Roadha Mihaaru
މުއްދަތު ހަމަވިއިރު ބިންތައް ގަންނާނެ ބަޔަކު ނުވި

މާލެއިން ބިން ވިއްކަން ހުޅުވާލި މުއްދަތު ހަމަވިއިރު ގަންނާނެ ބަޔަކު ނުވި

14 ސެޕްޓެމްބަރ 2017

މާލެއިން ވިއްކަން ހުޅުވާލި ބިންތައް ގަންނަން ދިން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެއިން ވިއްކަން ހުޅުވާލި ބިންތައް ގަންނަން ދިން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ކުރިމަތީގައި އޮތް މާފަންނުއާގެއިން ދައުލަތަށް ނެގި ބިން ހިމެނޭ ގޮތަށް މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން އިއުލާންކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ތަންތަނުން ގޯތި ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އަގު ހުށަހަޅަން ދިނީ މިދިޔަ މަހުގެ 27 އިން ފެށިގެން މިއަދުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީގެ މީޑީއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ ބިން ވިއްކަން މިފަހަރު ހުޅުވާލި ފުރުސަތުގައި އެއްވެސް ބިޑެއް ނުލިބޭ ކަމަށެވެ. ނަމަވެސް ބިޑް ހުށަހެޅުމުގެ ކްރައިޓީރިއާ ރިވިއުކުރުމަށްފަހު އަލުން އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވިއްކަނީ އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައި، މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗާއި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗެވެ. އެ މިނިސްޓްރީން ކުރި އިއުލާނުގައި ގޮތުން ޖުމްލަ 19 ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުންނެވެ. އެގޮތުން ބިން ގަންނަ ފަރާތަކުން އަގު ހުށަހަޅާއިރު މަދުވެގެން އިތުރުކުރެވެނީ 500،000ރ. އެވެ.

ހައުސިން މިނިސްޓްރީން ވިއްކަން އިއުލާންކުރި ގޯތިތައް އަކަފޫޓެއް 15،000ރ.ގެ ރޭޓުން ވިކުނު ނަމަ ދައުލަތަށް މަދުވެގެން ގާތްގަނޑަކަށް 792 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މާލެއިން ބިން ވިއްކާތީ، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ސަރުކާރުން ވިއްކާފައިވާ ބިންތައް އެ ޕާޓީތަކުގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށެވެ.