Roadha Mihaaru
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި

މެމްބަރުންގެ ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

18 ފެބުރުއަރީ 2018

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ސުޕްރީމް ކޯޓުން މިރޭ މަޑުޖައްސާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ސުޕްރީމް ކޯޓުން މިރޭ މަޑުޖައްސާލައިފި އެވެ.

ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ނޫން ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އިރު، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބަޔަށް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.

މި ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކުރި އިރު، މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް އެޖެންޑާކޮށް، ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވަނީ ޖަލްސާ އަށް ދައުވަތު ވެސް ފޮނުވައިފަ އެވެ.

ސުޕްރީމު ކޯޓުގެ މި އަމުރުގައި ބުނީ މި ގޮތަށް އަމަލު ކުރަން އެންގީ ފެބުރުއަރީ 1ގެ އަމުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްޗެއް ކަމަށް ބަންޑާރަ ނައިބަށް ފެންނަ ހިނދު، އަދި ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުމަށާއި ރައްޔިތުންގެ ސަލާމަތާއި މަންފާ އާއި އާއްމު މިނިވަންކަން ދިފާއު ކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތަކަށް ވާތީ މި ބަޔަށް އަމަލު ކުރުން ފަސްކުރަން ދައުލަތުން އެދިފައިވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް، މިހާރު ތިއްބެވި މެމްބަރުންނާއެކު މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާ ފެށުމަށް އަންގައިފަ އެވެ.

ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކުރުމުގެ ބަޔަށް އަމަލު ކުރުން ފަސްކުރުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރެއް ނުވަތަ އިސް ފަނޑިޔާރެއް އައްޔަން ކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން ފަރާތަކުން ކުރުމަށް ކަނޑައަޅާފައިވާ ބަޔަށް ވެސް އަމަލުކުރުން ފަސް ކުރުމަށް ވެސް އެދިފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނި ގޮތުގައި މާދަމާ ހެނދުނު 9:00 ގައި ބާއްވަނީ ދައުރުން ބޭރު ޖަލްސާއެކެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ފުރަތަމަ ދައުރު ވަނީ ފެށިފަ އެވެ. މާދަމާ ބާއްވާ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ހަމައެކަނި ބުނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ.