Roadha Mihaaru
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަންޖެހޭ: ޒަމީރު

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ކޮންމެހެން ނަގަން ޖެހޭ: ޒަމީރު

29 ޖޫން 2016

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ، ތިމާވެއްޓާ ގުޅޭ ކަންކަން ހާސިލް ކުރުމަަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ، ތިމާވެއްޓާ ގުޅޭ ކަންކަން ހާސިލް ކުރުމަަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ނަގާ ޓެކްސްތަކުގެ އިތުރުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން އުޅޭ މައްސަލާގައި، އެ ދާއިރާގެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، "މިހާރު" އިން ދެންނެވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން ވަކި ވަރަކަށް ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގެ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުން އޭގެ ފައިދާ އެންމެންނަށް ކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ގެސްޓް ހައުސްތަކުން ވޭސްޓް މެނޭޖްމަންޓް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭން މި އުޅެނީ. މިސާލަކަށް އެންމެ ބޭސިކް ކަމެއްގެ ގޮތުގައި އިންސިލިނޭޓަރިން ފެސިލިޓީއެއް ގާއިމް ކުރަން އަޅުގަނޑުމެން ބޭނުން. މިއީ ގެސްޓް ހައުސްތައް ހިންގާ މީހުންނަށް ވެސް އަޅުގަނޑުމެން ވެދޭ އެހީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބޮލަކަށް ދުވާލަކު ހަ ޑޮލަރު ނަގަން ހުށަހެޅި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން މިހާރު އެ އަދަދު ވަނީ ތިން ޑޮލަރަށް ދަށް ކޮށްފަ އެވެ. ގެސްޓް ހައުސްތައް ހިންގާ މީހުންގެ ބޮޑެތި ޝަކުވާތަކާ ގުޅިގެން އެ އަދަދު ތިން ޕަސެންޓަށް ކުޑަ ކޮށްފައިވާ އިރު، އެއާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާނެ މިންވަރެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާ އިރު، އެ ތަނުގެ ކޮންމެ ނިންމުމެއް ސަރުކާރުން ބަލައިގަންނާނެ އެވެ.

ދިއްފުށީގައި ހުރި ގެސްޓް ހައުސްއެއް: ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމި މައްސަލާގައި ކަންބޮޑުވުންތައް ގިނަ. -- ފޮޓޯ: ބުކިން.ކޮމް

ދިއްފުށީގައި ހުރި ގެސްޓް ހައުސްއެއް: ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމި މައްސަލާގައި ކަންބޮޑުވުންތައް ގިނަ. -- ފޮޓޯ: ބުކިން.ކޮމް

"ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާ މިންވަރު ދަށްކޮށް ފާސްކޮށްފިއްޔާ، ތިމާވެށި މެނޭޖް ކުރުމަށް ހިނގާ ހަރަދު ދައުލަތުން ބައެއް ލައިގެން ނަމަވެސް ހަމަޖައްސާނެ. މީގައި މުހިންމީ ގެސްޓް ހައުސްތަކުން ކުނި ކަލެކްޓް ކުރެވޭނެ ގޮތެއް ވެސް ހަމަޖެހިފައި އޮތުން. ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖް ކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަށް މުހިންމު ވެގެން މިއުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމުމާ ގުޅިގެން، ގެސްޓް ހައުސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ވެސް އެ އެސޯސިއޭޝަނުން ވަނީ ބައްދަލުކޮށްފަ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގެސްޓް ހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަ ނުކުރެވޭ ޓޫރިސްޓުންނަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނި ގޮތުގައި ރާއްޖޭގެ ގެސްޓް ހައުސްތަކުގެ އެވްރެޖް ރޭޓަކީ ދުވާލަކަށް 50 ޑޮލަރެވެ. ބީޕީޓީ އާއި ޖީއެސްޓީ އާއި ވިތު ހޮލްޑިން ޓެކްސް އަދި ފެނާއި ކަރަންޓާއި ބިމު ކުއްޔާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ފަހު ފައިދާގެ ގޮތުގައި އޮންނަ މަދު ލާރިކޮޅު ގާނޫނަކުން މަޖުބޫރު ކޮށްގެން ނަގަން ފަށައިފި ނަމަ މުޅި ގެސްޓް ހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެ އެވެ.

"ގެސްޓް ހައުސްތަކުން ވޭސްޓް މެނޭޖްމަންޓް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭން މިއުޅެނީ. މިސާލަކަށް އެންމެ ބޭސިކް ކަމެއްގެ ގޮތުގައި އިންސިލިނޭޓަރިން ފެސިލިޓީއެއް ގާއިމް ކުރަން އަޅުގަނޑުމެން ބޭނުން. މިއީ ގެސްޓް ހައުސްތައް ހިންގާ މީހުންނަށް ވެސް އަޅުގަނޑުމެން ވެދޭ އެހީއެއް،" މިނިސްޓަރު ޒަމީރު

މިނިސްޓަރު ޒަމީރު ވިދާޅުވީ ގެސްޓް ހައުސްތައް ހިންގާ މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ވީހާ ވެސް މިނިމަމް އިމްޕެކްޓެއް މާކެޓަށް އަންނާނެ ގޮތަކަށް މަސައްކަތް މިކުރަނީ. މިސާލަކަށް ގެސްޓް ހައުސްތަކަށް އޮންލައިން ބުކިން ހަދާއިރު، ބުކިން ޕޯޓަލްތަކަށް އެބަނަގާ 20-25 ޕަސެންޓް. އެއީ ވަރަށް ބޮޑު އަދަދެއް. ބުކިން ޕޯޓަލްތަކާ ވާހަކަ ދައްކައިގެން އެ އަދަދު ކުޑަކުރަން މަސައްކަތް ކުރުމަކީ ވެސް ސަރުކާރަށް ކުރެވިދާނެ ކަމެއް. އަދި ގެސްޓް ހައުސްތައް އިތުރަށް މާކެޓް ކޮށްދިނުމުގައި ލުއި ގޮތްތަކެއް ވެސް ހަމަޖައްސައިދެވިދާނެ. މިކަހަލަ އެހީތެރިކަމެއް ގެސްޓް ހައުސްތަކަށް ފޯރުކޮށްދޭން އަޅުގަނޑުމެން މިއުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ތައާރަފުކުރި ގްރީން ޓެކްސް މިހާރު ނަގަނީ ރިސޯޓްތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 17.9 މިލިއަން ޑޮލަރު (272 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. އަދި ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ވަންނަނީ ގްރީން ޓެކްސް އިންނެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ހަތަރު ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިހާރު ވަނީ އެގޮތަށް ފާސްކޮށްފަ އެވެ. މި ޓެކްސް ނަގަން ހުށަހަޅާފައި އޮތީ މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. ކުރިން ގްރީން ޓެކްސް ނަގަމުން އަންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުންނެވެ.