Roadha Mihaaru
ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު

ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު

17 އޯގަސްޓް 2017

ދިވެހިރާއްޖޭގެ އިޤްތިޞާދު އެކި ހަރުފަތްތައް ގިރާކުރަމުން އަންނައިރު ވިޔަފާރިތައް ވެސް އަންނަނީ ފުޅާވަމުންނެވެ. ފާއިތުވި އަހަރަކީ ދިވެހި ވިޔަފާރިތަކަށް މުހިއްމު އަހަރެކެވެ. އިޤްތިޞާދީ ހަލަބޮލިކަމުގެ ތެރެއިން ވެސް މިއަދު އަމިއްލަ ވިޔަފާރިތައް މިވަނީ މިނިވަންކަމާ ކުރިއެރުމަށް މިސްރާބު ޖަހާފައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު އެކި ހަރުފަތްތައް ގިރާކުރަމުން އަންނައިރު ވިޔަފާރިތައް ވެސް އަންނަނީ ފުޅާވަމުންނެވެ. ފާއިތުވި އަހަރަކީ ދިވެހި ވިޔަފާރިތަކަށް މުހިއްމު އަހަރެކެވެ. އިޤްތިޞާދީ ހަލަބޮލިކަމުގެ ތެރެއިން ވެސް މިއަދު އަމިއްލަ ވިޔަފާރިތައް މިވަނީ މިނިވަންކަމާ ކުރިއެރުމަށް މިސްރާބު ޖަހާފައެވެ.

ވިޔަފާރިތައް އުފެދި، ކުރިއަރަމުން އައުމާ އެކު އެކަމުގެ ފައިދާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމުގެ ޝައްކެއްނެތެވެ. ވިޔަފާރިތައް ހަރުދަނާވާ މިންވަރަށް އާންމުންނަށް އެ ވިޔަފާރިތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެ އެވެ. އާންމުންނަކީ ހަމައެކަނި ވިޔަފާރިއެއްގެ ޚިދުމަތް ލިބިގަންނަ ފަރާތް ކަމަށް އަބަދު ވާކަށް ނުޖެހެ އެވެ.

ވިޔަފާރިތައް ފުޅާވެ، ހަރުދަނާވެ ތަރައްޤީވުމުގެ އެއް ނަތީޖާއަކީ އަމިއްލަ ކުންފުނިތަކުގެ ހިއްސާ އާންމުންނަށް ވިއްކުމެވެ. ފާއިތުވީ އަހަރު ތެރޭ ދިވެހިންނަށް މިކަމުގެ ތަޖުރިބާ އަލަށް ކުރާން ލިބުނެވެ. މިގޮތުން ސައްތައިން ސައްތަ އަމިއްލަ ދިވެހި ކުންފުންޏަކުން އާންމުންނަށް އަލަށް ހިއްސާ ވިއްކާން ފެށި އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޤަތަރުގެ ކުންފުންޏެއް ކަމަށް ވާ އުރީދޫއިން ވަނީ މި ފާއިތުވީ އޭޕްރީލް މަހުގެ ތެރޭ އާންމުންނަށް ހިއްސާ ވިއްކާން ފަށާފަ އެވެ. މިއީ މުހިއްމު ބަދަލުތަކެކެވެ. އަދި މި ބަދަލުތަކުގެ ވާހަކަ މިހާރަށް ވުރެ ބޮޑަށް އަޅުގަނޑުމެން ދައްކަންވާނެ އެވެ.

ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު

ބޭރުގެ ގައުމުތަކުގެ ހިއްސާގެ ބާޒާރު ހިނގާ ގޮތާއި ދިވެހިރާއްޖޭގައި އެކަން ކުރިއަށްދާ ގޮތް ވަރަށް ތަފާތެވެ. ސަބަބުތަކުގެ ތެރޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ކުންފުނިތަކަކީ އެތައް ގަރުނުތަކުގެ ދިގު ރާސްތާއެއް ކަޑައްތުކޮށް ދަރިފަސްކޮޅުތަކަކަށް ވިޔަފާރިތައް ދަމަހައްޓަމުން އައިސްފައިވާ ވިޔަފާރިތަކެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ބޮޑެތި ވިޔަފާރިތަކަށް ވެސް ވާނީ ގާތްގަނޑަކަށް 50 އަހަރެވެ. ހިއްސާގެ ބާޒާރު ފުޅާވުމަށް އެންމެ މުހިއްމީ ތަޖުރިބާ ލިބިފައިވާ ރޭވުންތެރި ވިޔަފާރިތަކެވެ. މިއަދު އަޅުގަނޑުމެންނަށް ތަޖުރިބާ މި ކުރެވެނީ ހިއްސާގެ ބާޒާރުގެ ޅަފަތުގެ ދުވަސްވަރެވެ. އަދި މުސްތަޤްބަލުގައި ރާއްޖޭގައި މިހާރު ހިންގާ ބޮޑެތި ވިޔަފާރިތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާން ފަށާނެ ކަމަށް ޤަބޫލުކުރެވެ އެވެ.

ހިއްސާގެ ބާޒާރުގައި ބައިވެރިވަނީ ކީއްކުރަން؟

އަމިއްލަ ވިޔަފާރިތަކުގައި އާންމުން ބައިވެރިކޮށްގެން ވިޔަފާރި ހިންގުމުގެ ފައިދާތައް ގިނަ އެވެ. ސްޓޮކް މާކެޓަކީ ކުންފުނި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދަން ބޭނުންކުރާ މުހިއްމު ވަޞީލަތެކެވެ. އަދި މިއީ ހިއްސާ ގަންނަ ފަރާތްތަކަށް ވިޔަފާރީގައި ބައިވެރިވުމަށް ލިބޭ ފުރުޞަތެކެވެ. ފަހަށް ރައްކާކުރުމާއި ހިއްސާގެ ބާޒާރުގައި ވިޔަފާރިކުރުމާ އެކު ހިއްސާދާރުންނަށް ބޮޑެތި ފައިދާ ލިބޭކަން ފާހަގަކުރަމެވެ.

