Roadha Mihaaru
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި

19 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

ވަހީދު "މިހާރު" އަށް ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައި، އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަން ކުރިން ވެސް ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށާއި ސުޕްރީމް ކޯޓުން އެކަމުގައި އިސް ނަގައިގެން ވެސް ގޮތެއް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލާގައި ސުޕްރީމް ކޯޓުން އެބަޖެހިވަޑައިގަންނަވާ އިސް ނަންގަވައިގެން ވިޔަސް މިކަން ބައްލަވައި ދެއްވަން. މީގެ ކުރިން ސުޕްރީމް ކޯޓުން އެބަހުރި ބައެއް ކަންކަމުގައި އެ ބޭފުޅުން އިސް ނަންގަވައިގެން ފިޔަވަޅު އަޅުއްވައި، މަސްލަހަތުތައް ހިމާޔަތް ކުރައްވާފައި،" ވަހީދު ވިދާޅުވި އެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެކަމަކު އެ ހުކުމުގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް، ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ. ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކި ކޮށްފައިވާ މެމްބަރުންނެވެ. ދެން ހުރި މެމްބަރަކީ އެ ހުކުމުގެ ކުރިން އަމިއްލަ އަށް ޕީޕީއެމުން ވަކިވެ ވަޑައިގަތް މެމްބަރެކެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާ މެެދު ސުވާލު އުފެއްދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.