ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން، ސަރުކާރަށް ނިސްބަތްވާ މުވައްޒަފުންނަށް މަޖުބޫރުކޮށް ބިރުދައްކަމުން ދާ ކަމަށް އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2017
ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން، ސަރުކާރަށް ނިސްބަތްވާ މުވައްޒަފުންނަށް މަޖުބޫރުކޮށް ބިރުދައްކަމުން ދާ ކަމަށް އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރާކާތްތައް ހިންގާ، މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަހްލޫފް ވިދާޅުވީ ޖަލްސާތަކުގެ ހާޒިރީ ބެލުމަށް ފަހު، ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށެވެ.
"ނޫނިއްޔާ ހއ. ދިއްދޫގައި ހުންނަ މުވައްޒަފު އައްޑު އަށް މި ބަދަލުކޮށްލަނީ. މިގޮތަށް ވަޒީފާގެ ބިރު މުވައްޒަފުންނަށް ދައްކައި މަޖުބޫރުކުރަމުންދާތީ އަޅުގަނޑުމެން އިންތިހާ އަށް ކަންބޮޑުވޭ،" މަހްލޫފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކަށް ދާން މަޖުބޫރުކުރަމުންދާ ކަމަށް މަހްލޫފް ވިދާޅުވިއިރު ސ. ހިތަދޫ ޔޫތު ސެންޓަރުގައި މިއަދު ބާއްވާ އެ ޕާޓީގެ ހަރަކާތަށް ސަރުކާރުގެ މުވައްޒަފުން ދާން އަންގާފައިވާ ވައިބަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ. އެ ބައްދަލުވުމަށް ނުދާ މީހުންގެ ހާޒިރީ ބަލާނެ ކަމަށް ވެސް މުވައްޒަފުންނަށް އިންޒާރު ދީފައިވެ އެވެ.
އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދުކޮށް، މިނިވަންކަމާ އެކު މަސައްކަތް ކުރުމަކީ ލިބިގެންވާ ހައްގެއް ކަން މަހްލޫފް ފާހަގަކުރެއްވި އެވެ.
މުވައްޒަފުންނަށް ބިރުދައްކައި، ގަދަބާރުން ޖަލްސާތަކަށް ގެންދަން ޖެހެނީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމުންނެވެ. އެކަން ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސާފުކޮށް ދައްކައިދީފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބުމަކީ ވެސް ތާއީދު ނެތް ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާ ނަމަ ވޯޓަކަށް ވަޑައިގަންނަވާ، ޔަގީންކޮށް މިދަންނަވަނީ 95 ޕަސެންޓަށް ވުރެ މަތިން އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް އެއްވާ މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ހައްޔަރުކުރާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައި އޭނާ ވިދާޅުވީ އެއީ ސީދާ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު ރޭ ހައްޔަރުކޮށްފައިވާއިރު ގައުމީ ސަލާމަތަށް އޭނާގެ ސަބަބުން އޮތީ ކޮން ނުރައްކަލެއްތޯ މަހްލޫފް ސުވާލު ކުރެއްވި އެވެ.
"ނައީމާއްތަ ރަނގަޅު އަބަދާއި އަބަދު މަގުމަތީގައި ހިޔާލުފާޅުކުރަން ހުންނަން، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަނިޔާވެރިކޮށް ނައީމާއްތަގެ ދަރިއެއް ވަނީ މިފަހުން މަރާލެވިފައި. އެހެންވީމަ ނައީމާއްތަ 24 ގަޑިއިރު ހުންނަންވީ މަގުމަތީގައި ނޫންތޯ؟ ރިލްވާން މަންމަ އަބަދު ހުންނަންވީ މަގުމަތީގައި ނޫންތޯ؟ އެކަމަކު ނިކުންނަ އިރަށް މޫނަށް ޕެޕާ ސްޕްރޭ މި ޖަހަނީ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން ތަނެއް ނުދޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެކަމަށް އެދި ހައުސިން މިނިސްޓްރީ އަށް އެތައް ހާސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ޖަލްސާ ބާއްވަން އެދެނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ބިންތަކުގައި ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާ ޖަލްސާއެއް ބާއްވަން، އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާ މާލޭގެ މަގުތަކަށް މީހުން އެއްކުރަން. ތާއީދު އޮތީ ކޮން ބައަކަށްތޯ އޭރުން ސާފުކޮށް ފެންނަވަރު ކޮށްދޭނަން،" މަހްލޫފް ވިދާޅުވި އެވެ.
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ރައީސް ކަން ކުރައްވަނީ އަޅުގަނޑުމެންގެ ފަހަތުން: އިބޫ
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ
ރައްޔިތުން އެދެނީ ބަދަލެއް، ބަދަލަށް ތައްޔާރުވޭ: އިބޫ