Roadha Mihaaru
އެނބޫދޫ ރިސޯޓް މަޝްރޫއުގެ ބިންގާ އަޅައިފި

އެނބޫދޫ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އަޅައިފި

30 ޖުލައި 2017

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރާ 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހަވީރު އަޅުއްވައިދެއްވައިފި އެވެ.

މާލެ ކައިރީގައި އޮންނަ ފަޅުގައި މި މަޝްރޫއު ރަސްމީކޮށް މިއަދު ފެށި ނަމަވެސް، އެ ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ ޖެނުއަރީން ފެށިގެން އަންނަނީ ކުރަމުންނެވެ. އެ ފަޅު 50 އަހަރަށް ކުއްޔަށް ނަގައިގެން ތަރައްގީކުރަނީ ތައިލެންޑްގެ މަޝްހޫރު ސިންހަ އެސްޓޭޓް އިންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް އެތަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިންހަ އެސްޓޭޓްގެ ޗެއާމަން ޗުތިނަންތް ބިރޮމްހަދި ވިދާޅުވީ އެ ފަޅު ހިއްކައިގެން ތަރައްގީކުރާ ނުވަ ރަށާއެކު 5،000 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެނބޫދޫފަޅު ތަރައްގީކުރުމުގެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ފުރަތަމަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއަށް. އަދި މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތަސައްވަރު މުޅި ބަދަލުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަގުބޫލް ތަނަކަށް،" ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ރިސޯޓްތަކާއި ހޮޓާތަކުގެ އިތުރުން ރީޓެއިލް ވިޔަފާރި އާއި އެނޫން ވެސް ތަފާތު ވިޔަފާރިތައް އަންނާނެ ކަމަށް ޗެއާމަން ޗުތިނަންތް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން 1،300 ޓޫރިސްޓް ކޮޓަރީގެ އިތުރުން ޔޮޓްމެރީނާއަކާއި ބީޗް ކްލަބް އަދި ލައިފްސްޓައިލް ރެސްޓޯރަންޓްތަކާއި ރީޓެއިލް ފިހާރަތަކާއި ޑިއުޓީ ފްރީ ފިހާރަތައް ވެސް ހުރެ އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިންގަ އެސްޓޭޓްގެ ޗެއާމަން ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމްގަައި ރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ އެންމެ މަގުބޫލް އެއް މަންޒިލް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގެ މަންޒިލެއް. އަދި ރާއްޖެއަކީ ތައިލެންޑްގެ މީހުންގެ މެދުގައި ވެސް އެހާމެ މަގުބޫލްކަން ލިބިފައިވާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ޗެއާމަން ވިދާޅުވީ ރާއްޖެއަކީ ތައިލެންޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެގޮތުން ތައިލެންޑާއި ރާއްޖެއާ މެދު ވިޔަފާރީގެ ވަރުގަދަ ގުޅުމެއް އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިންހަ އެސްޓޭޓް އިން އަބަދުވެސް މަސައްކަތްކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް މަޝްރޫއުތައް ހިންގަން. މި މަޝްރޫއުގެ ދަށުން ދެމެހެއްޓެނިވި މަސައްކަތްތަކެއް ހިންގަން ވަނީ ރާވާފައި. އެގޮތުން ރާއްޖޭގެ ސަގާފަތާއި އަދާކާދަ ދިރުވަން މަސައްކަތްތަކެއްކުރެވޭނެ. އަދި އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ވެސް ފުޅާ ދާއިރާއެއްގައި ކުރެވޭނެ،" ޗެއާމަން ޗުތިނަންތް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެ ކުރިއަރާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 23 އާ ރިސޯޓު ހުޅުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ މާނައަކީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަހަރަކު ހަ ރިސޯޓަށް ވުރެ ގިނައިން މިހާރު ހުޅުވާފައިވާކަން. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އެގޮތަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 657،500 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.1 ޕަސެންޓްގެ ކުރިއެރުމެއްކަން ޒަމީރު ފާހަގަކުރެއްވި އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި ކުރިއެރުންތަކުން ދައްކައިދެނީ ރައީސް ޔާމީން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް. އަދި ރާއްޖެ މިހާރު މިވަނީ އިންވެސްޓަރުންނާ ވަރަށް ގާތް މަންޒިލަކަށް ބަދަލުވެފައި. އެގޮތުން ރާއްޖެ އާއި ބޭރުގެ ވަރަށް ގިނަ އިންވެސްޓަރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ލިބިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ފަހުގެ ތާރީހެއްގައި ބަޔަކު އިންވެސްޓްނުކުރާ މިންވަރަށް މިދިޔަ އަހަރުގެ ތިން އަހަރުގެ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބޭންކުތަކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ދެމުންއައި ލޯނުގެ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެން ވަނީ އެ ބޭންކުތަކުގެ އިތުބާރާއި ޔަގީންކަން ބޮޑުކޮށްފައިކަން. އަދި މިފަދަ މެގަ ޕްރޮޖެކްޓްތަކުން މާލެ ސަރަހައްދުގެ މޫނުމަތި ބަދަލުވެގެންދާނެ. އަދި އޭގެ އިތުރުން ޒުވާނުންނަށް ވަޒީފާ ލިބޭ މިންވަރު ވެސް އިތުރުވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.