Roadha Mihaaru

ފުރަތަމަ 9 މަހު ގްރީން ފަންޑަށް 88.9 މިލިއަން، މަޝްރޫއުތަކަށް 57.7 މިލިއަން

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި، ޖުމްލަ 88.91 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ގްރީން ފަންޑުން 58 މިލިއަންގެ މަޝްރޫއު ހިންގައިފި

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި، ޖުމްލަ 88.91 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ސެޕްޓެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ނުވަ މަހު، ގްރީން ފަންޑަށް ޖުމްލަ 88.91 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، އޭގެތެރެއިން 80.7 މިލިއަން ރުފިޔާ ހިއްސާކުރަނީ ރިސޯޓުތަކެވެ.

އެ މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ގެސްޓުހައުސްތަކުން 4.79 މިލިއަން ރުފިޔާ ދައްކާފައިވާއިރު، ޓޫރިސްޓު ހޮޓާތަކުން 2.11 މިލިއަން އަދި ސަފާރީތަކުން 1.25 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ލިބުނު ޖުމްލަ ފައިސާގެ ތެރެއިން، ތިމާވެއްޓާ ގުޅުންހުރި ތަފާތު 10 މަޝްރޫއުއަކަށް 57.65 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ގްރީން ފަންޑު ރިޕޯޓުން ދައްކަ އެވެ.

އޭގެތެރޭގައި ރަށް ގިރުން ހައްލުކުރުމުގެ މަޝްރޫއުތަކާއި، ކުނި މެނޭޖްކުރުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

މިގޮތުން، އެ ފަންޑުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ށ. ކޮމަންޑޫގެ ރަށް ގިރުން ހައްލުކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއުއަށް ޖުމްލަ 38.8 މިލިއަން ރުފިޔާ ފަންޑުން ހޭދަވެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މަޝްރޫއުތަކަށް ކުރި ހަރަދަށްފަހު، ގްރީން ފަންޑުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބާކީ ހުރީ 31.26 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި، މިހާރު 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަނީ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަނީ ތިން ޑޮލަރެވެ.

ނަމަވެސް، އަންނަ އަހަރުން ފެށިގެން، ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭ ގޮތަށް ގްރީން ޓެކްސް ރޭޓުތައް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.

ގްރީން ޓެކްސްގެ އިތުރުން، ޓީޖީއެސްޓީ އާއި އެއާޕޯޓް ފީތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ.