Roadha Mihaaru
އެނބޫދޫފަޅުގެ ތަރަައްގީ 800 މިލިއަން ޑޮލަރަށް އަރާނެ

އެނބޫދޫފަޅަށް 800 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

31 ޖުލައި 2017

މިތަނުގައި ރުކެއް، ގަހެއް އަދި އިމާރާތެއް ވެސް ނެތެވެ. މިއީ ކުރިން ބޮޑު ސިންގާ ފަޅެކެވެ. ނަމަވެސް މިހާރު މި ފަޅު ހިއްކައިގެން ބޮޑު ރަށެއްގެ ސިފަ އަންނަނީ ޖެހެމުންނެވެ. މިއީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ހިތްގައިމު ޓޫރިޒަމް މަންޒިލަށް ވެދާނެ ތަނެކެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިތަނުގައި ރުކެއް، ގަހެއް އަދި އިމާރާތެއް ވެސް ނެތެވެ. މިއީ ކުރިން ބޮޑު ސިންގާ ފަޅެކެވެ. ނަމަވެސް މިހާރު މި ފަޅު ހިއްކައިގެން ބޮޑު ރަށެއްގެ ސިފަ އަންނަނީ ޖެހެމުންނެވެ. މިއީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ހިތްގައިމު ޓޫރިޒަމް މަންޒިލަށް ވެދާނެ ތަނެކެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން އެތައް ސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ "އެނބޫދޫ ލެގޫން" މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ. މި މަޝްރޫއު ހިންގަނީ ތައިލެންޑްގެ ސިންގް އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ. އެއީ ތައިލެންޑްގެ ޕްރޮޕަޓީ ޑިވެލޮޕްމަންޓް ދާއިރާގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ މުއްސަނދި ކުންފުންޏެކެވެ.

ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލެެއް

ސިންގް އެސްޓޭޓް ކުންފުނިން ދެކޭ ގޮތުގައި އެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އެވެ. އަދި އޭގެ އިތުރުން އެ މަޝްރޫއުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ދިރުން ލިބި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ މާނަ ބަދަލުވެގެންދާނެ އެވެ.

"އެނބޫދޫ ލެގޫން" މަޝްރޫއަކީ ރާއްޖޭގައި އިންޓަގްރޭޓަޑް ލެޝަ އެންޑް ރެކްރިއޭޝަން މަންޒިލެއް ގާއިމުކުރުމަށް ހިންގާ ފުރަތަމަ މަޝްރޫއެވެ. އަދި ރާއްޖެއަކީ ބައިނަލްއަގުވާމީ ބާޒާރުގައި އާއިލީ ދަތުރުތަކަށް އެންމެ ކަމުދާ މަންޒިލަށް މި މަޝްރޫއުގެ ސަބަބުން ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

އެނބޫދޫ ފަޅުގައި ހަދާ އެރިސޯޓުތައް ހުންނާނެ ގޮތް ދައްކުވައިދޭ ފޮޓޯ ގެލެރީ ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލަނީ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެނބޫދޫ ފަޅުގައި ހަދާ އެރިސޯޓުތައް ހުންނާނެ ގޮތް ދައްކުވައިދޭ ފޮޓޯ ގެލެރީ ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލަނީ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި މަޝްރޫއުގެ އެންމެ ބޮޑު އަމާޒަކީ ޗުއްޓީއަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރާ ޔޫރަޕާއި އޭޝިއާ އަދި މެދު އިރުމަތީގެ ޓޫރިޒަމް ބާޒާރުތަކަށް އިންޑިއާ ކަނޑުގެ ހިތްގައިމުކަމުގެ މެދުގައިވާ މި ރާއްޖެ މެދުވެރިކޮށް ފަސޭހައިން ދަތުރުކުރުކޮށް، ޓްރާންސިޓް ކުރެވޭނޭހެން މި މަޝްރޫއުގެ ތެރެއިން ހަމަޖެއްސުމެވެ.

"ދިވެހިރާއްޖެ މަޝްހޫރު ވެފައިވަނީ ލަގްޒަރީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ކަމުން، އެންމެ މަތީ ފަންތި އާއި މެދު ފަންތިއާ ދެމެދުގެ ޓޫރިސްޓް ސެގްމަންޓްތައް ރާއްޖެއަކުން މިހާތަނަކަށް ނުފެނޭ. ދުނިޔޭގެ ޓޫރިޒަމްގެ ބާޒާރުގައި މެދު އަދި މަތީ ފަންތިއާ ދެމެދުގެ ފަތުރުވެރިން ފަހަކަށް އައިސް ހަލުވިކަމާ އެކު އިތުރުވަމުން އައިސްފައިވާއިރު، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މި ދެ ފަންތީގެ ފަތުރުވެރިންނަށް ހިދުމަތްދިނުން،" ސިންގް އެސްޓޭޓް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މި ބިޔަ ފަޅުގައި ހިންގާ މަޝްރޫއުގެ ދަށުން ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަކަށް ނުވަ ރަށެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. މި ލައިފްސްޓައިލް ކޮންސެޕްޓްތައް ޑިޒައިންކުރެވޭނީ ޗުއްޓީގައި އަރާމުކޮށްލުމަށާއި ތަފާތު އުފާތައް ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ގިނަ ބައެއްގެ ތަފާތު ބޭނުންތައް ފުއްދައިދެވޭ ފަދަ ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ތަޖުރިބާތަކެއް ކުރެވޭނެ ހިތް ފަސޭހަ މަންޒިލަކަށް

