Roadha Mihaaru
"ބޮސް" ގެ ޓީމުން ޔުނާނަށް ތައުރީފު އޮއްސާލައިފި

އާ އެކްޓަރު ޔުނާނަށް "ބޮސް" ގެ ޓީމުން ތައުރީފު އޮއްސާލައިފި

15 އޯގަސްޓް 2017

ފާތުމަތު ނަހުލާގެ އާ ފިލްމް "ބޮސް" އިން ފިލްމީ ދާއިރާ އަށް ތައާރަފްކުރާ މުހައްމަދު ޔުނާން ފީޗާ ފިލްމަކަށް އަލަސް އެކްޓިންއަކަށް އަލެއް ނޫނެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގައި އޭނާ ވަނީ އެކްޓިން ހުނަރު ދައްކާލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާގެ އާ ފިލްމް "ބޮސް" އިން ފިލްމީ ދާއިރާ އަށް ތައާރަފްކުރާ މުހައްމަދު ޔުނާން ފީޗާ ފިލްމަކަށް އަލަސް އެކްޓިންއަކަށް އަލެއް ނޫނެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގައި އޭނާ ވަނީ އެކްޓިން ހުނަރު ދައްކާލައިފަ އެވެ.

އެކަމަކު ސުވާލަކީ ބޮޑު ސްކްރީންގައި ޔުނާން އަށް ކިހާ ވަރެއް ކޮށްލެވިދާނެތޯ އެވެ؟ އެ ސުވާލަށް ޖަވާބު ދޭ ނަމަ "ބޮސް" ގެ ޓީމުން ތައުރީފު ނޫން އެއްޗެއް ނެތެވެ.

ނަހުލާ ބުނަނީ ޔުނާންއަކީ މި ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ގޮންޖަހައިލާ ވަރުގެ އެކްޓަރަކަށް ވާނެ ކަމަށާއި އޭނާގެ އެކްޓިން ފެނިފައި އަމިއްލަ އަށް ވެސް އަންތަރީސްވެފައިވާ ކަމަށެވެ.

މިހާރު ޝޫޓް ކުރަމުން އަންނަ "ބޮސް" އަކީ ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓްކުރާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ފިލްމްގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމަށް އައިސްފައިވާ އިރު ނަހުލާ ބުނީ ޔުނާންގެ މޮޅު އެކްޓިންއާ އެކު މުޅި ޓީމް ހައިރާންކޮށްލާފައިވާ ކަމަށެވެ. އޭނާ ނޫނީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ތިބީ ހަމަ ސީނިއާ ތަރިންނެވެ. އޭގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ފާހަގަކޮށްލެވެ އެވެ.

ނަހުލާ ބުނީ "ބޮސް" ގެ ލީޑް ރޯލަށް ޔުނާން ލެވުމަކީ މި ފިލްމަށް ކުރެވުނު އެންމެ ރަނގަޅު އެއް ކަންތައް ކަމަށެވެ.

"ފިލްމްގެ މަސައްކަތް ވެސް ފެށި އިރު ވެސް ސުވާލުތަކެއްގެ ތެރޭގައި އަހަރެން ހުރީ. އަހަރެންގެ ފިލްމެއްގެ ލީޑް ރޯލެއް އާ މީހަކަށް ދީގެން އަނެއްކާ ކިހިނެއް ވާނެބާއޭ ހިތަށް އަރާފައި ޖެހިލުންވެފައި ފުރަތަމަ ހުރެވުނީ،" ނަހުލާ ބުންޏެވެ.

ނަހުލާ "ބޮސް" ގެ ޝޫޓިންގެ ތެރެއިން ބައެއް ކާސްޓުންނާ އެކު.

ނަހުލާ "ބޮސް" ގެ ޝޫޓިންގެ ތެރެއިން ބައެއް ކާސްޓުންނާ އެކު.

އެހެން ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔުނާން އެންމެން އަންތަރީސްކޮށްލި ކަމަށް ބުންޏެވެ.

"އާ މީހަކާ ބަލާފައި މިވަރުގެ އެކްޓިންއެއް ދެއްކިދާނެ ކަމާ ދޭތެރޭ އުފެދުނު ހުރިހާ ޝައްކުތަކެއް ޔުނާން ފިލުވައި ދީފި. އޭނަގެ ފަރާތުން ފެންނަނީ ކުރިން ހަމަ އެކްސްޕެކްޓް ނުކުރާ ވަރުގެ މޮޅު ހުނަރެއް. އަހަރެން ބުނާނީ އޭނާއަކީ ފިލްމީ ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ގޮންޖަހާލާ ވަރުގެ އެކްޓަރަކަށޭ ވާނީ،" ފިލްމްގެ ލީޑް ރޯލް އާ އެކްޓަރަކަށް ދެވުމުން މިހާރު ހިތްހަމަޖެހިފައި ހުރި ނަހުލާ ބުންޏެވެ. "މީގައި ތިބި ސީނިއާ އެކްޓަރުންނަށް ހަމަ ދޫނުކުރާ ވަރުގެ މީހެއް ޔުނާނަކީ."

