Roadha Mihaaru
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!

ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!

08 އޯގަސްޓް 2017

އުމުރުން 28 އަހަރުގެ މި ޒުވާނާ ހޯދަން ނުކުރާ މަސައްކަތެއް، ނުފުރޮޅާ ގަލެއް ނެތް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ގެއްލުނުތާ މާ ގިނަ ދުވަހެއް ނުވެ، އެކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކުރި އެވެ. ގަދަކަމުން އޭނާ އެރުވި ކަމަށް ބުނާ ކާރުން، އެކަމުގެ ހެކި ހޯދި އެވެ. އަދިވެސް ތަހުގީގުތައް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުމުރުން 28 އަހަރުގެ މި ޒުވާނާ ހޯދަން ނުކުރާ މަސައްކަތެއް، ނުފުރޮޅާ ގަލެއް ނެތް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ގެއްލުނުތާ މާ ގިނަ ދުވަހެއް ނުވެ، އެކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކުރި އެވެ. ގަދަކަމުން އޭނާ އެރުވި ކަމަށް ބުނާ ކާރުން، އެކަމުގެ ހެކި ހޯދި އެވެ. އަދިވެސް ތަހުގީގުތައް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު ގެއްލުނުތާ މިއަދަށް ތިން އަހަރު ވީއިރު އަދިވެސް ހުސް ސުވާލެވެ.

"ރިލްވާން ކޮބައި ހެއްޔެވެ؟" "ރިލްވާނަށް ވީ ގޮތް ހޯދޭނެ ހެއްޔެވެ؟" "ރިލްވާނަށް އިންސާފު ލިބޭނެ ހެއްޔެވެ؟"

އެކަމަކު ޖަވާބެއް ނެތެވެ.

މަރުގެ ގިނަ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ފުލުހުން ވަނީ އޭނާ އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރާއި، އެ ކާރުގެ ޑިކީގެ ތެރެއިން ރިލްވާނުގެ އިސްތަށި ހޯދާފަ އެވެ. އަދި އޭނާ ގެއްލުނު ރޭ މާލެ އާއި ހުޅުމާލޭން، އޭނާ ފެންނަން ހުރި ވީޑިއޯ ފުޓޭޖްތައް ވެސް އެއްކޮށްފައި ވެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތަފްސީލެއް ނުލިބޭ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތަފްސީލެއް ނުލިބޭ

ގިނަ ހެކިތަކެއް ލިބި، ބަޔަކު ހައްޔަރުކުރުމާ އެކު އެ މައްސަލަ ކޮޅެއްގައި ޖެހި، ރިލްވާނަށް ވީ ގޮތެއް އެނގޭނެ ކަމަށް އެންމެން ވެސް އުއްމީދުކުރި އެވެ. އޭރު ފުލުހުން ބުނެފައިވަނީ އެއީ މައްސަލައިގެ ތަހުގީގަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދެ އަހަރު ފަހުން، 2016 ގައި އިތުރު ދެ މީހަކު ހައްޔަރު ކުރި އެވެ.

އެކަމަކު މި ހުރިހާ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ތަހުގީގަށް ލިބުނު ކުރިއެރުމެއް، އެކަން ކުރީ ކޮން ބަޔަކު، ކޮން މަގްސަދެއްގައި ކަން ވެސް އެނގޭވަރެއް ނުވެ އެވެ. އެންމެ ކުޑަމިނުން އޭނާ ދިރިހުރިތޯ ވެސް ބުނެއެއް ނުދެވުނެވެ.

ހެޔޮ ހާލުގައި ސަލާމަތުން ހުރި މީހަކު، ގެއްލި މިހާ ގިނަ ދުވަސް ވީއިރު، އޭނާ މަރުވީތޯ ނުވަތަ ދުނިޔޭގައި ހުރިތޯ ބުނެނުދެވުމަކީ ސަރުކާރާއި ކަމާ ބެހޭ އިދާރާތައް ފެއިލްވުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ދިވެހި ރައްޔިތަކު މިހެން ގެއްލި، ވީނުވީ ތަނެއް ނުހޯދުމަކީ ދެން ތިބި މީހުންގެ ސަލާމަތާ މެދު ވެސް ސުވާލު އުފައްދާ ކަމެކެވެ.

