Roadha Mihaaru
އަންހެންކުދިންތަކެއް "ތަޅާފޮޅި" މައްސަލައެއް ބަލަނީ

އަންހެންކުދިންތަކެއް "ތަޅާފޮޅި" މައްސަލައެއް ބަލަނީ

02 އޮކްޓޯބަރ 2019

މާލޭ ރަސްފަންނުގައި ކުޑަ އަންހެން ކުދިންތަކެއް "ތަޅާފޮޅި" މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭ ރަސްފަންނުގައި ކުޑަ އަންހެން ކުދިންތަކެއް "ތަޅާފޮޅި" މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި ހިނގި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯ އިން ދައްކާ ގޮތުގައި އެ މާރާމާރީ ހިނގީ 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންގެ މެދުގަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެއް ކުއްޖެއްގެ އިސްތަށިގަނޑު ހިފައި ދަމައިގަނެ، ކޮޅުފައިން ވެސް ޖަހާ މަންޒަރު ފެނެ އެވެ.

އަދި ތިން ކުދިންގެ މެދުގައި ހިނގި މާރާމާރީ ހުއްޓުވަން ބަޔަކު އުޅޭ ތަން ފެނެ އެވެ.

މާލޭގައި މީގެ ކުރިން އަންހެން ކުދިންތަކެއް މަރާމާރީއެއް ހިންގި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެ މައްސަލައިގައި ފުލުހުން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.