Roadha Mihaaru
ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި

ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި

17 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކްރިމިނަލް ކޯޓުން ދެންމެ ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކްރިމިނަލް ކޯޓުން ދެންމެ ދޫކޮށްލައިފި އެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ވައްޑެގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރު ކުރުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ، ގާނޫނާ ޚިލާފު ކަމެއް ނުކުރުމަށާއި ފޯނު ނަމްބަރު ދިނުމަށް ޝަރުތު ކުރުމަށް ފަހު އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ހުންނަވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ވައްޑެ ހައްޔަރުކުރީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަން މައްސަލައިގަ އެވެ.

ވައްޑެގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ހަމަ އެއް މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން މުއްދަތު ޖަހައިފަ އެވެ. ސައުދާއި އަމީތަށް އެންމެ ފަހުން ބަންދުގެ މުއްދަތު ޖެހީ އިއްޔެ އެވެ.

މަޖިލިހުގެ އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ވައްޑެ އާއި އަމީތާއި ސައުދު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ނިންމާފައިވާއިރު، ދެން އޮތީ ހުކުމް އިއްވުމުގެ މަރުހަލާ އެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެން ކަނޑައަޅާފައި ވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.