Roadha Mihaaru

އަޅުގަނޑު މިހުރީ ގަދަކޮށް، އެންމެ ތަންކޮޅެއް ވެސް ދޫނުދެއްވާތި: ފާރިސް

23 ޖުލައި 2017

ރިޝްވަތުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުނު ނަމަވެސް އޭނާ ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި އިސްލާހީ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫ ނުދިނުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުނު ނަމަވެސް އޭނާ ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި އިސްލާހީ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫ ނުދިނުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އާންމުންނަށް މި މެސެޖް ދެއްވަން އޭނާ އެދިވަޑައިގަތީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މެދުވެރިކޮށެވެ.

"ވަރަށް ހިތްވަރު ގަދަކޮށް ހުންނެވީ. އެހެން މެމްބަރުންނާއި ރައްޔިތުން ވެސް އެ ހިތްވަރުގައި ސާބިތުވެ ތިއްބެވުމަށް [ފާރިސް] އެދިވަޑައިގެންނެވީ،" ޕީޕީއެމްގެ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފަހު ފާރިސް އަނބުރާ ދޫނިދު އަށް ގެންދަން ފުލުހުންގެ ވެހިކަލަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފަހު ފާރިސް އަނބުރާ ދޫނިދު އަށް ގެންދަން ފުލުހުންގެ ވެހިކަލަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް އެވެ. މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުު ދޭން އުޅުނު ކަމުގެ ތުހުމަތު ފާރިސްގެ މައްޗަށްކޮށް، ޝަރީއަތް ނިމެންދެން، ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ އަމުރާ ފުލުހުން ޚިލާފުވެ، ފާރިސް ދޫނިދޫގައި ގެންގުޅޭތީ ވަކީލުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ފާރިސްގެ ވަކީލް، މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ދޫނިދު އަކީ ރިމާންޑް ޖަލަކަށް ނުވާއިރު އެތަނުގައި ފާރިސް ގެންގުޅެނީ ގާނޫނާ ޚިލާފަށެވެ. އަދި އޭނާގެ ތަހުގީގުގެ އެންމެހާ ކަންކަން ވެސް ކުރިއަށް ގެންދަނީ އިޖުރާއަތުތަކުގެ ބޭރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.