Roadha Mihaaru
ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ މޮރީނިއޯ އަށް ލިބޭ އުފަލެއް

ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ މޮރީނިއޯ އަށް ލިބޭ އުފަލެއް

14 އޮކްޓޯބަރ 2017

ލިވަޕޫލް (އޮކްޓޯބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެން ނުކުންނައިރު މިއީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހާއްސަ މެޗެއްގެ ގޮތުގައި އޭނާ ސިފަކޮށްފި އެވެ.

ލިވަޕޫލް (އޮކްޓޯބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެން ނުކުންނައިރު މިއީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހާއްސަ މެޗެއްގެ ގޮތުގައި އޭނާ ސިފަކޮށްފި އެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ޗެލްސީ އާއި ޔުނައިޓެޑް ގޮވައިގެން ލިވަޕޫލްގެ ދަނޑު ކަމަށްވާ އެންފީލްޑްގައި އެ ޓީމާ ދެކޮޅަށް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.

"އަހަރެން އެންފީލްޑްގައި ބޮޑެތި މެޗުތަކުން މޮޅުވިން. އެ ދުވަހު ދިޔައީ އުފަލުން. އަދި ބޮޑެތި މެޗުތަކުން ބަލިވެފައި ވެސް އެބަހުރި. އެ ފަހަރުތަކުގައި ދިޔައީ ވަރަށް ދެރަވެގެން ހުރެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން ބޮޑަށް އަހަންނަށް ލިބޭ އުފަލެއް އެބައޮތް. އެއީ އެންފީލްޑްގައި ކުޅުމަކީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ ކަމެއް،" މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

މިދިޔަ ސީޒަނު އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ގޮވައިގެން އައިސް އެ ޓީމު ލައްވާ މޮރީނިއޯ ކުޅުވީ ވަރަށް ޑިފެންސިވް ގޭމެކެވެ. މޮރީނިއޯ ބުނީ މިދިޔަ ސީޒަނާ މި އަހަރު ވަރަށް ތަފާތު ކަމަށެވެ.

"ވަރަށް ގިނަ ތަފާތުތަކެއް އެބަހުރި. މިދިޔަ ސީޒަނުގައި އަހަރެމެންގެ ނެތް ކުޅުންތެރިން މިހާރު އެބަތިބި. އެކަމަކު އަހަންނަށް މިހާރު ލިވަޕޫލް މާ ރަނގަޅަށް އެނގޭ. އެހެންވުމުން އެ ގޮތުން ވެސް ފަސޭހަތަކެއް އެބަހުރި،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޕްރިމިއާ ލީގުގައި މި ވަގުތު ގަދަ ހަ ޓީމެއް އެބައޮތް ކަމަށާއި ލީގު ކާމިޔާބު ކުރަން ބޭނުންނަމަ މި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭ ކަމަށެވެ.

ލިވަޕޫލް އެންމެ ފަހުން ޕްރިމިއާ ލީގުގައި ޔުނައިޓެޑް ބަލިކުރީ 2013/2014 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ލިވަޕޫލް މިއަދުގެ މެޗަށް ނުކުންނައިރު ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ މޮރީނިއޯއާ ދެކޮޅަށް ކްލޮޕްގެ ރެކޯޑް ރަނގަޅުވުމެވެ.

ވާދަވެރި މެޗުތަކުގައި މޮރީނިއޯ ކޯޗުކޮށްދިން ޓީމުތަކާ ދެކޮޅަށް ކުޅެ ކްލޮޕް ކޯޗުކޮށްދިން ޓީމެއް ބަލިވީ ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ ފަހަރަކު އެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލްގެ ފަރާތުން އެންމެ އެދެވޭ ނަތީޖާތަކެއް ނުފެނެ އެވެ. އަދި މިކަމުގެ ސަބަބުން ކްލޮޕަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ކްލޮޕް ބުނީ ލިވަޕޫލަށް އޭނާ އަށް ވުރެ ރަނގަޅު ކޯޗެއް ނުލިބޭނެ ކަމަށެވެ.

"އަހަރެން ވަޒީފާއިން ވަކިކޮށްފިއްޔާ އަހަންނަކަށް ހިއެއް ނުވޭ އަހަންނަށް ވުރެ ރަނގަޅަށް މި ޓީމަށް ކޯޗުކޮށްދޭނެ ކޯޗެއް ހުންނާނެހެން. އަހަރެންނަކީ ފުރިހަމަ މީހާކަމަކަށް ނޫން މި ބުނަނީ. މި ޓީމު ގޮވައިގެން އަހަންނަށް ހާސިލްކުރެވޭނެ ކާމިޔާބީ އެބައޮތް،" ކްލޮޕް ބުންޏެވެ.

މި މެޗަށް ނުކުންނައިރު ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ސަޑިއޯ މާނޭ އަށް ނުކުޅެވުމެވެ. ލިވަޕޫލަށް މި ސީޒަނުގައި ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ މުހައްމަދު ސަލާހު ބުނީ މާނޭ ނެތުމުގެ މާޔޫސްކަމުން ލިވަޕޫލް ވަރަށް އަވަހަށް އަރައިގަންނަން ޖެހޭ ކަމަށެވެ.

ލިވަޕޫލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:30 ގަ އެވެ.