އުރީދޫގެ ޚިދުމަތަށް އަލަށް ހުޅުވި ޕްރިމިއާ ލައުންޖު: އުރީދޫން މިހާރު ވަނީ ހިއްސާ ވިއްކަން ފަށާފައި

އުރީދޫގެ ޚިދުމަތަށް އަލަށް ހުޅުވި ޕްރިމިއާ ލައުންޖު: އުރީދޫން މިހާރު ވަނީ ހިއްސާ ވިއްކަން ފަށާފައި

ހިއްސާގެ ބާޒާރު ދިވެހިންގެ މެދުގައި މިއަދު މަޤްބޫލުވަމުން އަންނަކަމީ ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިކަމުން ހާމަވާ އެއް ކަމަކީ އިންވެސްޓުކުރުމުގެ ވިސްނުމާއި ފަހަށް ރައްކާކުރުމުގެ ވިސްނުން އިތުރުވަމުން އަންނަ ކަމެވެ.

ހިއްސާގެ ބާޒާރުގައި ބައިވެރިވާނީ ކިހިނެއް؟

ދިވެހިރާއްޖޭގައި ހިއްސާގެ ބާޒާރު ފުޅާވެ އިތުރަށް ހަރުދަނާ ވަމުން އަންނައިރު، އެކަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ވެސް އަންނަނީ ތަޢާރަފްކުރަމުންނެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ، ހިއްސާގެ ބާޒާރުގެ ކަންކަމުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ޕްރައިވެޓް ސެކްޓާ އެކްސްޗޭންޖެއްގެ ގޮތުގައި ލައިންސަންސްކޮށްފައިވާ ފަރާތެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ ދެ ފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރު މެދުވެރިކޮށްދޭ ފަރާތެކެވެ. އެގޮތުން އޭޕްރިލް މަހު ހިއްސާގެ މުޢާމަލާތް ހިންގަން ޙާއްސަ އޮންލައިން ޕޯޓަލެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމް.އެސް.ޑީ)ން ވަނީ ތައްޔާރުކޮށްފަ އެވެ. އިންފިނިޓީގެ ނަމުގައި ތަޢާރަފްކުރި މި ޕޯޓަލުން ހިއްސާގެ އެކައުންޓު ހުޅުވައި އެއިރަކު ޢާންމުންނަށް ހިއްސާ ވިއްކަން ހުޅުވާލާފައިވާ ކުންފުނިތަކުގެ ހިއްސާ ގަނެވޭނެ އެވެ. އަދި މި ޕޯޓަލްއިން އިތުރު ޚިދްމަތްތައް ތަޢާރަފު ކުރެވިގެން ދިއުމާ އެކު ހިއްސާގެ ބާޒާރުގެ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެގެން ދާނެ އެވެ.

ގޮންޖެހުންތައް

ހިއްސާގެ ބާޒާރު ފުޅާކުރުމަށް ބަލާއިރު ހުރި ގޮންޖެހުންތައް ދެނެގަންނަން ޖެހޭނެ އެވެ. އެގޮތުން ހިއްސާގެ ބާޒާރުގެ ބައިވެރިން ރާއްޖޭގައި މަދެވެ. ހިއްސާ ވިއްކަން ތައްޔާރަށް ތިބި ވިޔަފާރިތަކާ ހިއްސާ ގަތުން ފަދަ ވިޔަފާރިއަކަށް ޚަރަދުކުރެވޭނެ ފަދަ ފުދުންތެރިކަން ހުރި މެދު ފަންތީގެ އާމްދަނީ ލިބޭ މީހުން ވެސް މަދުކަން ފާހަގަކުރަމެވެ. އެފަދަ އާމްދަނީ ލިބުނު ނަމަވެސް ހިއްސާގެ ބާޒާރުގައި ބައިވެރިވުމުގެ ފުރިހަމަ މައުލޫމާތު ނެތުމާ އެކު ކުންފުނިތަކުގެ ހިއްސާދާރުން މަދުވުމަށް މެދުވެރިވެ އެވެ.

އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހިންގާ ވިޔަފާރިތައް ކުރިއަރާނީ ދައުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާ އެކު އެވެ. ހިއްސާގެ ބާޒާރުގައި ހިންގޭ މުޢާމަލާތްތައް މިއަދު އިތުރުވަމުން އަންނަ އިރު، އެ ޚިދުމަތް ފުޅާކުރުމަށް ދައުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެ އެވެ. އެގޮތުން މިހާރު ތަޢާރަފްކޮށްފައިވާ އިންފިނިޓީގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނީ ވެސް ދައުލަތުގެ މުވައްސަސާތަކުން ބޭނުންވާ ހުއްދަތަކާއި އެކިއެކި ކަންކަން ފުރިހަމަކުރެވިގެންނެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ވެސް އެކުލަވާލެވިގެންނެވެ.

އަމިއްލަ ވިޔަފާރިތައް ކުރިއަރައި ދިއުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ލިބޭ ކުރިއެރުމެކެވެ. ވިޔަފާރިތައް ހިންގުންތެރިކުރެވި، ފުރުޞަތުތައް ފުޅާކުރެވޭނީ ހިފެހެއްޓުމުގެ އާދައިން ނުކުމެވިގެންނެވެ.

އެޑިޓަރުގެ ނޯޓު

ހަސަން މަނިކަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އެވެ.