Roadha Mihaaru
އަނިލްގެ މައްސަލަ ގުޅިފައިވަނީ ގަވައިދުގެ އިސްލާހާ

އޭޖީ އަނިލްގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވައިދަށް އިސްލާހު ގެނެސްގެން: މަސީހް

24 އޯގަސްޓް 2017

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މިއަދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ހަމަނުޖެހުންތަކާއި ސިފައިންގެ ހިމާޔަތުގައި އިންނަވައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަސީހް ވިދާޅުވީ ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމުމާ ގުޅިގެން، ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް މަސީހް ވިދާޅުވި އެވެ.

މި މަހުގެ 10 ގައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި، އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެއް މެމްބަރަކު ދެ ފަހަރު ސޮއިކުރައްވާފައިވާ ކަމަށް މަސީހް މިއަދު ވިދާޅުވި ނަމަވެސް އެ މައްސަލަ މަޖިލީހުން ބޭރުކުރި ކަމަކަށް ވިދާޅެއް ނުވެ އެވެ.

މިދިޔަ މޭ 22 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ. ދައުލަތުން އެ މައްސަލަ ހުށަހެޅީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައި ދިނުން އެދި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ.