Roadha Mihaaru
ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި

ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ހުށަހަޅައިފި

05 އެޕްރީލް 2017

ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޓީވީއެމްގެ އިތުރުން ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ހުށަހެޅުއްވިއިރު، ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި އުމަރު ވަނީ ފުލުސް އޮފީހަށް ވެސް ރޭ ހުށަހަޅުއްވައިފަ އެވެ.

އުމަރުގެ އަބުރަށް ފަލާހް އަރައިގަތް ކަމަށް އުމަރު ވިދާޅުވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަން ދެއްކުމަށްޓަކައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފަލާހް ވިދާޅުވީ، މިނިވަން 50އާ ގުޅޭ ތަފާތު މަސައްކަތްތައް ހަވާލުކުރުމަށްޓަކައި 10-15 ދުވަހަށް ކުދިކުދި ކުންފުނިތައް ހަދާފައިވާ ކަމަށެވެ.

"އުމަރު ކޯޓަށް ދޭ ބަލަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް،" ފަލާހް ވިދާޅުވި އެވެ.

އުމަރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުއްވީ އަބުރުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.

ޓީވީއެމާއި ޗެނަލް 13ގެ މައްސަލަ ސާބިތުވެއްޖެ ނަމަ، އަބުރުގެ ގާނޫނުގެ ދަށުން އެއިން ކޮންމެ މީޑިއާ އެއް 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

އުމަރު ވިދާޅުވެފައި ވަނީ މިނިވަން 50ގެ އެކިއެކި ހަރަކާތްތަކާ ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ.

"އަދި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އަޅުގަނޑުގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް، ނުވަތަ އަޅުގަނޑުގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކާ ވެސް ހަވާލު ކުރެވިފައެެއް ނުވާނެ އެވެ. އަދި އަޅުގަނޑު މިނިސްޓަރ ކަމުގެ މަގާމް ގައި ހުރި ދުވަސްތަކުގައި، އެފަދަ ކުންފުންޏަކުން އެ މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ވާނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،" ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެން އުމަރު ރޭ ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި ވެ އެވެ.

އެ ސިޓީގައި އުމަރު ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.