28 ޖޫން 2016
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ދެ ބޭފުޅުންނަށް ވެސް ގެއްލިއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ދެ ބޭފުޅުންނަށް ވެސް ގެއްލިއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީ މެމްބަރުން ގަބޫލުކުރާއިރު 2018 ގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނާޒިމް ކުރިން ވަނީ ފާޅުކުރައްވައިފަ އެވެ.
ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލާގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމަށް ވުރެ މަތީ މަގާމަކުން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސީދާ ވިދާޅު ނުވި ނަމަވެސް ނާޒިމްގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ދިގު މުއްދަތުގެ ހުކުމެއް އައީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނެތީ އެވެ.
ދެން ހޯދަން ޖެހޭނީ ސިޔާސީ ހައްލެއް. އެއީ އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނުގައި، ރައީސަށް މައާފު ދެއްވޭ މުއްދަތު މިހާރަށް ވުރެ ކުރުކޮށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުން. --ވަކީލެއް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވާ މަންޒަރު ރާއްޖެ ޓީވީން ދައްކަނީ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވި 13 އަހަރުގެ ޖަލު ހުކުމާއި ފިސްތޯލައިގެ މައްސަލާގައި ނާޒިމަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަންނަން ދެ ބޭފުޅުންނަށް ވެސް އޮތް އެންމެ ފަހުގެ އުއްމީދަކީ ސުޕްރީމް ކޯޓެވެ.
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ގާނޫނީ ޝަރުތުތައް ދެ ބޭފުޅުންގެ ފުރިހަމައެއް ނުވާނެ އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އިންތިހާބުގައި ވާދަކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާ ނަމަ އެވެ.
މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެ ދެ ބޭފުޅުންނަށް ރައީސް މާފު ދެއްވި ނަމަވެސް 2018 ގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ސަބަބަކީ މިއަދުން ފެށިގެން މުއްދަތު ގުނި ނަމަވެސް ގާނޫނު އަސާސީގައި ބުނާ މުއްދަތު ދެ ބޭފުޅުންނަކަށް ނުލިބޭނެތީ އެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ނާޒިމް ކޯޓަށް ވައްދަނީ: ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނާޒިމް ވަނީ ފާޅުކުރައްވާފައި. --މިހާރު ފޮޮޓޯ/ނިޝާން އަލީ
މާފު ދިނުމުގެ އާންމު އުސޫލުން ރައީސަށް މާފު ދެއްވޭނީ ހުކުމުގެ ތިން ބައި ކުޅަ އެއް ބައި ހަމަވުމުންނެވެ. އަދި ރައީސް އިސްނަންގަވައިގެން މާފު ދެއްވާ ނަމަ ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ފުރިހަމަވާން ޖެހެ އެވެ. މި ދެ އުސޫލުން ވެސް އެ ދެ ބޭފުޅުންނަށް ފުރުސަތު އެބަ ގެއްލެ އެވެ. އަދި ރައީސް އިސްނަންގަވައި ވެސް ޓެރަރިޒަމްގެ ކުށްތަކުގެ އަދަބަށް މާފެއް ނުދެއްވެ އެވެ. ނަޝީދުގެ މައްޗަށް ސާބިތުވެފައި ވަނީ ޓެރަރިޒަމްގެ ކުށެވެ.
ގާނޫނީ ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ދެ ބޭފުޅުންނަށް އިންތިހާބަށް ކުރިމަތިލެއްވެން ދެން އޮތީ އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނާއި ގާނޫނު އަސާސީ އަށް އިސްލާހެއް ގެނެސްގެންނެވެ. އަދި އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނުގައި ރައީސަށް މާފު ދެވޭނެ މުއްދަތު ކުރުކުރެވިދާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
"މިހާރު އޮތް ގޮތުން ދެން ހޯދަން ޖެހޭނީ ސިޔާސީ ހައްލެއް. އެއީ އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނުގައި، ރައީސަށް މާފު ދެއްވޭ މުއްދަތު މިހާރަށް ވުރެ ކުރުކޮށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުން،" ވަކީލަކު ވިދާޅުވި އެވެ.
އެކަމަކު އަދިވެސް ސުޕްރީމް ކޯޓުގެ ބާރެއް މިކަމަކުން ނުކެޑެ އެވެ. މިހާރު ކޮށްފައިވާ ހުކުމަށް އެ ކޯޓުން އަމިއްލަ އަށް ބަދަލު ގެނެސްފި ނަމަ ދެ ބޭފުޅުންނަށް ވެސް އިންތިހާބުގައި ވާދަކުރެއްވިދާނެ އެވެ. ބޭރުގެ ބައެއް ގައުމުތަކުގައި އެގޮތަށް އަމަލުކޮށްފައިވީ ނަމަވެސް ރާއްޖޭގައި މިހާތަނަށް ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ގާނޫނީ އިސްލާހެއް ގެނައި ނަމަވެސް ދެ ބޭފުޅުންނަށް ވާދަކުރެއްވޭނީ އިންތިހާބު އިއުލާންކުރުމުގެ ކުރިން އެގޮތަށް ބަދަލުގެންނެވެ. މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ ފަހު ހަތަރު މަސް ފެށުމާ އެކު ގިނަ ވެގެން 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހޭނެ އެވެ. އެހެންކަމުން އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ 2018 ގެ ޖުލައި މަހު ކަމަށް ބެލެވެ އެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އިންތިޚާބަށް ވާދަކުރާ މުއްދަތު ކޯޓަށް އިތުރު ނުކުރެވޭނެ
އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
ނަޝީދާއި ކާނަލް ނާޒިމް ސިޔާސީ މަޝްވަރާ ކުރައްވައިފި