Roadha Mihaaru
ބިދޭސީއެއްގެ މަރާގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި

ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

23 އޯގަސްޓް 2017

ކ. ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ފެން ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޮނިހިރު ދުވަހު މަރުވި މައްސަލައަކާ ގުޅިގެން އެ ރަށުން ދިވެއްސަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ފެން ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޮނިހިރު ދުވަހު މަރުވި މައްސަލައަކާ ގުޅިގެން އެ ރަށުން ދިވެއްސަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފެން ޕްލާންޓުގައި މަސައްކަތް ކުރާ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ މަރުވުމުން އެންމެ ފުރަތަމަ ގެންދިޔައީ ހިންމަފުށީ ސިއްހީ މަރުކަޒަށެވެ. އަދި މިހާރު އޭނާ ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ މަރާ ގުޅޭގޮތުން ފުލުހުން މާބޮޑު ތަފުސީލެއް ނުދީ ބުނީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ފެން ޕްލާންޓަށް ގިނަގިނައިން ގޮސް އުޅޭ އަދި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާ އަކީ ފެން ޕްލާންޓްގެ މެނޭޖަރާ ވެސް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް އެނގިފައި ވެ އެވެ.

ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ފެން ޕްލާންޓުގެ މެނޭޖަރު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިކަން އަދި ޔަގީންވާ ގޮތެއް ނުވެ އެވެ.

" ބަންގްލަދޭޝް މީހާ މަރުވީ، އަނިޔާކޮށްގެން ކަމެއް އަދި ނޭނގޭ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުން،" ހިންމަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިދިޔަ ރޯދަ މަހު، ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ވަނީ އެތަނުގައި އެ މީހުންގެ އެންމެ އިސްވެރިއަކަށް ހުންނަ ދިވެއްސަކު ވެސް މަރާލާފަ އެވެ.