Roadha Mihaaru
މޮރީނިއޯގެ ފާޑުކިޔުންތަކަށް ކްލޮޕް ދިނީ ފިނި ޖަވާބެއް

މޮރީނިއޯގެ ފާޑުކިޔުންތަކަށް ކްލޮޕް ދިނީ ފިނި ޖަވާބެއް

25 ޖުލައި 2017

ލިވަޕޫލް (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ލިވަޕޫލަށް ފާޑުކީ ނަމަވެސް އެކަމަށް ސީދާ ރައްދެއް ދޭން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ލިވަޕޫލަށް ފާޑުކީ ނަމަވެސް އެކަމަށް ސީދާ ރައްދެއް ދޭން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ. އާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު ދެ ޓީމުން ވެސް އަންނަނީ ކުޅުންތެރިން ގަނެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑްގެ ޕްރީ ސީޒަން ޓުއާ ތެެރެއިން މޮރީނިއޯ ބުނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއާ ލީގުގައި ކުޅެން ފަސޭހަވީ ޔޫރަޕް ފުޓްބޯޅަ ނެތުމުން ކަމަށާއި ރަނގަޅު ސްކޮޑެއް ނެތި މި އަހަރު ލިވަޕޫލްގެ ނަތީޖާތަށް ދަށްވާނެ ކަމަށެވެ.

"މި ދިޔަ ސީޒަނުގައި ފެނުނު ލިވަޕޫލް ވެސް ވަރަށް ވަރުގަދަކޮށް. ޕްރިމިއާ ލީގުގެ ގަދަ ހައެއްގައި ނިންމާލި ޓީމަކަށް އެ ޓީމު ބައްޔެއް ނުކުރެވޭ. އެކަމަކު މި އަހަރު މުޅިން ތަފާތު ވާނެ. ޔޫރަޕް ފުޓްބޯޅަ ކުޅެފައި ލީގުގައި ވާދަކުރެވޭ ސްކޮޑެއް ލިވަޕޫލްގެ ނެތިއްޖެނަމަ އެއީ ޓީމަށް ލަނޑު ލިބުން ގާތް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ ވާހަކަތަކާ ގުޅޭގޮތުން ގޯލް.ކޮމްގެ ނޫސްވެރިއާ މެލީސާ ރެޑީ ސުވާލު ކުރުމުން ކްލޮޕް ބުނީ މި ވަގުތު އޭނާ އަށް މުހިއްމީ ޕްރީ ސީޒަން ކަމަށާއި ލިވަޕޫލްގެ ކަންތައްތަކާ އެހެން ޓީމުތަކުން ވިސްނުމަކީ އޭނާ އަށް ލިބޭ ހިތްވަރެއް ކަމަަށެވެ.

"ބައެއް ކޯޗުން (މޮރީނިއޯ) އަށް ލިވަޕޫލްގެ ކަންތައް މުހިއްމު ވަންޏާ އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް. އެކަމަކު އަހަންނަށް އޭގެން ލިބޭ ހިތްވަރެއް އެބައޮތް. އެއީ އެ މީހުންނަށް އޮތް ބޮލުގެ ރިހުމަކަށް އަަހަރެމެން ވާތީ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން މި ފަހަރު ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދީ ޕްރިމިއާ ލީގުގެ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ. ޔުނައިޓެޑުން ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލުން ވަނީ ރޯމާގެ ވިންގް މުހައްމަދު ސަލާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ އަދި ހަލް ސިޓީ އަށް ކުޅޭ ސްކޮޓްލެންޑްގެ ވާތު ބެކް އެންޑީ ރޮބަޓްސަން ގެނެސްފަ އެވެ. އަދި އެ ޓީމުން އަންނަނީ އާރްބީ ލިޕްޒިގަށް ކުޅޭ ގިނީ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި ސައުތެމްޓަންގެ ވާޖިލް ވެން ޑައިކަށް ފާރަލަމުންނެވެ.