Roadha Mihaaru
ގޮނޑީގެ މައްސަލަ ކޯޓުން ސާފުކޮށްދޭންޖެހޭ: މެމްބަރުން

ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އަދި ސާފުކޮށްދޭންޖެހޭ: މެމްބަރުން

09 ސެޕްޓެމްބަރ 2017

މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ގޮތް އެ ކޯޓުން އަލުން ސާފުކޮށްދޭންޖެހޭ ކަމަށް، އެ މައްސަލަ ރައްދުވާ ހަތަރު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ގޮތް އެ ކޯޓުން އަލުން ސާފުކޮށްދޭންޖެހޭ ކަމަށް، އެ މައްސަލަ ރައްދުވާ ހަތަރު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ހަތަރު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ، ގޮނޑީގެ މައްސަލައާ ގުޅޭގޮތުން ކޯޓުން ނިންމި ގޮތް އެކި ގޮތްގޮތަށް މާނަކުރަމުންދާއިރު، އެކަން ކޯޓުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

އިންތިހާބެއް ނުވަތަ ގޮނޑިއަކާ ގުޅޭ ހިލާފެއް އުފެދިއްޖެނަމަ އެކަމުގެ އެންމެ ފަހު ބަސް ބުނަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވުމުން، އެކަމުގައި އީސީއަށް ގޮތް ނިންމުމުގެ ބާރެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޝަރުއީ ކޯޓަކުން ހުކުމެއް ކުރާނަމަ އެ ހުކުމް ރައްދުވާ ދެ ފަރާތަށް ވެސް ހުކުމުގައި ބުނާ އެއްޗެއް އެނގޭ ފަދަ ގޮތަކަށް ސާފުކޮށް ހުކުމް ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާއެއްގައި ކަނޑައަޅާފައިވޭ. އަޅުގަނޑަށް ސުޕްރީމް ކޯޓުގެ ހުކުމުން ސާފު މިވަނީ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަަމަށް،" ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ގޮނޑިއާމެދު ސުވާލުއުފެދޭ ކަމެއް ދިމާވެއްޖެނަމަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭއިރު، އީސީއަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން އެ އަރައިގަތީ ޖިނާއީ ކުށަކަށްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަމަށެވެ. އަދި އެކަންތައްތައް ކުރީ ލިޔެކިޔުންތަކުން، ދެފުށް ފެންނަ ގޮތެއްގައި ކަމަށްވާތީ އޮޅުވާލެވޭކަށް ނޯންނާނެ ކަމަށް ވިދާޅުވި އެެވެ.

"މިއީ އާދައިގެ ގޮތަކަށް ކޮށްފައި އިން ކަމެއް ނޫން މިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލާކަށް. މިހާ ސާފުކޮށް ކޮށްފައި އިން ކަމެއް އީސީގެ ޒިންމާއިން ބަރީއަވުމަށްޓަކައި ތިމަންނަމެންނަށް މިވެނިތާކުންކޭ ސިޓީ ފޮނުވުމުގެ ޖާގަ ޕީޕީއެމަށް ލިބޭތޯ ބަލަންޖެހޭނެ،" ވައްޑެ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އީސީން ހިންގަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށެެވެ. އެކަންކަން ހުއްޓުވަން ސުޕްރީމް ކޯޓުން ތެދުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީހަކު ނިސްބަތްވާ ޕާޓީއެއްގެ ސަބަބަުން ނުވަތަ ޕާޓީއަކުން ވަކިވުމުން ގޮނޑިގެއްލޭނަމަ، ސަރުކާރުން ކޮންމެ ފަދަ ގޮތަކަށް ވެސް ކަންތައްތައް ކޮށްފާނެ ކަމަށް ސައުުދު ވިދާޅުވި އެވެ.

"އީސީ އިން ގޮނޑި ގެއްލިޖެކަމަށް އިއުލާނުކުރުމާ ގުޅިގެން ދެން ހިނގާ ގާނޫނާ ހިލާފު ކަންތައްތައް ހުއްޓުވަން ސުޕްރީމް ކޯޓުން ތެދުވާންޖެހޭ. މި ހާލަތުގައި ސުޕްރީމް ކޯޓު ނިދާފައި އޮވެގެން ނުވާނެ. ރައްޔިތުންގެ މެދުގައި ބޮޑު ބަހުސަކަށް ވެގެން ހިތްނުތަނަވަނަސްކަމެއް މި އޮތީ އުފެދިފައި، އެހެންވީމަ ކޯޓުން އިސްނަގައިގެން ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންނަށް އެކަންކަން ސާފުކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރަން،" ސައުދު ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީން އިއުލާނުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ގާނޫނާ ހިލާފު ކަންތައްތައް ހައްލުވެގެން ދާނީ ރައްޔިތުން އެ ކަންކަމަށް އަޑު އުފުލައިގެން ކަަމަށެވެ. އަދި އެކަމުގައި ހުރިހާ އެންމެން ބައިވެރިވުމަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ. އަމީތު ވެސް ވިދާޅުވީ އޭނާގެ ގޮނޑި ގެއްލުނުކަމަށް ކޯޓުން ހުކުމް ނުކުރާ ކަމަށެވެ. އެހެންކަމުން އަންނަ މަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް، މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވިދާޅުވީ، މަޖިލީހުގެ މެމްބަރަކަށްވީތީ އެ އިދާާރާއިން ދީފައިވާ ލިޔެކިޔުންތަކާއި ބައެއް މުހިއްމު ތަކެތި އެބަހުރި ކަމަށެވެ. ނަމަވެސް އެ އެއްޗެހި ހަވާލުކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ވެސް އަދި އީސީން ވެސް އޭނާއަށް އަންގާފައިނުވާ ކަމަށް ވިދާޅުވި އެވެ.

އަމީތާއި ވައްޑެ އާއި ސައުދުގެ އިތުރުން ލަފީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ގޮނޑީގެ މައްސަލައާ ގުޅިގެން އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ބުނެފަ އެވެ.