Roadha Mihaaru
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި

އިދިކޮޅު ޖަލްސާ ބާއްވަން ފަނޑިޔާރު މަގު ބަންދުކޮށްދޭން އެމްޑީޕީން އެދިއްޖެ

14 އޯގަސްޓް 2017

އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބާއްވަން، މ. ކޫނޫޒް ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދޭން އިދިކޮޅު އެމްޑީޕީން ފުލުހުންގެ ކިބައިން މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބާއްވަން، މ. ކޫނޫޒް ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދޭން އިދިކޮޅު އެމްޑީޕީން ފުލުހުންގެ ކިބައިން މިއަދު އެދިއްޖެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން މިކަމަށް އެދުނުއިރު، ވެރިކަން ކުރާ ޕީޕީއެމުގެ ޖަގަހައެއް މާލޭގައި ހުޅުވުމަށް، ފުލުހުން ރޭ ވަނީ ފާށަނާކިލެގެފާނު މަގު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފަ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި، އެ މަގު ބަންދުކޮށްގެން އެއްވުން ބާއްވަން ޕީޕީއެމަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން އެދުމުން ކަމަށް ފުލުހުން މީޑީއާތަކުގައި ބުނެފައިވެ އެވެ.

އެ އުސޫލުން، އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒްގައި ޖަލްސާ ބާއްވަން ފަނޑިޔާރު މަގު ބަންދުކޮށްދޭން ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް ޖަގަހަ ހުޅުވި އިވެންޓުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިން އުސޫލުން އިދިކޮޅު ޕާޓީތަކުގެ ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭން އެދިފައި ވަނީ. ތަފާތުކުރުން ނުގެންގުޅެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ފުލުހުން އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭނެ،" އަނަސް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ޖަލްސާ ބާއްވާނެ ތަނެއް ނުދޭ މައްސަލަ ވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ހުށަހަޅައިފަ އެވެ.