ރާއްޖޭގައި ހިނގި ނުރައްކާތެރި މި މައްސަލައިގައި ހާސްވެ ކަންބޮޑުވެގެން އުޅޭތަން ވެސް މިހާރު ފެންނަނީ އޭނާގެ އާއިލާއިންނާއި ހެޔޮ އެދޭ މަދު ބައެކެވެ.

ޔާމީންގެ ހަނދާން އާކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި، ރިލްވާންގެ މަންމަ ބައިވެރިވަނީ: ޔާމީން މަރާލުމުން ކެއްތެރިކަން ކޮޅުންލައިފައިވާ ކަމަށް ބުނި-- ފޮޓޯ/ ސޯޝަލް މީޑިއާ

ޔާމީންގެ ހަނދާން އާކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި، ރިލްވާންގެ މަންމަ ބައިވެރިވަނީ: ޔާމީން މަރާލުމުން ކެއްތެރިކަން ކޮޅުންލައިފައިވާ ކަމަށް ބުނި-- ފޮޓޯ/ ސޯޝަލް މީޑިއާ

"ވަރަށް މަސައްކަތް ކުރެވިއްޖެ. ވަރަށް ގިނަ މީހުން ކައިރީ އާދޭސް ކުރެވިއްޖެ. އެކަމަކު އިންސާފަށް ކުރާ އާދޭހަށް ލިބުނީ ބީރު ކަންފަތެއް،" ރިލްވާންގެ ދައްތަ، މަރިޔަމް ޝެހެނާޒް ބުންޏެވެ.

މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވާ ސަބަބުތައް ގިނަ އެވެ. ފުލުހުން މި މައްސަލައަށް އިހުލާސްތެރިކަމާ އެކު އަޅާލާތޯ ވެސް ސުވާލުކުރެވޭ ސަބަބުތައް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ، ތިން އަހަރު ވީއިރު ވެސް، ހިތަށް ތަސައްލީއެއް ލިބޭ ކަހަލަ ޖަވާބެއް ނުލިބުމެވެ.

ޝެހެނާޒް ބުނީ ރިލްވާނު ވަގަށް ނެގީ ކޮން ބައެއްތޯ އަދި އެކަން ކުރީ ކޮން މަގްސަދެއްގައި ކަން ވެސް ބަލަން އާއިލާއިން މިހާރު ބޭނުން ނުވާ ކަމަށެވެ. އާއިލާގައި ހުރި އެންމެ ހަގު ފިރިހެން ދަރިފުޅު، ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ ބުނެދެނިކޮށް ނިމުނީ އެވެ. އެވަރު ދިވެހި ސަރުކާރާއި ފުލުހުންނަށް ކޮށްދެވޭނެ ކަމަށް އާއިލާއިން ގަބޫލުކުރެ އެވެ.

"މަރުނުވާކަމަށް ކަނޑަނާޅަންޏާ ކިހިނެއްތޯ އަޅުގަނޑުމެންނަށް ފާތިހާ ވެސް ކިޔަވާލެވޭނީ. މަރުވިކަމުގެ ޔަގީންކަން ލިބިފައިވާ ނަމަ މި ހިތާމަ މިއަށް ވުރެ ކުޑަވެއްޖައީސް. އެކަމަކު މިހާރު ހީވަނީ ހަމަ ދެންމެ ދެންމެ އޭނާ ގެއަށް ވަދެދާނެހެން،" ޝެހެނާޒް ބުންޏެވެ.

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް އާއިލާއިން ނުދާ މުއައްސަސާއެއް ނެތެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން އެކި މުއައްސަސާތަކަށް ހިނގައިފި އެވެ. ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެވޭތޯ އެކި ފަހަރު މަސައްކަތްކޮށްފި އެވެ. އެކަމަކު ގެއަށް އަންނަން ޖެހެނީ އެއްވެސް ޖަވާބެއް ނުލިބި، ހުސް އަތާ އެވެ.

ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ގޮތް ނޭނގޭތީ އެ މައްސަލަ އާއިލާގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ފުލުހުން ބުނެފައިވަނީ ރިލްވާން ވަގަށް ނެގި ފަހުން އޭނާ އަށް ވީ ގޮތެއް ހޯދިފައި ނެތް ކަމަށެވެ.

އާއިލާއިން މިކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ފުލުހުންނަށް ވެސް އަދި ސަރުކާރަށް ވެސް އޭނާއަށް ވީ ގޮތް އެނގޭނެ ކަމަށް އާއިލާއިން ބުންޏެވެ. މި މައްސަލައިގައި، ކަމާ ބެހޭ ފަރާތަށް އެއްޗެކޭ ނުބުނެވެނީ ކޮންމެވެސް "ބާރުގަދަ ނުފޫޒަކުން" ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ރިލްވާނުގެ ހަނދާން އޭނާގެ އެންމެ ގާތް މީހުން އަދިވެސް ކުރާއިރު، އާއިލާއަށް ލިބިފައިވާ އެންމެ ބޮޑު ހިތާމައަކީ ރިލްވާނަށް ވީ ގޮތެއް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ޔާމީން ރަޝީދު ވެސް މަރާލުމެވެ.

ރިލްވާންގެ ދައްތަ ޝެހެނާޒް "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ މަރުވި ކަމަކަށް އާއިލާއިން ގަބޫލެއް ނުކުރޭ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ރިލްވާންގެ ދައްތަ ޝެހެނާޒް "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ މަރުވި ކަމަކަށް އާއިލާއިން ގަބޫލެއް ނުކުރޭ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޝެހެނާޒު ބުނިގޮތުގައި އާއިލާގައި ރިލްވާނު ނެތްތައް ފޫބައްދައި، އެ ހިތާމަ ކިރިޔާ ވެސް ކުޑަކޮށްދިނީ ޔާމީނެވެ. އަދި އޭނާއާ މެދު އާއިލާ ދުށީ އަމިއްލަ ދަރިއެއްގެ ގޮތަށް ކަމަށާއި އެކަމަކު ރަހުމުކުޑަ ގޮތަކަށް ޔާމީން މަރާލުމަކީ އާއިލާއަށް ކުރިމަތިވި އަނެއް ހިތާމަ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު އަދިވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ އުއްމީދު ކަނޑާލާކަށް. ކޮންމެވެސް ދުވަހަކުން ރިލްވާނަށް ވީ ގޮތް އެނގޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.

މި ސަރުކާރުގެ ހުރިހާ އިސް ވެރިންނާއި ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް ދެވިފައިވާތީ، ދެން މި ސަރުކާރުން އޭގެ ޖަވާބު ލިިބިދާނެ ކަމަކަށް އާއިލާއިން ގަބޫލެއް ނުކުރެ އެވެ. އެ މީހުންގެ ހުރިހާ ވެސް އުއްމީދަކީ ދެން އަންނަ ސަރުކާރަކުން މީގެ ޖަވާބެއް ހޯދައިދިނުމެވެ.

ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން ހިތާމައިގަ އެވެ. ކޮންމެ ނަމާދަކަށް ފަހު، ދަރިފުޅުގެ ފޮޓޯ ހިފައިގެން އިނދެ، އޭނާގެ މަންމަ އަދިވެސް ރޮއެ އެވެ. އާއިލާގެ އެންމެންގެ ވެސް އާދޭހަކީ، ރިލްވާނަށް ވީ ގޮތް ކޮންމެވެސް މީހަކު ބުނެދިނުމެވެ.