Roadha Mihaaru
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"

އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ސަރުކާރެއް: އެމްޑީޕީ

24 ސެޕްޓެމްބަރ 2018

ނޮވެމްބަރު 17 ވަނަ ދުވަހު އުފެދޭ އިދިކޮޅު އިއްތިހާދުގެ ސަރުކާރަކީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޮވެމްބަރު 17 ވަނަ ދުވަހު އުފެދޭ އިދިކޮޅު އިއްތިހާދުގެ ސަރުކާރަކީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާ ކިޔުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ލިބުނީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާފު ގާއިމުކޮށް، އިންސާނީ ހައްގުތައް ދެމެހެއްޓުމާއި ނެގެހެއްޓުމާއި ރައްކާތެރިކޮށްދިނުމަށެވެ. އަދި ރައްޔިތުން ބޭނުންވާ އެންމެ ހައްގު މިންވަރު ހޯދައިދިނުމަކީ އެ ޕާޓީގެ އެންމެ އަސާސީ އެއް ސިފަކަމަށް އޭނާ ވިދާޅުވި އެވެ.

"މި އުންސުރުތައް ނުގެއްލޭ ގޮތަށް ޕާޓީގެ މަސައްކަތް އަޅުގަނޑުމެން ސަރުކާރުގައި ތިބޭއިރު ފުރިހަމައަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ ބޭފުޅުން ވެސް މިނިވަން ވާނެ ކަމަށެވެ. އަދި ދާދި އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ހަސަން ލަތީފް ނުދެއްވަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ މަސައްކަތަކަށް ވާނީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ހަދަން ކަމަށެވެ. ޝިފާޒް ވިދާޅުވީ މިފަހަރަކީ، ވަރަށް ދައްޗާއި އުނދަގުލާއެކު، ރިޔާސީ އިންތިޚާބުގައި އުޅެން ޖެހުނު ފަހަރެކެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"މި ހުރިހާ އުނދަގުލަކާއި ކަންތައްތަކާ އެކީގައި ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައި. އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވަނީ ހުރިހާ ބޭފުޅުން ކުރި ބުރަ މަސައްކަތުން، ރާއްޖެ އަލުން އާރާސްތު ކުރުމުގެ މަތިވެރި ބޭނުމުގައި،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި، އިންސާފުގެ މަގަށް ރާއްޖެ ގެންދާއިރު، ރާއްޖެ ބިނާ ކުރާނީ ގާނޫނު ބުނާ ހުދޫދުގެ ތެރެއިންނެވެ. ރީތި ވެއްޓެއްގައި އުޅޭ ރީތި ރާއްޖެއެއް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން، އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅު ކުރުމުގެ ހަރަކާތްތައް ބާއްވަން ނިންމައިފަ އެވެ. އަދި މި ހަރަކާތްތައް އެއްވެސް ހަމަނުޖެހުމެއް ނުހިންގާ، ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.

ނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ އިބޫ ކޮޅަށް ނިމުނަސް، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވީ އިންސާފުވެރިކަމާއެކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، އެ ހުރިހާ ކަމަކާއެކީގައި ބޮޑު ތަނުން އިންތިޚާބު ކާމިޔާބު ކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.