Roadha Mihaaru
ފާރިސް ހައްޔަރު ކުރުމުން ދުންޔާ ހިތްހަމަނުޖެހިއްޖެ

ފާރިސް ހައްޔަރު ކުރުމުން ދުންޔާ ހިތްހަމަނުޖެހިއްޖެ

18 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ހިތްހަމަނުޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ހިތްހަމަނުޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފި އެވެ.

ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮއްކޮ ފާރިސް އާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އެ ޓުވީޓާއެކު، ދުންޔާ ވަނީ ފާރިސް އާއި ޔުމްނާ މައުމޫން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން މައުމޫނާއެކު ކުޑައިރު އިންނެވި ފޮޓޯއެއް އާންމު ކުރައްވައިފަ އެވެ.

ދުންޔާ ކުރެއްވި ޓުވީޓު.

ދުންޔާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ "ލެޔަކީ ފެނަށް ވުރެ އޮލަ އެއްޗެއް" ކަމަށެވެ. ބެލެވޭ ގޮތުގައި މި ޓްވީޓުގައި ދުންޔާ މާނަކުރެއްވީ، ލޭގެ ގުޅުން އެހެން ގުޅުންތަކަށްވުރެ މާ ވަރުގަދަ ވާނެ ކަމެވެ.

ދުންޔާ ކުރެއްވި ޓުވީޓު.

ދުންޔާގެ ޓުވީޓުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅުން އިސްވެ ތިއްބަވައި ފާރިސް އަށް އަނިޔާ ދޭ އިރު، ސަރުކާރުގެ ދިފާއުގައި ދުންޔާ ހުންނަވާތީ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ފާރިސް ދެކެ ލޯބިވެވަޑައިގަންނަވާނަމަ، ދުންޔާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ ފަޅި އަށް އެރުމަށް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ. އަދި ދުންޔާ މަގާމުން އިސްތިއުފާ ދެއްވާފައި، އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަން ނުވޭތޯ ގިނަ ބަޔަކު ސުވާލު ކުރި އެވެ.

ދުންޔާގެ ޓުވީޓާ ގުޅިގެން މީހަކު ކުރި ސުވާލެއް.

"ގޮޅިއަށް ފެތި ވަޑައިގެންތޯ ތިޔަ ހުންނެވީ؟ އަމިއްލަ ކޮއްކޮ އަށް އަނިޔާ ކުރާ އިރު ވެސް އަތް ޖައްސަވަން، ކެރިވަޑައިގަންނަވާނަންތޯ ކޮއްކޮގެ ދިފާއުގައި ބަސް ބުނަން،" މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ބައެއް އާންމުން ވަނީ ދުންޔާ އަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފަ އެވެ. އެގޮތުން އެމީހުން ބުނި ގޮތުގައި ދުންޔާއަކީ ގައުމަށްޓަކައި ނިކުމެވަޑައިގެން ހުންނެވި ފިސާރި ކަނބަލެކެވެ.

މީހަކު ކުރި ޓުވީޓެއް.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެކަމަކު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ އަހަރެއް ނުވަނީސް، އޭނާ ވަނީ އަލުން ސަރުކާރާ ގުޅިވަޑައިގެންފަ އެވެ. އަދި މިއަދާ ހަމައަށް އައިއިރު، އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.