Roadha Mihaaru
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި

މޫސަލްގެ ހަނގުރާމައިގައި އައިއެސް އިން ވަނީ 740 މީހުން މަރާފައި

05 ނޮވެމްބަރ 2017

ބަޣުދާދު (ނޮވެމްބަރު 5) - އިރާގުގެ މޫސަލް ސިޓީ ހިފަން ކުރި ހަނގުރާމައިގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އާއްމުންގެ 741 މީހުން ގަތުލްކޮށްފައި ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ނޮވެމްބަރު 5) - އިރާގުގެ މޫސަލް ސިޓީ ހިފަން ކުރި ހަނގުރާމައިގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އާއްމުންގެ 741 މީހުން ގަތުލްކޮށްފައި ކަމަށް އދ. އިން ބުނެފި އެވެ.

މޫސަލް ހަނގުރާމައިގައި އައިއެސް އިން ވަނީ އެތައް ބަޔަކު އެއްފަހަރާ ވަގަށް ނަގާ، އިންސާނީ އައްޑަނައެއްގެ ގޮތުގައި އާއްމުން ބޭނުންކޮށް، ގަސްދުގައި މީހުންގެ ގެދޮރަށް ހަމަލާދީ އަދި މޫސަލް އިން ފިލަން ދާ މީހުންގެ ގަޔަށް ބަޑިޖަހައިފަ އެވެ.

"މޫސަލްގައި ޖަރީމާ ހިންގި މީހުން އެ މީހުންގެ އަމަލްތަކަށް ޖަވާބުދާރީވާން ޖެހޭނެ،" އދ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވި އެވެ.

މޫސަލް ހަނގުރާމައިގައި އިރާގު ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ތަހުގީގު ކުރުމަށް ވެސް ރާދު ހުސައިން ވަނީ ގޮވާލައްވައިފަ އެވެ.

މޫސަލް ހިފަން ކުރި ހަނގުރާމަ އެންމެ ހޫނުވި ދުވަސްވަރު، ނޮވެމްބަރު 2016 އިން ޖުލައި 2017 އާ ދެމެދު އިރާގު ސިފައިންނާއި އެމެރިކާ ކޯލީޝަނުން ދިން ހަމަލާތަކުގައި އާއްމުންގެ 461 މީހުން މަރުވެފައިވާ ކަމަށް ވެސް އދ. އިން ވަނީ ބުނެފަ އެވެ. މޫސަލްގެ އަސްކަރީ އޮޕަރޭޝަނުގައި މުޅި އެކު އާއްމުންގެ 2،521 މީހުން މަރުވެ 1،673 މީހުން ވަނީ ޒަޚަމްވެފަ އެވެ. ޔޫއެން އެސިސްޓެންސް މިޝަން ފޯ އިރާގު އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޫސަލް އިން ގިނަ މީހުން މަރުވެފައި ވަނީ އައިއެސްގެ ހަމަލާތަކުގައި ކަމަށެވެ.