Roadha Mihaaru
މިސްރާބު ހުރީ ރައްޔިތުން އަޅުންނަށް ހަދަން: ސައުދު

މިސްރާބު ހުރީ ހަޒާނާ އަކީ ރަދުންގެ މިލްކަކަށް ހަދައި ރައްޔިތުން އަޅުންނަށް ހަދަން: ސައުދު

22 އޯގަސްޓް 2017

މި ސަރުކާރުން އަމާޒުހިފާފައި ވަނީ 16 ވަނަ ގަރުނުގެ ރަސްކަމާ ދިމާލަށް ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ މުދަލާއި ހަޒާނާ ރަދުންގެ މިލްކަކަށް ހަދައި ރައްޔިތުން އަޅުންގެ ގޮތުގައި ބައިތިއްބަން ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން އަމާޒުހިފާފައި ވަނީ 16 ވަނަ ގަރުނުގެ ރަސްކަމާ ދިމާލަށް ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ މުދަލާއި ހަޒާނާ ރަދުންގެ މިލްކަކަށް ހަދައި ރައްޔިތުން އަޅުންގެ ގޮތުގައި ބައިތިއްބަން ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ސަލްޓަންޕާކު "ރަސްރަނި ބަގީޗާ"ގެ ނަމުގައި އަލުން ހުޅުވައިދެއްވައި ރައީސް ރޭ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ ރައީސް ވިސްނުންފުޅު ގެންގުޅުއްވަނީީ ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ހަނިކޮށް، ހަމައެކަނި ވެރިކަން ހިންގުމުގެ ބާރުން ހުރިހާ ކަމެއް ކުރައްވަން ކަމަށެވެ. މިއީ، 16 ވަނަ ގަރުނުގައި ވެސް ރާއްޖޭގެ ކަން ހިނގައިދިޔަ އުސޫލު ކަމަށް ސައުދު ވިދާޅުވި އެވެ.

"އޭރުގެ ހާލަތަށް ދިވެހިރާއްޖެ އަނެއްކާވެސް މިދަނީ ވެއްޓެމުން. އޭރު ގޮނޑުދޮށަށް، ފަރަށް އެއްޗެއް ލެއްގިއަސް އެއީ ރަދުންގެ މިލްކެއް. ރުކަކުން ކާއްޓެއް ވެއްޓުނަސް ރަދުންނަށް. ރައްޔިތުންގެ އެއްޗެއް ނޯވޭ،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދީ، މި ސަރަހައްދުގައި ނެތް ވަރުގެ ގާނޫނުއަސާސީއެއް ރާއްޖޭގައި އޮތް ނަމަވެސް އޭގެ ބާރު ވެސް "ކަނޑުވާލައިފި" އެވެ. ރަދުން ވެރިކަން ކުރަން، ގާނޫނާއި ގަވާއިދު ބޭނުން ނުވާ ކަން އެކި މީހުންނާ ދޭތެރޭގައި ހިންގާ އަނިޔާވެރި އަމަލުތަކުން ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނު ހަދަން ޖެހެނީ ރަދުން ވިދާޅުވާ ގޮތަށް. އެކަމާ ހިޔާލުތަފާތުވާ ނުވަތަ ދެކޮޅު ހަދާ މީހަކު ދާން ޖެހެނީ ހުރަގެ އަށް. މިހާރު ރަދުން އެ އޮތީ ވިދާޅުވެފައިި މަޖިލީހުގެ 13 މެމްބަރަކު ހުރަގެއަށް ލާން. ރަދުންގެ އެންގުމާ އެއްގޮތަށް އެކަން ހިނގާނެ،" ޖިނާއީ ތުހުމަތުކޮށް މެމްބަރުންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލައަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތަށް ސައުދު ފާޑުވިދާޅުވިއިރު، ޕީޕީއެމްގެ އެންގުމަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ އެ ދެ މުއައްސަސާ އަށް ނިންމޭނެ ކަމަކަށް ނުވާތީވެ އެ މައްސަލަ އޭނާ އޮތީ ސުޕްރީމްކޯޓަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިންމައި މިހާރު އޮތީ ހުކުމް ކުރުމެވެ. މެމްބަރަކު ނޫން މީހަކު މަޖިލީހަށް ވަން ކަމަށް ތުހުމަތުކޮށް ސައުދަށް ދައުވާކުރަން ފޮނުވާފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމް ލަސްވާތީ އޭނާ އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.