Roadha Mihaaru
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު

ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދު ސަލާމަތް ވެއްޖެ

13 އޮކްޓޯބަރ 2023

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން އަހްމަދު އިސްމާއިލް (އަހަނދު) އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާ ޥަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން އަހްމަދު އިސްމާއިލް (އަހަނދު) އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާ ޥަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

ދައުލަތުން އަހްމަދު އިސްމާއިލްގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ، އިތުރު ބަޔަކާ ގުޅިގެން 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަކީ އެ މީހުން އަމިއްލަ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގެން އެކަން ކުރުމަށް ރާވައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

އެ ގްރޫޕްތަކާ ގުޅުން އޮތް ކަމަށް ބެލެވޭ މީހުން ހިފަހައްޓައި އަނިޔާކޮށް، ބިރުދައްކައިގެން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްވޯޑު އަތުލައި އެ އެކައުންޓްތައް ބެލި ބެލުމުން ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރު ޔާމީނަކީ އެކަމުގައި އިސްކޮށް އުޅުނު ބައެއް ކަމަށް ނިންމައި، އެހެން ބަޔަކާ ގުޅިގެން ރިލްވާނާއި ޔާމީން މަރާލުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ވެސް އަހުމަދު އިސްމާއިލްގެ މައްޗަށް ކުރި އެވެ.

ނަމަވެސް، އޭނާއަށް ކުރި މި ތުހުމަތުތައް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށް ކަނޑައަޅައި ކޯޓުން ނިންމީ އަހަނދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ހުކުމުގައި ބުނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުން ހޯދައި އެ މީހުންނަށް އަނިޔާކުރުމުގައި އަހަނދު ބައިވެރިވި ކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވެ އެވެ. ނަމަވެސް، މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް އަހަނދު ރޭވުމުގެ ގޮތުން ކުރި ކަމެއް ވުޖޫދުގައި އޮތް ކަމަށް ބެލެވޭނެ ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

ރިލްވާނާއި ޔާމީން އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އެކަމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު ދެ މީހަކު ވެސް މިހާރު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ. އެއީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒެވެ.

ދައުލަތުން ބުނާ ގޮތުގައި، އަހްމަދު އިސްމާއިލަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާ އަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. ޔާމީނާއި ރިލްވާނަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އަހްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. ޝަރީއަތް ނުނިމެނިސް އޭނާ ކޯޓުން ދޫކޮށްލީ ފައިގައި ޓެގު އަޅުވައިފަ އެވެ.