Roadha Mihaaru
ޔާމީންގެ މަރުގެ ތަހުގީގު ވެސް ހަމަ އެ ދިމާލަށް؟!

ޔާމީންގެ މަރުގެ ތަހުގީގު ވެސް ހަމަ އެ ދިމާލަށް؟!

01 ޖޫން 2017

ސޯޝަލްމީޑިއާ އެކްޓިވިސް އަދި ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަރުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ. އެ މީހުންނަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހޯދައި ފުލުހުން އަންނަނީ ފޮރެންސިކް ތަހުލީލުތަކެއް ކުރަމުންނެވެ. މިއީ، އެ މައްސަލާގައި ފުލުހުން މިހާތަނަށް މައުލޫމާތު އާއްމުކޮށްފައިވާ މިންވަރެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސޯޝަލްމީޑިއާ އެކްޓިވިސް އަދި ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަރުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ. އެ މީހުންނަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހޯދައި ފުލުހުން އަންނަނީ ފޮރެންސިކް ތަހުލީލުތަކެއް ކުރަމުންނެވެ. މިއީ، އެ މައްސަލާގައި ފުލުހުން މިހާތަނަށް މައުލޫމާތު އާއްމުކޮށްފައިވާ މިންވަރެވެ.

މީގެ ކުރިން، މިފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގަށް ލިބޭ ކުރިއެރުން ޕްރެސް ކޮންފަރެންސް ބާއްވައި ރައްޔިތުންނާ ހިއްސާކުރެ އެވެ. އެކަމަކު ޔާމީންގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު އާއްމުކުރީ އެންމެ ފަހަރަކު އެވެ. ނޫސްވެރިން ސުވާލުކުރަން ފުރުސަތު ނުދީ ބޭއްވި ބައްދަލުވުމުގައި، މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އުއްމީދުކޮށްގެން ތިބި މިންވަރާ ގާތަށް ވެސް ވާހަކައެއް ނުދައްކަ އެވެ. އޭގެ ފަހުން ނޫސް ބަޔާންތަކެއް އާއްމުކުރި ނަމަވެސް އޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ ތަހުގީގަށް ކުރިއެރުން ލިބޭ ވާހަކަ އެވެ. އެކަމަކު އެއީ ކޮން ކުރިއެރުމެއްތޯ ތަފްސީލްކޮށްދީފައެއް ނުވެ އެވެ.

ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި ޔާމީން: ޔާމީންގެ މަރުގެ މިސްރާބު ހުރީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ދިޔަ ގޮތަށް ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުން ވަނީ އަމާޒުވެފައި.

ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި ޔާމީން: ޔާމީންގެ މަރުގެ މިސްރާބު ހުރީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ދިޔަ ގޮތަށް ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުން ވަނީ އަމާޒުވެފައި.

އެހެންވެ، މި މައްސަލައިގެ މިސްރާބު ވެސް މިހާރު ހުރީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ވީ ގޮތަށްތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. އެ ދެ މައްސަލާގައި ރައްޔިތުންނަށް އިތުބާރުކުރެވޭ މިންވަރަށް ތަހުގީގު ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން މި ފެށީ އެ ތަހުގީގުތަކާ ގުޅިގެން ފުލުހުންނަށް އަމާޒުކުރި ފާޑުކިއުންތަކުން އަރައިނުގަނެވި އުޅެނިކޮށެވެ.

ޔާމީން މަރާލީ، ވަށައިގެން ސީސީޓީވީ ކެމެރާތައް ހުރި ސަރަހައްދަކަށް ވެފައި އެކަމުގައި ޝާމިލްވާ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، މިހާރު އާއްމުކޮށްފައިވާ މިންވަރަށް ވުރެން ތަފްސީލުކޮށް އެ މައުލޫމާތު ހިއްސާކުރެވެން އޮންނާނެ ކަމަށް އެތައް ބަޔަކު ދެކެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި، އޭނާގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ޔާމީން ރަޝީދުގެ ތަހުގީގުގައި ފުލުހުންނަށް އެއްވެސް ކުރިއެރުމެއް ހޯދިފައިވާ ނަމަ ފުރަތަމަ ކަމަކަށް، އެ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭ ކަމަށެވެ. އެކަމަކު ތަހުގީގުގައި ލިބުނު އެއްވެސް ކުރިއެރުމެއް އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. މައިގަނޑު ސަބަބަކީ، ޔާމީނަށް މަރުގެ އިންޒާރު ދެމުންދާތީ ހިމާޔަތަށް އެދި ހުށަހެޅުމުން ވެސް، ފުލުހުން ފިޔަވަޅު ނާޅައި އޮއްވައި ޔާމީން މަރާލުން ކަމަށް ވިދާޅުވި އެވެ.

"ފުލުހުންގެ އިހުމާލު މިކަމުގައި އޮތް ކަން ސާބިތުކުރަން އާއިލާ އިން ކޯޓަށް ހުށަހަޅާފައި ވަނީ ވެސް އެ ސަބަބާ ހެދި. ޔާމީންގެ މަރަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް މި ފެނިގެން ދަނީ ފުލުހުންގެ މުއައްސަސާ އިން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރެވިގެން ނުދާ ތަން،" ސުއޫދު ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް ތަހުގީގުކުރާއިރު ފުލުހުންގެ ދެ މަސްއޫލިއްޔަތެއް އޮންނަ ކަން ސުއޫދު ފާހަގަކުރެެއްވި އެވެ. އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުށް ސާބިތުކުރަން، އެކަށީގެންވާ ރަނގަޅު ގޮތަކަށް ތަހުގީގު ކުރިއަށް ގެންދަން ހެކި ހޯދުމެވެ. އަނެއް މަސްއޫލިއްޔަތަކީ އަސަރުކޮށްފައިވާ އާއިލާ އަށް ފުލުހުން ނުވަތަ ދައުލަތުގެ ފަރާތުން އޮންނާނީ ކޮން ޒިންމާއެއްތޯ ބަލައި އެ ޒިންމާ ރަނގަޅަށް އަދާކުރެވޭތޯ ބެލުމެވެ.

އެކަމަކު މި ދެ މަސްއޫލިއްޔަތު އަދާކުރަން ވެސް ފުލުހުން ޖެހިލުންވެފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.

ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެދި އާއިލާއިން ފުލުސް އޮފީހަށް ހުށަހެޅި ސިިޓީތަށް ބަލައިނުގަތުމުން ޔާމީންގެ ބައްޕަ ސިޓީތަކާ އެކު ފުލުސް އޮފީސް ބޭރުގައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެދި އާއިލާއިން ފުލުސް އޮފީހަށް ހުށަހެޅި ސިިޓީތަށް ބަލައިނުގަތުމުން ޔާމީންގެ ބައްޕަ ސިޓީތަކާ އެކު ފުލުސް އޮފީސް ބޭރުގައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

"ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބޭ ކަމުގައިވާ ނަމަ އެކަމާ ބެހޭ މައުލޫމާތު އެ އާއިލާ އަށް ހިއްސާކުރަން ޖެހޭނެ، ވަމުންދާ ގޮތް އަންގަން ޖެހޭނެ. އަދި މި މައްސަލައަކީ އާއްމު މަސްލަހަތާ ގުޅިފައި އޮތް މައްސަލައަކަށް ވާއިރު ރައްޔިތުންނަށް ވެސް އެ މައުލޫމާތު ދޭން ޖެހޭނެ. މައްސަލާގައި ކުރިއެރުމެއް ނުލިބޭ ނަމަ އެ ހުރަސް އެޅޭ ކަމެއް ވެސް އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ހާމަކުރައްވަން ޖެހޭނެ،" ސުއޫދު ވިދާޅުވި އެވެ.

ފުލުހުންގެ ކުރީގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ވެރިޔާ މުހައްމަދު ހަމީދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވަކި ބަޔަކާ ދޭތެރޭގައި ތަފާތު ވިސްނުންތަކެއް ފުލުހުން ގެންގުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނުގައި ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ހުރުމަކީ، ޔާމީންގެ ތަހުގީގު ކިތަންމެ ރަނގަޅަށް ފުލުހުން ގެންދިޔައަސް ހުސެއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމުގެ ވިސްނުން ފުލުހުންގެ ތެރޭގައި އެބަހުރި ކަމަށެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، އަނިޔާ ލިބުނު މީހާގެ އާއިލާ އަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްނުދެނީ ފުލުހުންގެ ތެރޭގައި އެފަދަ ވިސްނުންތަކެއް ހުންނާތީ އެވެ.

"...މިކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް އެނގިފައިވާ ނަމަ ޔާމީން ރަޝީދުގެ އާއިލާ އަށް އެކަން ސާފުކޮށްދެވިފައި ނުވަނީ ފުލުހުންގެ މި އެޓިޓިއުޑްގެ ސަބަބުންހެން ހީވަނީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންނަކީ ވެސް އެ މަރުގައި ޝާމިލްވި މީހުން ކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ކަމަށްވާ ނަމަ އެއީ ފުލުހުންގެ ތަހުގީގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ މިކަން ހިނގައި ދިޔައީ ކޮން ސަބަބަބުތަކެއް އެކުލެވިގެންތޯ ފުލުހުންނަށް އޮންނާނީ އެނގިފަ އެވެ. އެ މިންވަރަށް ފުލުހުން މައުލޫމާތު އާއްމުކުރަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް، ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެތޯ ސުވާލު އުފެއްދެވި އެވެ.

