Roadha Mihaaru
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި

އިރާގުގެ އުތުރުގައި އައިއެސްއާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

20 އޯގަސްޓް 2017

ބަޣުދާދު (އޮގަސްޓް 20) - އިރާގުގެ އުތުރުގެ ތަލް އަފާރު ސިޓީން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ފޮނުވާލުމުގެ އޮޕަރޭޝަން މިއަދު ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮގަސްޓް 20) - އިރާގުގެ އުތުރުގެ ތަލް އަފާރު ސިޓީން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ފޮނުވާލުމުގެ އޮޕަރޭޝަން މިއަދު ފަށައިފި އެވެ.

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ "އައިއެސް އަށް އޮތީ އަމާން ދިނުން، ނޫނީ މަރުވުން" ކަމަށެވެ.

ޝިއައީ މުސްލިމް އާބާދީ އޮންނަ ތަލް އަފާރު އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރު އެވެ. އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ބޭލި ފަހުން އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް މަދު ތަންތަނުގެ ތެރޭގައި ތަލް އަފާރު ހިމެނެ އެވެ. ތަލް އަފާރު އޮންނަނީ މޫސަލްގެ ހުޅަނގުން އަދި ސީރިއާގެ ބޯޑަރާ 150 ކިލޯ މީޓަރު ދުރުގަ އެވެ.

ތަލް އަފާރު ހިފުމުގެ އޮޕަރޭޝަން ފެށިކަން ބޮޑު ވަޒީރު އިއުލާން ކުރެއްވުމުގެ ކުރިން އިރާގު ސިފައިން ވަނީ އެ ސިޓީ އަށް ލީފްލެޓް އަޅާ އާއްމުން ސަމާލުވެ ތިބުމަށް އަންގައިފަ އެވެ.

ތަލް އަފާރުގައި އައިއެސްގެ 1،400 ވަރަކަށް ހަނގުރާމަވެރިން ތިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އިރާގު ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ރަސޫލް ވިދާޅުވީ މޫސަލް ހިފުމަށް ވުރެ ތަލް އަފާރު ހިފުން މާބޮޑުތަން ފަސޭހަ ވާނެ ކަމަށެވެ.