Roadha Mihaaru
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް

ކުނޫޒު އޮތީ ކޯޓު އަމުރާ ޚިލާފަށް ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް

27 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކާއި ހަރަކާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ މައި ހަރުގެ މ. ކުނޫޒު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ފުލުހުން ހިސޯރުކޮށްފައި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކާއި ހަރަކާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ މައި ހަރުގެ މ. ކުނޫޒު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ފުލުހުން ހިސޯރުކޮށްފައި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.

އެ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ކުނޫޒް ހިސޯރުކޮށްފައިވާ މި ވަގުތުގައި އެ ތަނުގައި އެއްޗެއް ޕްލާންޓްކުރުން ފަދަ ކަންކަން ހިނގާފާނެތީ ކަންބޮޑުވާ ކަމަށެވެ.

ކުނޫޒްގައި ހިންގަނީ ރައްޔިތުންގެ ތާއީދާ އެކު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކެއް ކަމަށާއި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކުރާ ޣައިރު ގާނޫނީ ކަންކަމުގައި ފުލުހުން ހިއްސާވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މިނިވަންކަމާއެކު ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާ ހިނދު، ފުލުހުންގެ މިފަދަ ނޭއްގާނީ އަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި ފުުލުހުންގެ މެދު ނަފްރަތު އުފެދިގެންދާނެ އެވެ،" ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައިވެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން އަމަލުކޮށް ޖުމްހޫރީ ޕާޓީގެ އިދާރީ ހިންގުމަށް ހުރަސް ނާޅައި އެ އޮފީސް އޮފީސް ހަވާލު ކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުނޫޒު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ކުނޫޒު ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދިން އަމުރު ހިފައިގެން ދިއުމުން، އެތަން ބަލައި ފާސް ކުރަން ފުރުސަތު އަންގާރަ ދުވަހުގެ ރޭ ދީފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. ކުނޫޒް ފާސް ކުރުމަށްފަހު، އެތަނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމުގެ ލިޔުން ފުލުހުން އަންގާރަ ދުވަހުގެ ރޭ ދިނުމާއެކު، ކުރީގެ އަމުރު ހިފައިގެން އެތަން ފާސް ކުރަން ފުލުހުންނަށް ނުދެވޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ 32 ވަނަ މާއްދާގައި އޮންނަ ގޮތުން، ތަނެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެތަނަކަށް ވަންނަ ނަމަ އެކަން ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.