Roadha Mihaaru
އުމަރުގެ އަބުރާ ބެހިގެން ޕީއެސްއެމް ޖޫރިމަނާކޮށްފި

އުމަރުގެ އަބުރާ ބެހިގެން ޕީއެސްއެމް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

25 ޖުލައި 2017

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރާ ބެހިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް ދެ ލައްކަ ރުފިޔާއިން، ބްރޯޑް ކާސްޓިން ކޮމިޝަނުން މިއަދު ޖޫރިމަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރާ ބެހިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް ދެ ލައްކަ ރުފިޔާއިން، ބްރޯޑް ކާސްޓިން ކޮމިޝަނުން މިއަދު ޖޫރިމަނާކޮށްފި އެވެ.

އެކަމަކު އެއް ވާހަކަތަކެއް އެއް ވަގުތެއްގައި ޗެނެލް 13 އިން ދެއްކި ނަމަވެސް އެ ޓީވީއާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަމަކަށް ބްރޯޑްކޮމް އިން އަދި ނުބުނެ އެވެ.

މިދިއަ އެޕްރީލް 4 ގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އުމަރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ މައްސަލަ ހުށަހެޅުއްވީ ވެސް އުމަރެވެ.

އޭނާ އެދިވަޑައިގަތީ ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން އެ ވާހަކަތަކުގެ މައްސަލަ ބަލައިދިނުމަށެވެ. އެ މައްސަލަ ބަލަން ފެށިކަން ކޮމިޝަނުން ހާމަކުރީ އެޕްރީލް 18 ގަ އެވެ.

މައްސަލަ ނިންމުމަށް ފަހު ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 27 ވަނަ މާއްދާ، "ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން"ގެ ދަށުން ޓީވީއެމް ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފުވެފައި ކަމަށެވެ.

ޖޫރިމަނާ ދައްކަން ޕީއެސްއެމް އަށް ދިނީ 30 ދުވަހުގެ މުއްދަތެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ހެދި ގާނޫނުގައި ބުނާ ގޮތުން މައްސަލައެއް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ވެސް ޖޫރިމަނާ ދެއްކުމަށް ފަހު އެވެ.

ބްރޯޑްކޮމް އިން ބުނި ގޮތުގައި އެ ޖަލްސާގައި އުމަރުގެ އަބުރަށް އަރައިގަނެ ފަލާހު ދެއްކެވި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ޕީއެސްއެމުން އިއުތިރާފްވި އެވެ. އަދި އެ ކޮންޓެންޓްގެ ދިފާއުގައި ގާނޫނީ އެއްވެސް ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ.

އޭގައިވާ ގޮތުން އުމަރުގެ އަބުރަށް ޕީއެސްއެމުން އަރައިގަތް ކަމަށް ނިންމީ މައްސަލަ ބެލި މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ޖަލްސާގައި ފަލާހު ތުހުމަތުކުރެއްވީ މިނިވަން ރަން ޔޫބީލް ފާހަގަކުރަން ބޭއްވި ކަންކަމުގެ ބައެއް މަސައްކަތްތައް އެކި ފަރާތްތަކަށް ހަވާލުކުރެއްވުމުގައި އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަމަށެވެ.

ފަލާހްގެ މައްސަލަ ބަލައިދިނުމަށް އުމަރު ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ.

ސަރުކާރަށް ތާއީދުކުރާ ޗެނެލް 13 އިން ވެސް އެ ޖަލްސާ ވަގުތުން ދެއްކި އެވެ. އެކަމަކު އެ ޗެނެލްގެ މައްސަލައިގެ ތަހުގީގު ނިމުނު ކަމެއް ނުވަތަ ތަހުގީގު ކުރިއަށް ދާ ގޮތެއް ބްރޯޑްކޮމް އިން އަދި ހާމައެއް ނުކުރެ އެވެ.