Roadha Mihaaru

މާރާމާރީތައް ހުއްޓުވުމުގައި މުއައްސަސާތައް ވަނީ ފެއިލްވެފައި: އެމްޑީޕީ

މާލޭގައި ފަހަކަށް އައިސް ހިނގަމުން ދާ މާރާމާރީތައް ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

މާރާމާރީ ހުއްޓުވަން މުއައްސަސާތައް ނުކުޅެދިފަ: އެމްޑީޕީ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

03 އޯގަސްޓް 2017

މާލޭގައި ފަހަކަށް އައިސް ހިނގަމުން ދާ މާރާމާރީތައް ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ މާރާމާރީތައް އިންތިހާ އަށް އިތުރުވެ، ރައްޔިތުން ހަމަޖެހިގެން ދިރިނޫޅެވޭނެ ހާލަތަކަށް ރާއްޖެ ބަދަލުވެފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީކާއިލް ވިދާޅުވި ގޮތުގައި 2013 އިން ފެށިގެން މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދިވެހި ފުލުހުންގެ މުއައްސަސާއަކީ މި ސަރަހައްދުގައި ނެތް ފެންވަރުގެ ތަނަކަށް ވާ އިރު، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީކާއިލް ވަނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ.

މީކާއިލް ވިދާޅުވީ ގޭންގުތަކުގެ ނުފޫޒު ދިވެހި ދައުލަތުގެ މައްޗަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ. މާރާމާރީތައް އިތުރުވާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ވެރިން މާ ބޮޑަށް ކަންބޮޑުވެވަޑައިގެން އުޅުއްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"މި އަހަރުގެ މިހާތަނަށް އައިއިރު، 370 އަށްވުރެ ގިނަ މާރާމާރީގެ މައްސަލަ ވަނީ ރިކޯޑު ކުރެވިފައި. ފުލުހުންނަށް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ހަރަދު ކުރާ އިރު، މި ކުޑަކުޑަ މާލޭގެ ކަންކަމާއި އެކިއެކި ރަށްރަށުގެ ކަންކަން ނުބެލެހެއްޓޭ ނަމަ، މިއީ ވަރަށް ބޮޑު ލަދެއް،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ މާރާމާރީތައް ނުހުއްޓުވޭނަމަ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.

އެންމެ ފަހުގެ މާރާމާރީތަކާ ގުޅިގެން 23 މީހަކު ހައްޔަރުކޮށް އިތުރު 34 މީހަކު ހޯދަމުން އަންނަ ކަމަށް ފުލުުހުން ބުނާއިރު، މާރާމާރީ އާއި ގޭންގްތައް ނުހުއްޓުވޭ މައްސަލައިގައި ސަރުކާރަށާއި ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.