އެ މަޝްރޫއު އިފްތިތާހުކުރަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތަށް ފަހު ސިންގް އެސްޓޭޓް ކުންފުނީގެ ޗެއާމަން ޗުތިނަންތު ބިރޮމްހަދި "މިހާރު"އަށް ވިދާޅުވީ އެނބޫދޫ ލެގޫން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ތްރީ އައިލެންޑް ރިސޯޓްސް އަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (4.8 ބިލިއަން ރުފިޔާ) ހަރަދުކުރާނެ ކަމަށެވެ.

"މި ކޮންސެޕްޓްގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޑް އެންޑް ބެވެރެޖް ހިދުމަތްތަކާއި ރީޓެއިލް ފިހާރަތަކާއި މުނިފޫހިފިލުވުގެ ތަންތަނާއި ރެކްރިއޭޝަނަލް ހަރަކާތްތަކާއި ލެޝާ ލައިފްސްޓައިލް އެކުލެވިގެންވާ އެކިއެކި ކަންކަން އެއް ތަނެއްގައި ހިމެނޭ ޓައުންޝިޕެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ތައިލެންޑްގެ ކުންފުނިން، މަޝްރޫއުއާ ބެހޭ މައުލޫމާތު ދެނީ ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ތައިލެންޑްގެ ކުންފުނިން، މަޝްރޫއުއާ ބެހޭ މައުލޫމާތު ދެނީ ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސިންގް އެސްޓޭޓްއިން ބުނިގޮތުގައި އެ ޓައުންޝިޕްގެ މައި މަރުކަޒަކަށް ވާނީ އެންމެ މަތީ ފެންވަރުގެ އުޅަނދުފަހަރަށް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ޔޮޓް މެރީނާއެކެވެ. އެތަނުގައި 50 ފާލަން ހިމެނެ އެވެ. އެ މެރީނާ ހިންގާނީ އެ މަސައްކަތުގައި ދުނިޔެއަށް މަޝްހޫރު އެކަމަށް ހާއްސަ ތަޖުރިބާކާރު ފަރާތެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކެމްޕަ އެންޑް ނިކޮލްސަންސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ވަނީ ދުނިޔޭގެ މަޝްހޫރު އެކި ގޮނޑުދޮށްތަކުގައި އެ ބައެއްގެ ބީޗް ކްލަބްތައް މަޝްހޫރުކަން ހޯދާފައިވާ ކެފޭ ޑެލް މާގެ ފަރާތުން ގާއިމުކުރާ އެންމެ މަތީ ފެންވަރުގެ ލައިފްސްޓައިލް ބީޗް ކްލަބެއް މި ގާއިމުކުރަން ނިންމައިފަ އެވެ.

"ޕޫލް އަދި ބީޗް ކައިރީގައި އަރާމުކޮށްލަން ވަގުތު ހޭދަކުރަމުން ދާއިރު ރަހަ މީރު ކާއެއްޗެއްސާއި ތާޒާ ބުއިންތައް މި ބީޗް ކްލަބުން ލިބޭނެ. އަދި އެކިއެކި އިވެންޓްތައް ބޭއްވުމަށް ވެސް ކަމުދާނެ ބީޗް ފްރަންޓް އިވެންޓް ވެނިއުއަކަށް ވެސް މި ބީޗް ކްލަބް ވެގެންދާނެ،" ސިންގް އެސްޓޭޓުން ބުންޏެވެ.

މި ޓައުންޝިޕްގައި ތައިލެންޑްގެ ހާއްސަ ރަހަތަކަށް މަޝްހޫރު އީއެސްޓީ 33 ރެސްޓޯރަންޓާ އެކު ތަފާތު ވައްތަރުގެ 20 ކާ ތަނެއް ގާއިމުކުރެ އެވެ.

