ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާސަލާތީ ހިދުމަތް ދިނުމަށް 10 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށާއި މިހާރު އެ ކުންފުންޏަކީ ފައިދާވަމުން އަންނަ ކުންފުންޏެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ މިރޭ ވިދާޅުވެއްޖެ އެވެ.
14 އޮކްޓޯބަރ 2016
ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާސަލާތީ ހިދުމަތް ދިނުމަށް 10 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށާއި މިހާރު އެ ކުންފުންޏަކީ ފައިދާވަމުން އަންނަ ކުންފުންޏެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުނިން މިރޭ ވަނީ އާއްމުންނަށް ހިއްސާ ވިއްކުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފަ އެވެ. މިއީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏެވެ.
އުރީދޫ މޯލްޑިވްސް ލިސްޓްކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ކުންފުނިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެގޮތުން މިހާރު އެ ކުންފުންޏަށް ފައިދާވާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއްމު ގޮތެއްގައި މުއާސަލާތީ ކުންފުންޏެއް ފައިދާވާން ނަގާ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް. އަޅުގަނޑުމެން ނެގި ނުވަ އަހަރު،" ވިކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ވޭތުވެދިޔަ ތަނުގައި އިސްކަން ދިނީ ފައިދާ ހޯދުމަށްވުރެ އިންވެސްޓްކުރުމަށް ކަމަށެވެ. ފާއިތުވި ދެ އަހަރު 40 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިކަން ވިކްރަމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބޭނުން ދިވެހި ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރަން. އެ މީހުންގެ ލޯތްބާއި ސަޕޯޓް ނުލިބޭ ނަމަ މިހާ ބޮޑުކުރިއެރުމެއް ނުލިބުނީސް،" އޭނާ ވިދާޅުވި އެވެ.
އޮގަސްޓް 1، 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި ކުންފުންޏަކީ މާކެޓް އަގަށް ބަލާއިރު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ވިކްރަމް ވިދާޅުވީ މިފަދަ ކުންފުންޏެއް ރާއްޖޭގައި އިންވެސްޓްކުރުމުން ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމަށެވެ.
އުރީދޫގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން އަލްސައުދު އަލްސާނީ ވިދާޅުވީ ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ވެފައި ވަނީ އެ ގްރޫޕްގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކުރިއަރަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ވެގެންދާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ކުންފުނީގެ ކާމިޔާބީގައި ހިއްސާވުމަށް ލިބޭ ފުރުސަތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ގަތަރުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅަން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ. އޭގެ އިތުރުން ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ އަގުހުރި ތިން ސީ އެމްބިއުލަންސް ވެސް ހަދިޔާކުރައްވައިފަ އެވެ. އަދި ތިން ސަރަހައްދެއްގައި ޒުވާނުންނަށް ހާއްސަ އިންކިއުބޭޓަރެއް ހެދުމަށް ވެސް ނިންމާފައިވާކަން އިއުލާންކުރެއްވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އުރީދޫގެ ހާއްސަ އޮފާއެއް
އެމްފައިސާ ކަސްޓަމަރުންނަށް މެޓަ ކުއެސްޓް 3 ދެނީ
ސްޕާ ސިލޯންގެ އޮފާތައް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ފަން ރަންއަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވަނީ
ހާވާޑް ޔުނިވާސިޓީން އުރީދޫގެ މުވައްޒަފުންނަށް ތަމްރީނު
ޕީއެސްޕީ ހުއްދަ އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް ދީފި
އުރީދު އަށް 125 މިލިއަން ރުފިޔާގެ ފައިދާއެއް
ކޭބަލް ނުލައި އުރީދޫގެ ބްރޯޑްބޭންޑް މުޅި ރާއްޖެއަށް
ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު