Roadha Mihaaru
ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ ލިސްޓްކޮށްފި

ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ ލިސްޓްކޮށް، ހިއްސާ ވިއްކަން ފަށައިފި

09 އޯގަސްޓް 2017

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ މޯލްޑިވްސް ލިސްޓްކޮށް، އާންމުންނަށް ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ މޯލްޑިވްސް ލިސްޓްކޮށް، އާންމުންނަށް ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި އެވެ.

ސްޓޮކް އެކްސްޗޭންޖުގައި އުރީދޫ ލިސްޓް ކުރީ މިއަދު ހެނދުނު އެވެ. ސްޓޮކް އެކްސްޗޭންޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމުންނަށް ވިއްކާ އުރީދޫގެ ހިއްސާގެ މޫނުމަތީ އަގަކީ 10ރ. ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އައިޕީއޯގައި ވަނީ އެ ކުންފުނިން ވިއްކަން ނިންމާފައިވާ 40 ޕަސެންޓް ހިއްސާގެ ތެރެއިން 9.5 ޕަސެންޓް ހިއްސާ ވިއްކާފަ އެވެ. އައިޕީއޯގައި އެ ކުންފުނިން ހިއްސާއެއް ވިއްކާފައި ވަނީ 30ރ.ގެ މަގުންނެވެ.

ހިއްސާގެ ބާޒާރުގައި އުރީދޫ ލިސްޓްކުރުން ފާހަގަކުރުމަށް އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އައިޕީއޯގެ ތެރެއިން 14،045،260 ހިއްސާ 8،257 ފަރާތަށް ވިއްކާފައިވާ ކަމަށެވެ. އަދި ހިއްސާތައް ވިއްކައިގެން 421،357،800ރ. ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިޕީއޯ މެދުވެރިކޮށް ހިއްސާ ނުގަނެވުނު ބޭފުޅުންނަށް، ސެކަންޑަރީ މާކެޓް ޓްރޭޑިން މެދުވެރިކޮށް އުރީދޫ ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެން މި ދިޔައީ. އުރީދޫ މޯލްޑިވްސް އަކީ މިހާރު ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ބޮޑު އެއް ކުންފުނި،" ނަޖީބް ވިދާޅުވި އެވެ.

"އުރީދޫން އަބަދު ވެސް ދެކެމުން ދިޔަ ހުވަފެނެއް މިއަދު ކާމިޔާބުވެގެން މިދިޔައީ. ލިސްޓިންއާ އެކު އުރީދޫ މިއަދު މިވަނީ ދިވެހި ކުންފުންޏަކަށް ބަދަލުވެފައި. އުރީދޫ މޯލްޑިވްސް އަކީ މިހާރު ދިވެހިންގެ ކުންފުންޏެއް."

މިއަދުގެ ރަސްމިއްޔާތުގައި އަލާއު ވާހަކަ ދައްކަނީ-- ފޮޓޯ: މިހާރު

މިއަދުގެ ރަސްމިއްޔާތުގައި އަލާއު ވާހަކަ ދައްކަނީ-- ފޮޓޯ: މިހާރު

ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަލާއު އަލީ ވިދާޅުވީ އުރީދޫގެ އައިޕީއޯ އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު އައިޕީއޯ ކަމަށެވެ. އަދި އައިޕީއޯގައި ހިއްސާގަތް ފަރާތްތަކުގެ ތެރޭގައި ހިމެނޭ 6،000 ހިއްސާދާރުންނަކީ މުޅިން އަލަށް ސްޓޮކް އެކްސްޗޭންޖުގައި ބައިވެރިވި ފަރާތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދުން ފެށިގެން ސެކަންޑަރީ މާކެޓްގައި ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް އުރީދޫގެ ހިއްސާ ގަނެވިއްކައި ފައިދާ ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން ހިއްސާދާރުންނަށް ލިބިގެން ދާނެ،" އަލާއު ވިދާޅުވި އެވެ.