Roadha Mihaaru
ގަދަބާރުން ބާއްވާ ޖަލްސާ ސައްހައެއް ނޫން: އޮޕޮޒިޝަން

ސިފައިންގެ ފައުޖުތަކާއެކު ބާއްވާ ޖަލްސާތައް ސައްހައެއް ނޫން: އިދިކޮޅު ޕާޓީތައް

22 އޯގަސްޓް 2017

ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށް"، މެމްބަރުންނާ އެއް އަދަދަކަށް ސިފައިން ވައްދައިގެން ބާއްވަމުންދަނީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށް"، މެމްބަރުންނާ އެއް އަދަދަކަށް ސިފައިން ވައްދައިގެން ބާއްވަމުންދަނީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ގިނަ އަދަދެއްގެ ސިފައިން ވައްދައި އިދިކޮޅު މެމްބަރުންނާ މެދު މިއަދު ވެސް އަމަލުކޮށްފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މިއަދު ހެނދުނު މެމްބަރުން ވަންނަން އުޅުމުން ވެސް ހުރަސްއަޅައި 8:55 ވުމުގެ ކުރިން ނުވަދެވޭނެ ކަމަށް ސިފައިން އެންގި ކަމަށެވެ. އެއާއެކު، މަޖިލީހުގެ ތަޅުމުގެ ތެރޭގައި ވެސް ފެނުނީ ސިފައިންގެ ފައުޖުތައް ވައްދައިގެން، ކަމަކަށް މަޖިލިސް ބޭއްވި ތަން ކަމަށް ވެސް ވިދާޅުވި އެވެ.

"ސިފައިންގެ ފައުޖުތައް ވައްދައިގެން މި ބާއްވަނީ އެއްގޮތަކަށް ވެސް ސައްހަ ޖަލްސާތަކެއް ނޫން. މަޖިލިސް އެތެރެ ހިސޯރުކޮށްގެން މިތިއްބެވީ ދިވެހި އަސްކަރިއްޔާ އިން. މި ރާއްޖޭގެ ތިން ބާރުގެ ތެރެއިން ރާއްޖޭގެ މަޖިލިސް އޮތް ހާލަތު މި ދައްކައިދެނީ،" އިންތި ވިދާޅުވި އެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއް. ހުދުމުހުތާރުކަމުން، މުޅިން ގޮށްމުށުގެ ބާރުން ވެރިކަން ކުރަން އަބްދުﷲ ޔާމީން ވިސްނާފައިވާ ގޮތް ކޮންމެ ދުވަހަކު ފެނިގެން މިދަނީ."

މަޖިލީސް ތަޅުމުގެ ތެރޭގައި މެމްބަރުންނަށް ހުރަސްއަޅައި ސިފައިން މިއަދު ވެސް ހިންގީ، އޭނާ ވިދާޅުވި ގޮތުގައި، ޣައިރު ގާނޫނީ އަމަލުތަކެކެވެ. އެ ހުރިހާ އަމަލުތަކުގެ ރެކޯޑު ބަލަހައްޓަމުންދާ ކަމަށާއި އެ އަމަލުތަކާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް ވެސް އަންނާނެ ކަމަށް އިންތި ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މަޖިލީސް ހިސޯރުކޮށް ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ނިންމަން ޖެހެ އެވެ. ސިފައިން މަޖިލީސް ތެރެއަށް ވައްދައިގެން މިއަދު ވެސް އަމަލުކުރީ މެމްބަރުންނަށް އަނިޔާވާގޮތަށް ކަމަށް ވިދާޅުވި އެވެ.

"މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަން އަޅުގަނޑުމެންނަށް އަންގާފައި އެބައޮތް. ވަރަށް ސާފުކޮށް އަޅުގަނޑުމެން މިދަންނަވަނީ [މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދު] ރިޔާސަތު ބަލަހައްޓަވާ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަން އަޅުގަނޑުމެން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ފުރުސަތެއް ނުދޭނަން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތެރޭގައި ހިތް ނޭދޭ ކަންތައްތަކެއް ކުރަން ވަނީ މަޖޫބުރުވެވަޑައިގެންފަ އެވެ. ސަރުކާރުން މަޖިލިސް ހައިޖެކްކޮށްގެން ހިންގާ ކަންކަން ހުއްޓުވޭނީ ކޮންމެވެސް އެއްބަޔަކު ގުރުބާނީތަކެއް ވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

މާދަމާ ޖަލްސާ ބާއްވަނީ ސަފީރެއްގެ ގޮތުގައި ސްރީ ލަންކާ އަށް ކަނޑައެޅި މުހައްމަދު ހުސެއިން ޝަރީފަށް ރުހުން އޮތްތޯ ބަލަން ވޯޓަށް އަހަން ކަމަށާއި ގަދަބާރުން އެކަން ކުރާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އެ ވޯޓުގައި ވެސް ރައީސް ޔާމީނަށް މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުރަސްއެޅުމަށް ފަހު މިދިޔަ މަހުގެ 24 އިން ފެށިގެން މަޖިލީހުގެ ތެރޭގައި ހިންގަމުން ދަނީ ގާނޫނާ ޚިލާފު ކަންތައްތަކެކެވެ. މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ނިންމާ އެއްވެސް ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް ތެރެއަށް ސިފައިން ވަދެ އަޅުގަނޑުމެން ގަޔަށް އަތްލައިގެން ޖަލްސާތައް މިގެންދަނީ. ސިފައިން ލައްވައި ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން މިކުރާ އެއްވެސް މަސައްކަތަކީ ގާނޫނީ މަސައްކަތެއް ކަމުގައި އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.