ސުއޫދުު ވިދާޅުވި ގޮތުގައި އަނިޔާވެރި ކުށްތައް ކުރާ މީހުންނަށް ހައްގު އަދަބުދީ އިންސާފު ހޯދުމަށް ރާއްޖޭގައި ގިނަ ގާނޫނުތަކެއް އެކަށައަޅާފައިވެ އެވެ. އެކަމަކު މިކަހަލަ ކޮންމެ ކަމެއް ދިމާވުމުން ވެސް އިންސާފާ ހަމައަށް ވާސިލްނުވެ، ފެއިލް ވަނީ ކިހާ ހިސާބަކުންތޯ ބަލާލަން ޖެހެ އެވެ.

"ފެއިލްވާތަން މި ފެންނަނީ ދެ ދިމާލަކުން. ފުރަތަމަ ދިމާލަކީ ފުލުސް އޮފީސް، ފުލުހުން ތަހުގީގުކުރުމަށް ބޭނުންވާ ދެ ކޮމިޓްމަންޓްގެ ތެރޭގައި އެކަށީގެންވާ ވަރަށް ކޮމިޓްމަންޓެއް ނުދެވޭ. ތަހުގީގުގައި އެ ދާންވާ ދިމަދިމާތަކަށް ނުދެވޭ. ކޮންމެހެން އެ ބޭފުޅުންގެ ޓްރޭނިން ނުލިބޭތީއެއް ނޫން، އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ނެތިގެނެއް ނޫން. އެކަމަކު އެ ބޭފުޅުންގެ އަތް ބަނދެވިފައި ތިބޭ ތަން ފެނޭ. ހެކި ހޯދުމުގައި ވެސް އަމަލުކުރަންވާ ގޮތް ނޫން އެހެން ގޮތްގޮތަށް އަމަލުކުރެވިގެން އަތް ދަށުންދާ ތަން އެބަ ފެނޭ. ވެދާނެ އެހެން ނުފޫޒުތަކެއް ހުރީ ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން އާންމުކުރި އެއް ފޮޓޯ: މި ފޮޓޯގައި އެ ފެންނަނީ މީހަކު ޔާމީން އުޅޭ ގޭގެ ސިޑި ކައިރީގައި ހުއްޓިލައިގެން ހުރި މަންޒަރު

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން އާންމުކުރި އެއް ފޮޓޯ: މި ފޮޓޯގައި އެ ފެންނަނީ މީހަކު ޔާމީން އުޅޭ ގޭގެ ސިޑި ކައިރީގައި ހުއްޓިލައިގެން ހުރި މަންޒަރު

ސުއޫދު ވިދާޅުވި ގޮތުގައި އަފްރާޝީމް މައްސަލައަށް ބަލާއިރު ވެސް ފެނިފައި އޮތް މަންޒަރަކީ ހެކި ހޯދުމުގައި އަދި ހެކިން ރައްކާތެރި ކުރުމުގައި ކާމިޔާބު ނުވުމެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުން ރާއްޖެ ދޫކޮށް ފުރައިގެން ދިޔައިރު، ވަކި ބައެއްގެ މައްޗަށް ދައުވާ އުފުލައި އަނެއް ބަޔަކު ދޫކޮށްލާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއާ އެކު ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލާގައި ވެސް ތަހުގީގަށް ލިބުނު ކުރިއެރުންތަކެއް ހުއްޓައި އެ ދިމާލަށް ނުގޮސް ތަހުގީގު އެހެން ދިމާލަކުން ކުރިއަށް ގެންދިއުމުން ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ ނަގަން ތިބި ފުލުހުން ޖަވާބުދާރީކުރެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް ހަމީދު ފާޅުކުރެއްވި އެވެ. ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރީ ކީއްވެތޯ ވެސް ފުލުހުންގެ މުއައްސަސާއާ ސުވާލުކޮށް، ޒިންމާދާރުކުރުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން މި ކަންބޮޑުވުންތައް ހުއްޓަސް އަދި ތުހުމަތުއް ކުރި ނަމަވެސް ތަހުގީގު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދެ އެވެ. އެކަން ގަބޫލުކޮށް، ފުލުހުންނަށް އިތުބާރުކުރެވޭނީ ތަހުގީގުތައް ދެ ފުށްފެންނަ ގޮތަށް ކުރިއަށް ގެންގޮސް މައުލޫމާތު އާއްމުކޮށްގެންނެވެ.