Roadha Mihaaru
ފިޔާޒަށް ހުކުމް ކުރުން ފަސްކޮށްފި

ފިޔާޒަށް ހުކުމް ކުރުން ފަސްކޮށްފި

10 އޯގަސްޓް 2017

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ފިޔާޒަށް ދައުވާކުރަނީ ނޮވެމްބަރު، 2015 ގައި މުލިއާގެ ކައިރިން ބޮމެއް ފެނިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް، ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދަނިކޮށް ފުލުހެއްގެ ގަޔަށް އޭނާ އަތްލި ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ހުކުމް މިއަދު މެންދުރު އިއްވަން ހަމަޖެއްސުމަށް ފަހު އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވުން ދެން ތާވަލް ކުރާނެ ދުވަހެއް އަދިއެއް ނޭނގެ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ފިޔާޒަށް އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބުގެ ދަރަޖަ މަތިވެ ނުވަތަ އެއަށް ވުރެ ދަށްވުމުގެ ފުރުސަތު އޮވެ އެވެ.

ފުލުހުންނަށް ހުރަސް އެޅިކަމުގެ ދައުވާތަކެއް ސާބިތުވެ މީގެ ކުރިން ވަނީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކާއި ކެމެރާމަނެއްގެ މައްޗަށް ހުކުމް އައިސްފަ އެވެ. އެ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި އެ މީހުންނަށް ކޯޓުން ކަނޑައެޅީ ޖޫރިމަނާ އެކެވެ.