އެނބޫދޫ ފަޅުން ހިއްކި ބައިތަކުގައި ހިލަ ޖަހަނީ: މިއީ ވަރަށް ބޮޑު މަޝްރޫއުއެއް .---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

އެނބޫދޫ ފަޅުން ހިއްކި ބައިތަކުގައި ހިލަ ޖަހަނީ: މިއީ ވަރަށް ބޮޑު މަޝްރޫއުއެއް .---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

ރާއްޖެއަށް އިގްތިސާދީ ބޮޑު ކުރިއެރުމެއްގެ އުއްމީދު

ޖުމްލަ 800 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕާއި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް ލަފާކުރެ އެވެ. އޭގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހި ފުރިހަމަކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެނބޫދޫ ލެގޫން މަޝްރޫއުގައި ޖުމްލަ 1،300 ކޮޓަރި ތަރައްގީކުރެ އެވެ. މި މަޝްރޫއާ އެކު 5،000 އައު ވަޒީފާ އުފެދިގެންދާނެ ކަމަށް ސިންގް އެސްޓޭޓްގެ ޗެއާމަން ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ މާނަ މުޅިން ބަދަލުވެ، ރާއްޖޭގެ އިގްތިސާދަށް އާ ދިރުމަކާ އެކު ރާއްޖޭގެ ޓޫރިޒަމަށް އާ އުޖާލާކަމެއް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިވަނީ އެންމެ އުނދަގޫ ބައި ނިމިފައި. އެއީ ތަން ހިއްކުން. އަޅުގަނޑުމެންނަކީ އިމާރާތްކުރުމުގެ ތަޖުރިބާ ހުރި ބައެއް. މިހާތަނަށް ބޮޑު ހަތަރު ހޮޓަލެއް ވަނީ ތަރައްގީކޮށްފައި. އަޅުގަނޑުމެންނަށް މިކަހަލަ ތަނެއް ތަރައްގީކުރުމަކީ އުނދަގޫ ކަމެއް ނޫން،" ބިރޮމްހަދި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް މާލެ ވެސް ކައިރީގައި އޮތުމުން ކަމަށެވެ.

"މާލޭގައި ދިރިއުޅޭ މީހުން ވެސް އަންނަނީ އިތުރުވަމުން. އޭގެ އިތުރުން އެއާޕޯޓް ވެސް އަންނަނީ ތަރައްގީކުރަމުން. އެހެންވީމަ މި މަޝްރޫއު ކާމިޔާބުވާނެކަމުގެ އުއްމީދު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ބިރޮމްހަދި ވިދާޅުވީ އެ މަޝްރޫއުގެ ފައިދާ ޓޫރިސްޓުންގެ އިތުރުން ދިވެހިންނަށް ވެސް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާ 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަޅުއްވައިދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެނބޫދޫ ފަޅު ހިއްކައިގެން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާ 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއުގެ ބިންގާ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަޅުއްވައިދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި މަޝްރޫއުގެ ސަބަބުން މުޅި ސަރަހައްދަށް ވެސް ކުރިއެރުން ލިބިގެންދާނެ. އަޅުގަނޑުމެން މިތަނަށް ހިޔާރުކުރި އެންމެ ބޮޑު ސަބަބަކީ އެއާޕޯޓާއި މާލެ ކައިރީގައި އޮތުން. އަޅުގަނޑުމެން މިތަނަށް އައީ ހަމައެކަނި ރިސޯޓް ތަރައްގީކުރާކަށް ނޫން. އެނޫން ބައިވަރު ވިޔަފާރިތައް ގެންނަން،" ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިންގް އެސްޓޭޓް ކުންފުނިން 2015 ވަނަ އަހަރު މި ފަޅު ތަރައްގީކުރުމަށް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 40 މިލިއަން ޑޮލަރު ސަރުކާރަށް ދައްކާފައިވެ އެވެ.

އިއްޔެގެ ރަސްމިއްޔާތަށް ފަހު "މިހާރު"އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެެ ކުންފުނިން ރާއްޖެއަށް އައުމުގެ ކުރިން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.

"މި ކުންފުނިން އެންމެ ފުރަތަމަ ޝައުގުވެރިވީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފަށަން ނިންމިކަން އެނގުމުން. އޭގެ އިތުރުން ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލުތަކާއި ކްރެޑިޓް ރޭޓިން ލިބުމާއި މިފަދަ ބަދަލުތަކުގެ ސަބަބުން އެ މީހުން އެންމެ ބޮޑަށް ޝައުގުވެރިވީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ކޮންމެ އަހަރަކު ވެސް ލިބޭނެ ކަމަށެވެ. އެގޮތުން މިތަނުގައި ތަރައްގީކުރާ ނުވަ ރަށުގެ ބިމު ކުއްޔާއި ޓެކްސް ލިބޭނެ އެވެ. އަދި މިއީ މާލެ ސަރަހައްދުގައި އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭ އެއް ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމް އެންމެ ބޮޑު ޕްރޮޖެކްޓެވެ. އަދި މިއާ އެކު ރާއްޖެއަށް އިތުރު އިންވެސްޓަރުންގެ ލޯ އަމާޒުވެގެންދާނެ ކަމަށް ބެލެވެ އެވެ.