Roadha Mihaaru
ފާރިސްއާ ބައްދަލުކުރަން މައުމޫން ޖަލަށް ވަޑައިގެންފި

ފާރިސްއާ ބައްދަލުކުރައްވަން މައުމޫން މާފުށީ ޖަލަށް ވަޑައިގެންފި

24 އޯގަސްޓް 2017

ރިޝްވަތުގެ ތުހުމަތުގައި މީގެ މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައިވާ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްއާ ބައްދަލުކުރައްވަން ކުރީގެ ރައީސް މައުމޫން މިއަދު މާފުށީ ޖަލަށް ވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތުގެ ތުހުމަތުގައި މީގެ މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައިވާ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްއާ ބައްދަލުކުރައްވަން ކުރީގެ ރައީސް މައުމޫން މިއަދު މާފުށީ ޖަލަށް ވަޑައިގެންފި އެވެ.

މިއީ މިދިޔަ ޖުލައި 18 ގައި ފާރިސް ބަންދުކުރި ފަހުން އޭނާއާ ބައްދަލުކުރައްވަން މައުމޫން ޖަލަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މައުމޫނާ އެކު ދަރިކަނބަލުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަޑައިގެންނެވި އެވެ.

މަންމާފުޅު ނަސްރީނާ އިބްރާހީމާއި ދައްތަ، ޔުމްނާ މައުމޫން ވެސް ވަނީ މީގެ ކުރިން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފަ އެވެ.

ފާރިސް ބަންދުކޮށްގެން ގެންގުޅެނީ ނުހައްގުން ކަމަށް ވިދާޅުވެ، މައުމޫނާއި ޔުމްނާ ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށްޓަކައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު އަދިވެސް ޝަރީއަތެއް ނުފަށަ އެވެ.

ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށް ހައްގުތަކުން އޭނާ މަހްރޫމްކުރަމުންދާ ކަމަށް ބުނެ އާއިލާ އާއި ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން މާފުށީ ޖަލަށް ވަޑައިގެން، ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމްއާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން މާފުށީ ޖަލަށް ވަޑައިގެން، ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމްއާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

މައުމޫން ވިދާޅުވެފައިވާ ގޮތުގައި ފާރިސް ޖަލުގައި ބަންދުކޮށްފައި ހުންނެވީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި އެވެ. ކަމާގުޅޭ އެއްވެސް އިދާރާއަކުން އެ މައްސަލަ ބަލައި އިންސާފު ހޯދައިދޭން މަސައްކަތް ނުކުރާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބަހައްޓަން އަމުރުކުރުމުން، އޭނާގެ ފަރާތުން ހައި ކޯޓުގައި އެކަން އިސްތިއުނާފް ކޮށްފައިވާއިރު މިހާރު އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތެއް އަދި ނުފަށަ އެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ފާރިސް އަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.