Roadha Mihaaru
އިންތިޚާބަށް ވާދަކުރާ މުއްދަތު ކޯޓަށް އިތުރު ނުކުރެވޭނެ

އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރެއް ނުކުރެވޭނެ: ނަޝީދު

25 ފެބުރުއަރީ 2019

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު އިތުުރުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު އިތުުރުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލްކުުރުމުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގެ އިތުބާރުގެއްލޭ އެންމެ ބޮޑު ސަބަބަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

"ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުުވުން. ނަވާރަ ވަނަ މަޖިލީހުގެ އިންތިޚާބުގެ ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް އަމުދުން ކުރެވޭނެ ކަމެއް ނޫން،" މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެހެން ހުކުމްކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގަ އެވެ.

އެ ކޯޓުން ކުރި ހުކުމުގައި ބުނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެހެންވެ ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.

މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ ނިލަންދޫ ދާއިރާ ފިޔަވައި ބާކީ ހުރި 86 ދާއިރާއަށެވެ.