Roadha Mihaaru
ބޮޑު މުޒާހަރާއަކަށް ހުވަދު އަތޮޅު ތައްޔާރުވެއްޖެ

މެމްބަރުން ދޫކޮށްލަން ގޮވާލައި ބޮޑު މުޒާހަރާއަކަށް ހުވަދު އަތޮޅު ތައްޔާރުވެއްޖެ

03 އޯގަސްޓް 2017

ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތް ކަމަށް ބުނެ ހައްޔަރު ކުރި މަޖިލިހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްރަށުގައި މާދަމާ ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތް ކަމަށް ބުނެ ހައްޔަރު ކުރި މަޖިލިހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްރަށުގައި މާދަމާ ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމައިފި އެވެ.

ގދ. ތިނަދު އާއި އެ އަތޮޅު ގައްދޫ އަދި ގއ. ވިލިނގިލީގައި ކުރާ މި މުޒާހަރާގައި އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކުން ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އެ ރަށްރަށުން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ގުޅިގެން މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި، ތިން ރަށުގައި ވެސް އެއް ވަގުތެއްގަ އެވެ.

ހައްޔަރުކޮށްފައިވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ. އެހެންވެ، އެ މެމްބަރުންގެ ކަންކަމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު، އެ އަތޮޅުގެ ރައްޔިތުން ވަރަށް ކަންބޮޑުވެ، ހިތްހަމަ ނުޖެހިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު މިރޭ ވިދާޅުވި އެވެ.

"މި މުޒާހަރާގެ މަގްސަދަކީ އެ މެމްބަރުން ދޫކޮށްލުމަށް އެދި އަޑުއުފުލުން. އަޅުގަނޑުމެން ދެކޭގޮތުގައި މެމްބަރުން ހައްޔަރު ކުރެއްވީ އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވަނިކޮށް. އެހެންވެ، އެކަމާ ދެކޮޅުކަން އަންގައި، އަޅުގަނޑުމެން ތިބީ މެމްބަރުންނާ އެކުގައި ކަން ދެއްކުން މަގްސަދަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ހުވަދު އަތޮޅުގެ ގިނަ ރަށްރަށް ކާމިޔާބު ކޮށްފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ޚާއްސަކޮށް މީގެ ކުރިން ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ ވިލިނގިލީގެ ރައްޔިތުންގެ ސިޔާސީ ފިކުރު އިދިކޮޅު ފަރާތްތަކަށް އެނބުރި ލޯކަލް އިންތިޚާބު ކާމިޔާބުކުރީ ވެސް އެމްޑީޕީންނެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދުގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ.

ސައުދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަދި ވިލިނގިއްޔަށް އުފަން އިބްރާހިމް ހަނީފްގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ.

ސައުދާއި ހަނީފްގެ މައްސަލަ ވެސް ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އަކީ ވެސް ވިލިނގިލީ ބޭފުޅެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށް، އަދި ގިނަ މެމްބަރުންތަކެއް މިހާތަނަށް ވަނީ ފުލުސް އޮފީހަށް ތަހުގީގަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ބޭފުޅުންގެ ބަޔާން ނެގީ ފުލުހުންގެ ސަފުތައް ފަޅާލައި، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް ކަމަށް ބުނެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވާ މެމްބަރުންނަށް ސަލާމަތީ ޚިދުމަތްތަކުން ހުރަސްނޭޅޭނެ ކަމަށާއި ކޮންމެ ވަގުތަކު ވެސް އެ އިދާރާ އަށް ވަޑައިގަތުމަކީ މެމްބަރުންނަށް ލިބޭ ހައްގެއް ކަމަށެވެ.