Roadha Mihaaru
ކާންދޭ ހޮޅި ނެއްޓިގެން ޒާހިލް އިންޑިއާ އަށް

ކާންދޭ ހޮޅި ނެއްޓިގެން ވެންޓިލޭޓަރުގައި ޒާހިލް އިންޑިއާ އަށް

13 އޯގަސްޓް 2017

ބަނޑަށް ހޮޅިއެއް ގުޅައިގެން ކާންދެމުން އައި އިބްރާހިމް ޒާހިލް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހޮޅި ނައްޓައިގެން ދިއުމުން އަވަސް ފަރުވާ ދިނުމަށް އިންޑިއާ އަށް ރޭ ގެންގޮސްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބަނޑަށް ހޮޅިއެއް ގުޅައިގެން ކާންދެމުން އައި އިބްރާހިމް ޒާހިލް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހޮޅި ނައްޓައިގެން ދިއުމުން އަވަސް ފަރުވާ ދިނުމަށް އިންޑިއާ އަށް ރޭ ގެންގޮސްފި އެވެ.

ޒާހިލްގެ އާއިލާ އިން ބުނިގޮތުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ރޭ އޭނާ އިންޑިއާގެ ކޮޗިން އަށް ގެންދިޔައީ ހާލު މާބޮޑަށް ދަށަށް ދާތީ އެވެ.

ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިދިޔަ މަހު 31 ގައި ޒާހިލް މާލެ ގެނައިރު، އޭނާގެ ބަރުދަނުގައި ހުރީ 16 ކިލޯ އެވެ. އެކަމަކު ރޭ އިންޑިއާ އަށް ފޮނުވާލިއިރު ޒާހިލްގެ ބަރުދަނަކީ 14 ވަރަކަށް ކިލޯ ކަމަށް އާއިލާ އިން ބުންޏެވެ.

ޒާހިލްގެ ބޭބެ، އަރީފް މުހައްމަދު ބުނީ ބަނޑަށް ހޮޅި ގުޅައިގެން ކާންދެމުން ދިޔައީ އެކަމަށް ހާއްސަ "ފީޑިން ބޭގެއް" ބޭނުންކޮށްގެން ކަމަށެވެ. އެކަމަކު އައިޖީއެމްއެޗުން އެކަން ނުކުރެވުމުން، އައިސީޔޫގައި އޮތް އިރު، އޭނާ އަށް [ހާއްސަ ކިރެއް] ދެމުން ދިޔައީ، އެ ހޮޅިއަށް އިންޖެކްޓް ކޮށްގެން ކަމަށް އަރީފް ބުންޏެވެ. ކާންދޭ ހޮޅި ނެއްޓުނީ އެކަމުގެ ތެރޭގައި މި މަހުގެ ތިން ވަނަ ދުވަހު ކަމަށް އޭނާ ބުނެ އެވެ.

އެހެންވެ، އޭރުން ފެށިގެން އޭނާ އަށް ކާންދެމުން އައީ، ކޮނޑަށް ގުޅާފައި ހުންނަ އައިވީ ހޮޅިއަކުންނެވެ.

"އައިޖީއެމްއެޗުން ބުނީ ޒާހިލް މާބޮޑަށް އަނަރޫފަ ކަމުން ހޮޅި ލައްވާކަށް ނުކެރޭނެއޭ. މި ތަނުން ހުރިހާ ކަމެއް ބަލަހައްޓައި ދޭ ގޮތަށް ވީހާ ވެސް އަވަހަކަށް އޭނާ ބޭރަށް ގެންދާށޭ،" އަރީފް ބުންޏެވެ.

އާއިލާ އިން އެދިގެން ބެންކޮކުން ޒާހިލް މާލެ ގެނައީ ވެސް އެ ތަނުން އޭނާގެ އޮޕަރޭޝަން ނުކުރެވުމުން، އިންޑިއާގެ ހައިދަރު އާބާދުގައި ހުންނަ ގޮހޮރުގެ ހާއްސަ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށެވެ. ނަމަވެސް އޭނާ އެތަނަށް ދެން ގެންދާނީ ވިއްސަކަށް ކިލޯ ބަރުވުމުން ކަމަށް އާއިލާ އިން ބުންޏެވެ.

"އައިސީޔޫގައި އޮތް އިރު ވެސް ޒާހިލް ވަރަށް ބަނޑުހައިވެގެން އުޅޭ. އެކަމަކު އައިވީ ހޮޅިއަކުން އޭނާ ބަނޑުފުރޭ ވަރަކަށް ކިރެއް ނުދެވޭ. އެހެންވެ، އޭނާގެ ބަރުދަން އިތުރު ކުރެވޭނެ ހަމައެކަނި ގޮތަކީ ބަނޑަށް ހޮޅި ލެއްވުން ކަމަށް ވާތީ ކޮޗިން އަށް ގެންދިޔައީ،" އަރީފް ބުންޏެވެ.

އޭނާ ބުނިގޮތުގައި އިންޑިއާގައި ބާއްވައިގެން ފަރުވާ ދިނުމަށް، ޒާހިލް އާއި އޭނާގެ މަންމަ އަށް ދެ މަސް ދުވަހުގެ ވިސާ ވަނީ މިހާރު ޖަހާފަ އެވެ.