Roadha Mihaaru
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް

ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ވެސް ނެތް: ޝަމީމް

02 އޯގަސްޓް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް އޭނާގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް އޭނާގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ފާރިސް އަށް ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކުރިން އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެކަމަކު އެ ހުކުމް އައި އިރު ފާރިސް ޖަލަށް ލާފައި ހުންނަތާ އެ އަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ޝަމީމް އިއްޔެ ކުރެއްވި ޓުވީޓު.

މާފުށީ ޖަލުގައި ފާރިސްއާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ޝަމީމް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ފާރިސްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އެގޮތުން އިންސާނުންގެ ތެރެއިން އެންމެ ހިތްވަރުގަދަ ބަޔަކީ އަޔަންމެންގެ ރޭސްތަކާއި މެރަތަން ރޭސް ޖަހާ މީހުން ކަމަށް ކުރިން ދެކެވަޑައިގަތަސް ފާރިސް އެ މީހުންނާ ވެސް މުޅިން ތަފާތު ކަމަށެވެ.

"ބޮޑުބޭބެގެ ފަރާތުން ބޭއިންސާފާ ކުރިމަތިލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އޭނާ [ފާރިސް] އަދިވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ސާބިތުވެ އެވެ! ގަބޫލުކުރަން ވެސް ދައްޗެވެ!" ޝަމީމްގެ ޓްވީޓްގައި ލިއުއްވި އެވެ.

ވަކީލު ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު

ވަކީލު ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު

އެ ޓުވީޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން "މިހާރު" އަށް ޝަމީމް ވިދާޅުވީ ފާރިސް ހުންނެވީ އެއްވެސް ވަރަކަށް ފަސް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމުގެ ރޫހު އަދިވެސް ފާރިސްގެ ކިބައިގައި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގަދަކޮށް ފާރިސް ހުރީ. ބިރެއް ވެސް ނުގަނޭ. ފޫހިވެފައެއް ނޫން ހުރީ. އިސްލާހީ މަސައްކަތް ކުރިއަށް ގެންގޮސް މިކަން ނިންމަން ޖެހޭ ކަމަށް ބުނީ. މާޔޫސް ވެސް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފާރިސްއާ ބައްދަލުނުވާތާ ހަތަރު މަސް ކޮށްފައި، އިއްޔެ ބައްދަލުވި އިރު، ފާރިސްގެ އަޒުމް ވަރަށް ވަރުގަދަ އެވެ.

"އެހެން މީހަކު ޖަލަށް ލައިފި ނަމަ، ފޫހިވެގެން އުޅޭނީ. ބުނާނެ މިކަމާ ނޫޅެވުނު ނަމަ ރަނގަޅޭ. ގޭގައި އޮތް ނަމަ، ޖަލުގައި އޮންނާކަށް ނުޖެހޭނެއޭ، އެކަމަކު ފާރިސްގެ އެ ވިސްނުން ނެތް،" ޝަމީމް ވިދާޅުވި އެވެ.

"ބައެއް މީހުން ޖަލަށް ލީމާ، މާޔޫސްވެގެން ވެސް އުޅޭނެ. އެކަމަކު ފާރިސް އެމީހުންނާ ތަފާތު."

ޝަމީމް ވިދާޅުވީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ހެކިވެރިޔާ ހެކިބަސް ދީފައި އޮއްވާ އޭނާ ޖަލުގައި ގެންގުޅޭތީ ތަފާތުކުރުން ގެންގުޅޭ މިންވަރު ސާފުވާ ކަމަށެވެ.

ފާރިސްގެ އިތުރުން ބައްޕާޕުޅު މައުމޫން ވެސް ހުންނެވީ ޖަލުގަ އެވެ. ފުލުހުންނަށް ފޯނު ނުދެއްވި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު ވަނީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލައިފަ އެވެ. އޭގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.