Roadha Mihaaru
މަޖިލީހަކީ މިހާރު ވާވެފައިވާ ތަނެއް: ބައެއް މެމްބަރުން

ޖަލްސާތައް ބާއްވަން ނުކެރެނީ، އެއީ ވާވެފައި އޮތް ތަނެއް: އިދިކޮޅު މެމްބަރުން

09 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެތަނުގެ އިސްވެރިން ބޭނުން ނުވާ ކަމަށާއި މަޖިލީހަކީ މިހާރު "ވާވެފައި" އޮތް ތަނެއް ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެތަނުގެ އިސްވެރިން ބޭނުން ނުވާ ކަމަށާއި މަޖިލީހަކީ މިހާރު "ވާވެފައި" އޮތް ތަނެއް ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ އެކު މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވި މިދިޔަ މަހުގެ 31 ގަ އެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ އަށް ޖަލްސާ އެކެވެ. އަދި މި މަސް ނިމުމުން މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެ އެވެ.

މަޖިލީހުގެ އިދާރާ އިން ކުރިން ބުނި ގޮތުގައި ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް މެދުކަނޑާލީ މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އާއްމު ހާލަތަކަށް ކަންކަން ގެނައުމަށާއި ކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ވަގުތު ބޭނުންވާތީ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ފާހަނާއެއްގައި ރޯކޮށްލީ އެތަނުގެ އިސްވެރިން ރާވައިގެންނެވެ. އެއީ ޖަލްސާތައް ނުބާއްވަންވެގެން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު މަޖިލިހުގައި ބަޔާނެއް އިއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު މަޖިލިހުގައި ބަޔާނެއް އިއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރެއް ނެތް ކަމަށާއި އެމަނިކުފާނުގެ ރިޔާސަތު ކަމުގެ ދަށުގައި ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާހަނާގައި ރޯކޮށްލީ މަސީހާއެކު ޖަލްސާ ބާއްވައިފިނަމަ، އެކަން ހުއްޓުވަން އިދިކޮޅު މެމްބަރުން ނިކުންނަވާނެ ކަން އެނގިވަޑައިގަންނަވާނެތީ އެވެ. އަދި މަޖިލީހުގެ ޖަލްސާ އެންމެ ފަހުން ބޭއްވި ދުވަހު އަލިފާނުގެ ހާދިސާ ހިނގިއިރު، ކެމެރާތައް ވެސް ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެތަނުގެ އިސްވެރިން ރާވައިގެން ކުރި ކަމެއް މިއީ. މިއުޅެނީ ޓިޝޫ ކޮޅެއްގައި ރޯކޮށްލީ. މަޖިލީހަކީ ފާހަނާ ތެރޭގައި ބާއްވާ ކަމެއް ވެސް ނޫން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިދާރާގައި ހުރި ފާހަނާއެއްގައި ރޯވެގެން މަޖިލީހުގެ ޖަލްސާތައް ބާއްވަން ނުޖެހޭ ފަދަ ހާލަތަކަށް ނުދާ ކަމަށެވެ. އެއީ ފިރިހެން މެމްބަރުން ބޭނުން ކުރައްވަން މަޖިލީހުގެ އިދާރާގައި ގިނަ އަދަދެއްގެ ފާހަނާތައް ހުންނަ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ފިރިހެން މެމްބަރުން ބޭނުން ކުރަން އެތަނުގައި 10 ވަރަކަށް ފާހަނާ ހުންނާނެ،" މަހްލޫފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ކޮންޓްރޯލް އޮތް ހިނދަކު، މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް މަސީހު ބާއްވަން ބޭނުންނުވާ ކަމަށް ވިދާޅުވެ، އަލީ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެމްބަރު މަހްލޫފާއި އަނބިކަނބަލުން ނަޒޫ އަތު ގުޅާލައިގެން. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މެމްބަރު މަހްލޫފާއި އަނބިކަނބަލުން ނަޒޫ އަތު ގުޅާލައިގެން. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"މަސީހް ހައްދަވަނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތެއް. ޔާމީން ބޭނުންފުޅުވީމަ، ޖަލްސާ ބާއްވަނީ. މަޖިލީހުގައި މިހާރު ހިނގަނީ ވެސް ޔާމީންގެ ބާރު،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ހައްގުގައި ކުރަން ހުރި ވަރަށް ގިނަ ކަންކަން ނުކުރެވި އެބަހުއްޓެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ވެސް އެބަހުރި ކަން އަލީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހަމަގައިމުވެސް ބޭނުމެއް ނުވޭ މަޖިލީހަކީ ވާވެފައި އޮތް ތަނެއްގެ ގޮތުގައި އޮންނާކަށް. ހަމަ އާއި އިންސާފަށް ލޯބިކުރާ ކޮންމެ ރައްޔިތަކު ވެސް ނޭދޭނެ އެގޮތަކަށް،" އަލީ ވިދާޅުވި އެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާތައް ބޭއްވުމަށް އެދި، 29 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ އިދާރާ އިން އެކަން ކުރަން ޖެހެ އެވެ. އެކަމަކު މަޖިލީހުން ގަވާއިދަށް އަމަލު ނުކުރާތީ އެކަން ކުރާނެ ކަމާ މެދު މެމްބަރުން ސުވާލު އުފެއްދެވި އެވެ. ނަމަވެސް މެމްބަރުންގެ ސޮޔާއެކު އެކަން ކުރާނެ ކަމުގެ ޔަގީންކަން މެމްބަރުން ދެއްވި އެވެ.

"މަޖިލީހުގެ ގަވާއިދެއް ނެތް. ގަވާއިދަކަށް އަމަލެއް ނުކުރޭ. އެހެންވީމަ މަޖިލީހަށް ކިތަންމެ ކަމެއް ހުށަހެޅިޔަސް، އެކަމެއް ކުރިއަށް ގެންދާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އަލީ ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގައި ހުރި ފާހާނާއެއްގެ ހުރި ޓީޝޫ އަޅާ އެއްޗެއްގައި ރޯވިއިރު، މިއީ ކަރަންޓު ޝޯޓަކުން ދިމާވި ހާދިސާއެއް ނޫން ކަމަށް ސްޓެލްކޯ އާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް، އިދިކޮޅު މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަ އެޖެންޑާ ނުކުރާތީ އާއި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް، ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ މަޖިލީހުގައި އެންމެ ފަހުން އިހުތިޖާޖް ކުރި އެވެ.

އެދުވަހުގެ ޖަލްސާގައި މަސީހް ރިޔާސަތުގައި ދެތިން މިނެޓަކު އިންނެވުމުގެ ފުރުސަތު ހޯއްދެވީ ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ޗެމްބަރަށް ވައްދައި އިދިކޮޅު މެންބަރުން ދުރަށް ލައިގެންނެވެ.