އޭނާ ބުނީ ޔުނާންއަކީ އެކްޓިން ރަނގަޅު ވަރަށް ހިތްވަރުލާ ޒުވާނެއް ކަމަށެވެ. އެގޮތުން އޭނަ އަމިއްލަ އަމިއްލަ އަށް ދަސްކުރުމުގެ އިތުރަށް އަހައިގެން ވެސް ވަރަށް ބޮޑަށް ދަސް ކުރަން މަސައްކަތް ކުރާ ކަމަށް ނަހުލާ ބުންޏެވެ.

"އަހަރެން ބުނާނީ ބޮސް ބަލާފައި އޯޑިއަންސް ނުކުންނާނީ ޔުނާން ދެކެ ލޯބިވެގެންނޭ،" ޔަގީންކަމާ އެކު ނަހުލާ ބުންޏެވެ.

"ބޮސް" ގެ ޝޫޓިން ތެރެއިން.

"ބޮސް" ގެ ޝޫޓިން ތެރެއިން.

އޭނާގެ އެ ވާހަކަތައް ދެން ބާރު ދެނީ ޑައިރެކްޓަރު ރިޝްމީ އެވެ. އޭނާ ބުނި ގޮތުގައި ނަހުލާ އަށް، ޔުނާން ރެކޮމެންޑް ކުރެވުނުކަމީ "ބޮސް" އަށް ލިބުނު އެންމެ ބޮޑު އެއް ފުރިހަމަ ކަމެވެ.

"މީގެ އެހެން ކާސްޓުން އޯވަޝެޑޯ ކުރާ ވަރަށް ޔުނާން އެބަހުރި ޕަފޯމަންސް ދައްކާފައި. އޭނާ މި ފިލްމަށް ގެނެވުނީތީ ވަރަށް ޕްރައުޑްވެފައި މި ހުންނަނީ،" ރިޝްމީ ބުންޏެވެ. "އަހަރެން ބުނާނީ އޭނާއަކީ ފިލްމީ ދާއިރާގެ ބޮންތި އަށް އަރައިގެން ދާނެ އެކްޓަރެކޭ. ހަމަ ހަގީގަތުގައި ވަރަށް މޮޅު އޭނަ."

ޔުނާންއާ އެކު "ބޮސް" ގެ ބަތަލާގެ ރޯލް ކުޅޭ މަރިޔަމް އައްޒަ ވެސް ބުނަން އޮތީ ހަމަ އެހެންނެވެ.

"އާ މީހެއްވީމަ އައްޒަ ވެސް ފުރަތަމަކޮޅު ވަރަށް ޖެހިލުންވެފައި ހުރީ. އެކަމަކު ޔުނާންގެ އެކްޓިން ހަމަ އަންއެކްސްޕެކްޓެޑް. އޭނަ މޮޅުވީމަ އަހަންނަށް ވެސް އެކުގައި ސީންތަކަށް ރިއެކްޓް ކުރަން ވަރަަށް ފަސޭހަ. މީގައި ބޮޑަށް ހުންނާނީ ވެސް ލޯބީގެ އަދި ހިތާމަވެރި މަންޒަރުތައް،" އައްޒަ ބުންޏެވެ. "އެކަމަކު ކޮންމެ ސީންއަކީ ޔުނާން އެހާ މޮޅަށް އެކްޓްކޮށްލާފައި ހުރި ސީންތަކެއް. އާ މީހެކޭ އިހުސާސް ނުވާ ވަރަށް އޭނަގެ މަސައްކަތް ޕާފެކްޓް."

އައްޒަ ބުނީ ޔުނާންއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ.

"ބޮސް" ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ.

"ބޮސް" ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ.

ޑްރާމާތަކެއް ކުޅުނަސް ރާއްޖޭގެ މަޝްހޫރު ތަރިންނާ އެކު، ބޮޑު ސްކްރީނަށް އައުމަކީ އަދި ޔުނާން އަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.

އޭނާ އަށް "ބޮސް" ގެ ޓީމުން އޮއްސާލި ތައުރީފުގައި ހުރި ބުރަދަނެއް ބެލުންތެރިންނަށް ވަޒަންކޮށްލަން ލިބޭނީ އޮކްޓޯބަރު 24 ގަ އެވެ. އެހެންވެ މި ފިލްމަކީ ކޮންމެހެން ވެސް އުންތިޒާރުކޮށްލަން ޖެހޭ ފިލްމެވެ.

ރިޝްމީ ޑައިރެކްޓް ކުރިޔަސް "ބޮސް" އަކީ ނަހޫ ސްޓައިލްގެ ފިލްމެއް ދިގު މުއްދަތަކަށް ފަހު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ ފިލްމް ހާއްސަ އެވެ.