Roadha Mihaaru
އަމީތު ބަންދުގައި ބަހައްޓަން ކޯޓުން 15 ދުވަސް ދީފި

އަމީތު ބަންދުގައި ބަހައްޓަން ކޯޓުން 15 ދުވަސް ދީފި

28 ޖުލައި 2017

ރޭ ހައްޔަރުކުރި، މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް އިތުރުކޮށްދީފި އެވެ.

ރޭ ހައްޔަރުކުރި، މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް އިތުރުކޮށްދީފި އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް އަމީތު ކޯޓަށް ހާޒިރުކުރީ މިއަދު ހަވީރު އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ ނެރުއްވި އަމުރުގައި އަމީތު ހައްޔަރުކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ހޯމަ ދުވަހު ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި އަމީތު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ އަމީތު ހައްޔަރު ކުރުމަށް އަމުރުގައިވެ އެވެ.

އަމީތަކީ ވެސް މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެކަމަކު މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް ވަނީ މި ތުހުމަތަށް ހައްޔަރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށްޓަކައި މެމްބަރުންގެ ސޮއި ހޯދުމަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިހާރު މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ފާރިސްގެ އެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށާއިރު ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.