Roadha Mihaaru
މަހްލޫފް ހައްޔަރު ކުރުމުން ޕީޖީއޭ އިން ކުށްވެރިކޮށްފި

މަހްލޫފް ހައްޔަރުކޮށްފައި ހުރުމުން ޕީޖީއޭ އިން ކުށްވެރިކޮށްފި

04 އެޕްރީލް 2018

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހައްޔަރުކޮށްފައި ހުރުމުން ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހައްޔަރުކޮށްފައި ހުރުމުން ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކުން މިދިޔަ ފެބްރުއަރީ 22 ގައި ހައްޔަރުކުރި މަހްލޫފްގެ ބަންދަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު 13 ދުވަސް ޖެހި އެވެ. އަދި އެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފަ އެވެ.

ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޕީޖީއޭ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީތީ ދޭން ޖެހޭ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި މަހްލޫފާ ދެކޮޅަށް އެކި ކުށްތަކުގެ ސިޔާސީ ދައުވާތަކެއް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ދުނިޔޭގެ 142 ގައުމެއްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުން ހިމެނޭ، ޕީޖީއޭ އިން މީގެކުރިން ވަނީ ގާނޫނުއަސާސީއަށް އިހްތިރާމް ނުކޮށް، ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު މަސައްކަތް ނުކުރާތީ އާއި ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީޖީއޭ އިން ބުނި ގޮތުގައި މަހްލޫފާ މެދު އަމަލު ކުރަމުން އަންނަނީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށެވެ. އެހެންވެ، ރާއްޖޭގައި ނިގުޅައިގެންފައިވާ އިންސާނީ ހައްގުތަކާއި އެހެނިހެން ހައްގުތައް ހޯދުމަށް މަސައްކަތްކޮށް ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ޕީޖީއޭ އިން ވަނީ ގޮވާލައިފަ އެވެ.

މަހުފޫލްގެ އަނބިކަނބަލުން އަމިނަތު ނަޒްރާ ކުރިން ވިދާޅުވީ، މަހްލޫފަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ މަހްލޫފް ކުރެއްވި ދެ ޓުވީޓަކާ ގުޅިގެންނާއި އާންމުންނާއި، މީޑިއާތަކަށް މާސްކު ބެހި މައްސަލައިގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، މަހްލޫފް ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ނުވާ ކަމަށް ވެސް ނަޒްރާ ވިދާޅުވި އެވެ.

މަހްލޫފް ކުރެއްވި ދެ ޓުވީޓުގެ ތެރެއިން އެއް ޓުވީޓަކީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބުނެ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށް އެދިވަޑައިގެން ކުރައްވާފައިވާ ޓްވީޓެކެވެ.

މަހްލޫފްގެ އަނެއް ޓުވީޓަކީ ޖަލުތަކުގައި ގައިދީން މަރުވަމުން ދިއުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ގައިދީންނާ މެދު ޖަލުތަކުގައި އަމަލުކުރެވެމުންދާ ގޮތާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެކެވެ.