހެންވެ، އިތުރަށް ސުވާލު ކުރަން އޭސީސީން އުޅޭ ސަބަބާ މެދު މައުމޫން ހަމީދު ސުވާލު އުފެއްދެވި އެވެ.
އޭސީސީ އަށް ފާޑު ވިދާޅުވަމުން، މައުމޫން ހަމީދު ވިދާޅުވީ ސިޔާސީ މަސްރަހުގައި ހިނގާ ކަމަކުން ކުއްލިއަކަށް އޭސީސީގެ ބޭފުޅުންނަށް "ނިދިން ހޭފުޅުލެވިގެން" މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމީ މީގެ ކުރިން ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ އޭސީސީން ގާނޫނުގެ ތެރެއިން އެއްވެސް މައްސަލައެއް ތަހުގީގުކުރާ ނަމަ، އެކަމަށް މައުމޫން ފުރިހަމަ އަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ގާތް ބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އެ ފައިސާ ހޯދަން އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރު ކުރީ ރިޝްވަތު ދެއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން ރޭވިކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން އިއްޔެ ބުނީ މައުމޫންގެ އިތުރުން، އެ މަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ލިބިފަިއވާ ކަމަށެވެ.
މީގެ އިތުރުން، އެ ތިން ބޭފުޅުން އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވައިގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރެއްވި ކަމުގެ ހެކި ވެސް އެބަހުރި ކަމަށް ފުލުހުން ބުނެ އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު، ވަކީލުން ވިދާޅުވީ މި މައްސަލަތަކުގައި އެ ތިން ބޭފުޅުންނާ ފުލުހުން މިހާތަނަށް ސުވާލު ކޮށްފައިނުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން އެ ތިން ބޭފުޅުންގެ ވަކީލުން ވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާއިރު، ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
ފަނޑިޔާރުންނާއި މައުމޫނަށް ޓެރަރިޒަމްގެ ދައުވާ
ފާރިސްގެ އަނިޔާތައް ސީރިއަސް ކަމަށް ބެލެވޭ: އާއިލާ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ
ތަހުގީގަށް އެއްބާރުލުން ނުދޭ މީހުންގެ މައްސަލަ ޕީޖީއަށް
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް