Roadha Mihaaru
މާލޭގެ ބިންތައް ވިއްކުން: ވަރަށް ބޮޑު ގޯހެއް!

މާލޭގެ އަގުބޮޑު ބިންތައް ވިއްކުން: ވަރަށް ބޮޑު ގޯހެއް!

24 އޯގަސްޓް 2017

މާލޭގެ ރަނގަޅު ލޮކޭޝަނަކުން ބިންކޮޅެއް ލިބޭތޯ މަހުޖަހުން އަބަދުވެސް ތިބެނީ ކަޅިއަޅަ އަޅަ އެވެ. އެއިން ތަނެއްގައި ކޮންމެ ކަހަލަ އިމާރާތެއް ހެދިޔަސް އިންތިހާއަށް ބޮޑު ފައިދާއެއް ލިބޭނެކަން އެނގޭތީ އެވެ. އެހެންވެ ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑީ މާލޭގެ ބިމަށެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ރަނގަޅު ލޮކޭޝަނަކުން ބިންކޮޅެއް ލިބޭތޯ މަހުޖަހުން އަބަދުވެސް ތިބެނީ ކަޅިއަޅަ އަޅަ އެވެ. އެއިން ތަނެއްގައި ކޮންމެ ކަހަލަ އިމާރާތެއް ހެދިޔަސް އިންތިހާއަށް ބޮޑު ފައިދާއެއް ލިބޭނެކަން އެނގޭތީ އެވެ. އެހެންވެ ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑީ މާލޭގެ ބިމަށެވެ.

މާލޭގެ ބިމުގެ ޑިމާންޑް ބޮޑުވެފައި ވަނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށަށްވެފައި ވިޔަފާރީގެ މައި މަރުކަޒަށްވުމުން މާލޭގެ ބިމަކީ ވިޔަފާރިވެރިންނަށް ރަނެއް ފަދަ ތަނެކެވެ. މާލޭގެ ބިމުގެ ޑިމާންޑް ބޮޑުވަމުން އަންނާތީ މީގެ އެތައް އަހަރެއް ކުރިން އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމާއި ބިން ދޫކުރުން ވަނީ ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް މި ސަރުކާރުން ވާނީ މާލޭގެ އެންމެ އަގު ބޮޑު ތިން ސަރަހައްދަކުން 19 ގޯއްޗެއް ވިއްކަން އިއުލާންކޮށްފަ އެވެ. އެއީ ވެސް އާދައިގެ ބަޔަކަށް އަތްފޯރާވަރުގެ އަގެއްގައެއް ނޫނެވެ. މީގެ ކުރިން ދުވަހަކު ވެސް މާލޭގެ ބިން ވިއްކާފައިނުވާވަރުގެ ބޮޑު އަގެއްގައި، އަކަފޫޓެއް 15،000ރ.ގެ ރޭޓުންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ މާލޭގެ އެ ބިންތައް ނުވިއްކައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޕާޓްނާޝިޕް އުސޫލުން ތަރައްގީކޮށްފި ނަމަ އޭގެ ފައިދާ ބޮޑުވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވިއްކަން އިއުލާން އިއުލާންކޮށްފައިވާ އެސްޓީއޯ ރެޑީ މިކްސް ތައްޔާރުކުރާ ކޮށި. ފޮޓޯ: ނިޝާން އަލީ /މިހާރު

ހައުސިން މިނިސްޓްރީން ވިއްކަން އިއުލާން އިއުލާންކޮށްފައިވާ އެސްޓީއޯ ރެޑީ މިކްސް ތައްޔާރުކުރާ ކޮށި. ފޮޓޯ: ނިޝާން އަލީ /މިހާރު

"ބަޔަކަށް ދީގެން ތަރައްގީކޮށްފި ނަމަ މިހާރު ސަރުކާރަށް ފައިދާ ބޮޑުވާ ގޮތްތަކެއް ހުށަހަޅާނެ. ބިން ވިއްކުމަކީ ވަރަށް ބޮޑު ގޯހެއް. ބިން ވިއްކައިފި ނަމަ އެންމެ މީހަކަށް ތަން ލިބޭނީ. ސަރުކާރާ ގުޅިގެން ހަދައިފި ނަމަ އެތައް ބަޔަކަށް އޭގެ ފައިދާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބިން ވިއްކުމަށްވުރެ އެތަން އަމިއްލަ ފަރާތްތަކާ ގުޅިގެން ތަރައްގީކުރާ ނަމަ އޭގެ ފައިދާ އެތައް ގުނައެއް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އޭގެ އެއް މިސާލަކީ އަމީނީމަގުގައި އިމާރާތްކޮށްފައި "ރެހެންދި" ފްލެޓާއި ގާކޮށި އަދި އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓެވެ. އެތަންތަން އަމިއްލަ ފަރާތްތަކާ ހަވާލުކުރީ ސަރުކާރަށް މަދުވެގެން 30 ޕަސެންޓް ލިބޭ ގޮތަށެވެ. އެ 30 ޕަސެންޓް ސަރުކާރުން ބޭނުން ބަޔަކަށް ވިއްކާލެވެ އެވެ.

