Roadha Mihaaru
"ހައްލަކީ ހަމައެކަނި ސަރުކާރާ މަޝްވަރާކުރުމެއް ނޫން"

ފުލުހުން ހަމައެކަނި ސަރުކާރާ މަޝްވަރާކޮށްގެން ހައްލެއް ނުހޯދޭނެ: ޝިފާ

02 އޯގަސްޓް 2017

މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ހުއްޓުވަން ފުލުހުން ހަމައެކަނި ސަރުކާރާ އެކު މަޝްވަރާކޮށްގެން ހައްލު ނުލިބޭނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ހުއްޓުވަން ފުލުހުން ހަމައެކަނި ސަރުކާރާ އެކު މަޝްވަރާކޮށްގެން ހައްލު ނުލިބޭނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ފަހަކަށް އައިސް ކުށްތައް އިތުރުވެފައިވާތީ ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފްއާ މަޝްވަރާ ކުރައްވައި، މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝަހީދު ހުސެއިން އާދަމް ބިލްޑިން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަން ސިޓީ ކައުންސިލްގެ މެމްބަރުން ފަހެއް ނުޖެހޭނެ ކަމަށެވެ. އަދި މާލޭގައި ހިނގާ ކުށްތައް ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަން ފުލުހުން ދިން މައުލޫމާތުތަކުން ހާމަވި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއަކީ އަމާން ތަނަކަށް ހެދުމަށް ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް، ހަމައެކަނި ސަރުކާރާ އެކަނި މަޝްވަރާކޮށްގެން، ހައްލު ނުވާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލާ އެކު ވެސް ފުލުހުން މަޝްވަރާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މާލެއަކީ ރާއްޖޭގެ ވެރިރަށް. މިތަނަކީ ޓޫރިސްޓުން އަރަން ބިރުގަންނަ ތަނަކަށް ވެގެން ނުވާނެ. މިތަނަކީ އަތޮޅު ތެރެއިން ރައްޔިތުން އަރަން ބިރުގަންނަ ތަނަކަށް ވެގެން ނުވާނެ. މިތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތް ކުރަން އަންނަ އެންމެންނަށް ރައްކާތެރި ތަނަކަށް ވާން ޖެހޭ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން އަންނާނެ ކަހަލަ މާހައުލެއް މާލޭގައި އޮންނަން ޖެހޭނެ އެވެ. އަދި މާލެއަކީ އަމާން ތަނަކަށް ހެދޭނީ ފުލުހުންނާއި ސަރުކާރާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުންނަކީ ހަމައެކަނި ސަރުކާރުން ބުނާ ކަންކަން ކުރަން ތިބި ބައެއް ނޫން. ފުލުހުންގެ ޒިންމާތަކުގައި އެބަ ވޭ ރައްޔިތުންގެ ހައްގުގައި ތަނުގެ އަމާން ބެލެހެއްޓުން. އެކަމަށް ތައްޔާރަށް ތިބި ކަމަށް ފުލުހުން ބުނީ،" ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރު ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ބައްދަލުވުމުގައި މާރާމާރީތަކުގެ އިތުރުން ރަށްރަށުން މާލެއަށް ބޭސްފަރުވާ ކުރަން އަންނަ ނިކަމެތި މީހުންގެ އަތުން ފައިސާ ފޭރުމާއި ޓްރެފިކް މައްސަލަތަކުގައި ދިމާވާ ޝަކުވާތައް ވެސް ފުލުހުންގެ ސަމާލުކަމަށް ގެނެސް، އެކަމަށް ހައްލެއް ހޯދައިދޭން އެދިވަޑައިގެންނެވި ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި މާލޭގައި ހިނގާ ކަންކަމަށް އަވަސް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ. އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި މާރާމާރީތައް އިތުރުވެފައިވާއިރު، ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފަސް މީހަކަށް ހަމަލާ ދީ ދެ މީހަކު ވަނީ މަރާލައިފަ އެވެ. އެކަމަކު މިއިން އެއްވެސް މަރަކާ ގުޅިގެން މިހާތަނަކަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.