Roadha Mihaaru
އެއްވެސް މެމްބަރަކު ޖަލްސާ އަށް ހާޒިރެއް ނުކުރާނެ

މާދަމާގެ ޖަލްސާ އަށް އެއްވެސް މެމްބަރަކު ހާޒިރެއް ނުކުރާނެ: ވަކީލުން

30 ޖުލައި 2017

ފުލުހުންގެ ބަންދުގައި މިވަގުތު ތިބި މަޖިލީހުގެ އެއްވެސް މެމްބަރަކު މާދަމާގެ ޖަލްސާ އަށް ހާޒިރުނުކުރާނެ ކަމަށް ފުލުހުން އަންގައިފި ކަމަށް އެ މެމްބަރުންގެ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ބަންދުގައި މިވަގުތު ތިބި މަޖިލީހުގެ އެއްވެސް މެމްބަރަކު މާދަމާގެ ޖަލްސާ އަށް ހާޒިރުނުކުރާނެ ކަމަށް ފުލުހުން އަންގައިފި ކަމަށް އެ މެމްބަރުންގެ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހައްޔަރުގައި މަޖިލީހުގެ ހަތަރު މެމްބަރުން އެބަ ތިއްބެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.

އެ މެމްބަރުންގެ ވަކީލުން މިރޭ ވަނީ، އެ މެމްބަރުން މާދަމާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ޝަހީދު ހުސެއިން އާދަމް ބިލްޑިނަށް ވަޑައިގެންފަ އެވެ.

އެ މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ އެއްވެސް މެމްބަރަކު މާދަމާގެ ޖަލްސާއަށް ހާޒިރުނުކޮށްދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސަބަބެއް ބުނެފައި ނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ ޖަލްސާތަކަށާއި އެ މެމްބަރަކު ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އެ މެމްބަރަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

މި ހަތަރު މެމްބަރުންގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަމީތާއި ވައްޑެ އަދި ސައުދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ. އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ބަންދުގައި ތިބި މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކޮށްދީފިނަމަ އިހުތިޖާޖުކުރާނެ ކަމުގެ އިންޒާރު ވެސް އިދިކޮޅު ޕާޓީތަކުން ވަނީ ދީފަ އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ މައި ހަރުގެ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ހަތަރު މެމްބަރަކު ޖަލުގައި ބަންދުކޮށްފައި ވަނީ ނުހައްގުން އަނިޔާވެރިކަމާ އެކުގައި ކަމަށެވެ.

ގާނޫނާއި މަޖިލީހުގެ ގަވާއިދަށް އަމަލުކުރާ ނަމަ، ހަތަރު މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ އަށް މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.