"މިހާރު ހަމަޖައްސާފައިވާ އުސޫލުން އެއް ފަހަރާ ސަރުކާރަށް ލާރިގަނޑެެއް ލިބިދާނެ. އެކަމަކު އެއީ ދުރު މުސްތަގުބަލަށް ބަލާއިރު ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ސަރުކާރުން ވިއްކާ އަގުގެ ދިހަގުނަ ފައިދާ އެތަން ގަންނަ މީހެއް ނަގާނެ. އެއީ އެ ލޮކޭޝަނުގެ ގޮތުން. ބަޔަކު މުއްސަނދިކޮށްދޭން ބޭނުން ނަމަ އެކަންކުރަންވީ. އެކަމަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

މާލޭގެ ބިން އެންމެ ފަރާތަކަށް މިލްކުކުރެވޭ ގޮތަށް ފޮތިފޮތިކޮށްގެން ވިޔަސް ވިއްކުމަކީ ދައުލަތަށް އިންތިހާއަށް ގެއްލުން ބޮޑު ކަމެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މާލޭގެ ހުސްބިންތައް މަދުވުމެވެ. އަދި މިހާރު ވިއްކަން އިއުލާންކޮށްފައިވާ ލޮކޭޝަންތަކުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތްތަކާ ޕާޓްނާޝިޕް އުސޫލުން ތަރައްގީކޮށްފި ނަމަ އޭގެ ފައިދާ އަބަދުވެސް ދައުލަތަށް ލިބޭނެތީ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

މާލޭގެ މޫނުމަތީގައި ހަދާފައިވާ އުސް އިމާރާތްތަކެއް: މާލޭގެ ބިމުގެ އަންނަނީ ދުވަހެއް ދުވަހަކަށް އުފުލެމުން.

މާލޭގެ މޫނުމަތީގައި ހަދާފައިވާ އުސް އިމާރާތްތަކެއް: މާލޭގެ ބިމުގެ އަންނަނީ ދުވަހެއް ދުވަހަކަށް އުފުލެމުން.

"އެތަންތަނުގައި ދިހަބުރި ނުވަތަ އެއަށްވުރެ އުސްކޮށް ވިޔަސް އޮފީސް އިމާރާތް އަދި ހޮޓާ، ނުވަތަ ލަގްޒަރީ އެޕާޓްމަންޓްތަކެއް ހަދައި ދިގު މުއްދަތަައް ކުއްޔަށް ނުވަތަ ވިއްކިދާނެ. އޭރުން އޭގެ ފައިދާ އެތައް ބަޔަކަށް ލިބޭނެ. އަދި އެގޮތަށް ދޫކޮށްފި ނަމަ ގޯސް ތުހުމަތެއް ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްގެން އެންމެ ފުރަތަމަ ތަރައްގީކުރަން ފެށީ އެމްޑީޕީ ސަރުކާރުގަ އެވެ. އެ ސަރުކާރުގެ ފަހުކޮޅުގައި މާލޭގެ ހުޅަނގު ބަނދަރު ސަރަހައްދުން ބިން ވިއްކަން ފެށުމުން އެކަމާ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދައި، ޝަރީއަތް މެދުވެރިކޮށް އެކަން ހުއްޓުވި އެވެ. އަދި އެކަން ހުއްޓުވީ ގާނޫނީ މައްސަލަތަކެއް ހުރުމުން ކަމަށް އެ ފަރާތްތަކުން އޭރު ބުނެފައިވެ އެވެ.

ނަމަވެސް މާލޭގެ ބިން ވިއްކުމާ ކަނޑައެޅިގެން މިހާރު ދެކޮޅު ހަދާކަން އެމްޑީޕީން ދާދިފަހުން ބުނެފައިވެ އެވެ. އަދި އެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވެސް ވިދާޅުވީ އެއީ ކުރުން އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ބައެއް ކަންކަން ހުންނާނެ އާދަކާދައާ ގުޅިގެން ހިފަހައްޓަން ޖެހޭ ކަންތައްތަކެއް. ކޮންމެ ކަމެއްް ފައިސާގެ ބޭނުމުގައި ކުރަން ނުވާނެކަން އަޅުގަނޑު ގަބޫލުކުރަން. ކޮންމެ ބަޔަކު ސަރުކާރުގައި ތިބި ނަމަވެސް މާލޭގެ ބިން ފޮތިފޮތިކޮށްގެން ވިއްކައިގެން ނުވާނެ. މިއީ އަޅުގަނޑު ޕާސަނަލީ ދެކޭ ގޮތް،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަންޑާރަ ބިން ވިއްކުމަކީ އެއްއިރެއްގައި ވެސް ރާއްޖޭގައި ކޮން އުޅުނު ކަމެއް ނޫން ކަމަށެވެ.

"އެއީ ލިމިޓެޑް ރިސޯސްއަށްވީމަ. އެއީ ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންގެ އެންމެނަށް ދެއްވި އެއްޗެއް. އެއީ ވަކި މީހަކަށް ދެއްވި އެއްޗެއް ވެސް ނޫން. ކޮންމެ ޕާޓީއަކުން ކުރި ކަމަށް ވިޔަސް މާލޭގެ ބިން ވިއްކައިގެން ނުވާނެ. ބިން ވިއްކުމުން މުއްސަނދިންގެ ޖީބު ފުރުން ނޫން ކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މާފަންނުއާގެ. މި ގެ އިން ދައުލަތަށް ނަގާފައިވާ ބައި ހުސް ކުރަން ވަނީ އަންގާފައި

މާފަންނުއާގެ. މި ގެ އިން ދައުލަތަށް ނަގާފައިވާ ބައި ހުސް ކުރަން ވަނީ އަންގާފައި

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ބިންތައް އަމިއްލަ ފަރާތްތަކަށް ތަރައްގީކުރަން ހަވާލުކުރީ ސަރުކާރަށް ބޮޑު ބައެއް އެއްވެސް ހަރަދެއް ނުކޮށް ލިބޭ ގޮތަށް ކަމަށެވެ. އަދި އެތަންތަން ވިއްކަން ޝަރުތުކުރީ ހަމައެކަނި ދިވެހިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގެ މަދު ބިންކޮޅު ކޮމާޝަލް އުސޫލުން ވިއްކައިފި ނަމަ އެ އުސޫލުން ބޯހިޔާވަކިކަން ގެއްލިގެން ހިނގައިދާނެ. އެއީ ދުނިޔޭގައި ކަންކަން ކުރާ ގޮތޭ ބުނެވިދާނެ. އެކަމަކު ބިމާ އަޅާބަލާއިރު އާބާދީ ބޮޑު ގައުމެއް މިއީ. އެހެން ހެދުމުން މުއްސަނދިނަށް ހުރިހާ ފުރުސަތެއް ލިބޭނީ. ލާރި ހުރި މީހުންނަށް ހުރިހާ ކަމެއް ވެގެންދާނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގެ ހުސް ބިންތައް ތަރައްގީކުރަންވާނީ ދުރު މުސްތަގުބަލަށް ރާވައިގެން ކަމަށެވެ.

"މާލޭގެ އެންމެ ޕްރައިމް ލޮކޭޝަނުން ބިން އަމިއްލަ ބަޔަކާ ގުޅިގެން ތަރައްގީކުރަން ހުޅުވާލާއިފި ނަމަ ރަނގަޅު ހުށަހެޅުންތައް އަންނާނެ. އެތަނުގައި ކޮންމެ ކަމެއްކުރަން ހުޅުވާލިޔަސް އިންވެސްޓަރުން ލިބޭނެ. މާލޭގެ ބިން ވިއްކުމަކީ ހައްލެއް ނޫން. ބިން ވިއްކަންވީ ހުޅުމާލެއިން. އެއީ ސީދާ އެކަމަށް ހިއްކި ބިމެއް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީން މިހާރު ބިން ވިއްކަން ކަނޑައެޅި އަގާ ގުޅިގެން މާލޭގެ އަމިއްލަ ބިންތަކުގެ އަގު ވެސް އުފުލި، މާލޭގެ ކުލީގެ އަގު ވެސް އުފުލިގެންދާނެ ކަމަށެވެ. އެހެން ކަމުން މުޅި ނިޒާމަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މާލޭގެ ބިން ވިއްކުމާ ދެކޮޅު ހަދަނީ ވަކި ސަރުކާރަކުން އެކަން ކުރަން އުޅޭތީއެއް ނޫނެވެ. އެއީ މާލޭގެ ބިމަކީ ފޮތިފޮތި ކޮށްގެން ވިއްކައިގެން އެއްފަހަރާ ލިބޭ ފައިދާއަށްވުރެ ދުރު މުސްތަގުބަލަށް ބާލައިރު ލިބޭ ގެއްލުން ބޮޑުވާތީ އެވެ.